މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ދާއިމީ މަގާމުތަކަށް މެންބަރުން އިންތިހާބު ކުރުމުގެ ވޯޓުލުން އަންނަ ޖޫން މަހުގެ 18 ގައި ބާއްވަން ނިންމައިފިއެވެ.

އެމްއެންޕީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެޕާޓީގެ ތަރުޖަމާނު ޔަސްރާ އަހުމަދު ވިދާޅުވީ ޕާޓީގެ ދާއިމީ މަގާމުތަކަށް މީހުން ހޮވުމަށް ބާއްވާ އިންތިހާބަށް މިހާރު ތައްޔާރުވަމުންދާ ކަމަށެވެ. އެ އިންތިހާބަށްފަހު ޕާޓީގެ ކޮންގްރެސް އަންނަ ޖުލައި މަހު ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

ޔަސްރާ ވިދާޅުވީ ޕާޓީ ކޮންގްރެސް ބާއްވަން ހަމަޖެހިފައި ވަނީ ޖުލައި މަހުގެ ހަތަކުން ނުވައަކަށް ކަމަށެވެ.

އޭނާ ވިދާޅުވީ ކުރިއަށްއޮތް އަންހެންނުގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ ބައި އިލެކްޝަންގައިވެސް އެ ޕާޓީން ވާދަ ކުރަން ނިންމާފައިވާ ކަމަށެވެ. އެ ބައި އިލެކްޝަންގައި ހިމެނީ، ދ. މީދޫ އާއި ފ. ނިލަންދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީއަށް މެމްބަރަކު އިންތިހާބު ކުރުމެވެ.

ޔަސްރާ ވިދާޅުވީ އެ ދެ ބައި އިލެކްޝަނަށް ކުރުމަތިލުމަށް ހުޅުވައިލި ފުރުސަތުގައި ކޮންމެ ރަށަކުން ކެނޑިޑޭޓަކު ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށާއި އިންތިހާބުގައި އެ ދެމީހުން ވާދަ ކުރާނެ ކަމަށެވެ. އަދި އެންމެ ފަހުން ބޭއްވި ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަނަށް ކެމްޕެއިން ކުރި ގޮތަށް އެހާ ފޯރީގައި އެރަށްތަކަށް އެމްއެންޕީން ކެމްޕެއިން ދަތުރުތައް ފަށާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.