އަންނަ ހަފުތާއިން ފެށިގެން ހުޅުމާލެ ފޭސް ދޭކުން މާލެއަށް ސީދާ ބަސް ދަތުރުތައް ފަށާނެ ކަމަށް އެމްޓީސީސީން ބުނެފިއެވެ.

ހުޅުމާލެ ފޭސް ދެއަކަށް އެމްޓީސީސީން ބަސް ދަތުރުތައް ފެށީ މިދިޔަ އޮކްޓޯބަރު މަހުގެ ތެރޭގައެވެ. ނަމަވެސް މާލެއިން މިހާރު ފޭސް ދެއަކަށް ބަސް ދަނީ ހުޅުމާލޭގެ ހުރިހާ ބަސް ސްޓޮޕަކަށް މަޑުކޮށްފައެވެ. އަދި ހުޅުމާލެ ފޭސް 2 އިން މާލެ އަންނަން މިހާރު ޖެހެނީ ހުޅުމާލެ ފޭސް އެކަކާއި ދޭކާ ގުޅުވައިދޭ ބަހެއް ނަގައިގެން ފޭސް އެކަކަށް ގޮސް އިތުރު ބަހެއް ނަގައިގެންނެވެ.

އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އަންނަ ހަފުތާގެ ބުދަ ދުވަހުން ފެށިގެން ހުޅުމާލެ ފޭސް ދޭކަށް ސީދާ ބަސް ދަތުރުތައް ކުރަން ނިންމާފައިވާ ކަމަށެވެ.

އެގޮތުން ޓްރެފިކް މާ ގޯސް ނޫން ނަމަ، ކޮންމެ އެއް ގަޑި އިރުން ބަސް އޮންނާނެ ކަމަށާއި އަދި އަންނަ ޖުލައި މަސް ނިމުމުގެ ކުރިން ކޮންމެ 15 މިނެޓަކުން ދަތުރުތައް އޮންނާނެ ކަމަށް ވިދާޅުވި އެވެ.

އެމްޓީސީސީން މާލޭ ސަރަހައްދުގައި ދެމުން އަންނަ ބަހުގެ ހިދުމަތް ފުޅާކުރުމަށް މަސައްކަތްތަކެއް ކުރަމުންދާ އިރު، ހުޅުމާލޭ ފޭސް ދެއަކަށް ބަހުގެ ހިދުމަތް ފުޅާކުރުމަށް އާ ބަސްތަކެއް އޮގަސްޓުގެ ކުރިން ގެންނާނެ ކަމަށް އާޒިމް ވަނީ މީގެ ކުރީން ވިދާޅުވެފައެވެ.