ކުރިއަށް އޮތް ތަނުގައިވެސް އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ މައްސަލަތައް ރަނގަޅަށް ތަހުގީގު ކުރެވި އެކަށީގެންވާ ދައުވާ ނުއުފުލޭ ނަމަ ދައުލަތް ފެއިލްވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީގެވެސް ރައީސް ނަޝިދު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލަތައް، ތަހުގީގުކުރުމަށް ބޭރުގެ ފޮރިންސިކު އޮޑިޓާސް ކޮންޓްރެކްޓް ކުރުމަށް އެމަނިކުފާނު ވަރަށް ބޮޑަށް އެދިވަޑައިގެންނެވި ކަމަށެވެ.
"އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލަތައް، ތަހުގީގު ކުރުމަށް ބޭރުގެ ފޮރިންސިލު އޮޑިޓާސް ކޮންޓްރެކްޓް ކުރުމަށް އަޅުގަނޑު ވަރަށް އެދުނިން، ދެންވެސް މައްސަލަތައް ރަނގަޅަށް ތަހުގީގު ކުރެވި އެކަށީގެންވާ ދައުވާ ނުއުފުލޭނަމަ ދައުލަތް ފެއިލްވާނެ،" ނަޝީދު ވިދާޅުވިއެވެ.
ނަޝީދު މިހެން ވިދާޅުވެފައިވާ އިރު، އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތް ތަހުގީގުކުރުމުގައި އެންމެ އިސް ދަައުރެއް އަދާކުރާ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) މިހާރުވެސް އޮތީ ގާނޫނީ ހުސްކަމެއްގެ ތެރޭގައެވެ. އެއީ މީގެ ކުރިން އެ ކޮމިޝަންގައި ތިއްބެވި ހުރިހާ މެންބަރުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.
އެ މެންބަރުން އިސްތިއުފާ ދެއްވީ އޭސީސީގެ މަސައްކަތްދާ ސްޕީޑާ މެދު ހިތްހަމަނުޖެހިގެން އެ ބޭފުޅުން މެންބަރުކަމުން ވަކިކުރުމުގެ މަސައްކަތް ރައްޔިތުންގެ މަޖިލީހުން ފެށުމުންނެވެ. ނަމަވެސް އޭސީސީގެ މެމްބަރުކަމަށް ކުރިމަތި ލެއްވި ފަރާތްތަކުގެ ނަންތައް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު އިއްޔެ ވަނީ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވައިފައެވެ.
އެނަންތައް މަޖިލީހަށް ހުށަހަޅުއްވާފައިވާ އިރު، އޭސީސީގެ މެމްބަރަކު އިސްތިއުފާ ދެއްވައިފި ނަމަ ބަދަލުގައި އެ ކޮމިޝަނަަށް މެންބަރަކު އައްޔަންކުރުމަށް ގާނޫނުން ދީފައިވާ 60 ދުވަހުގެ މުއްދަތު މިދިޔަ މަހުގެ ނިޔަލަށް ވަނީ ހަމަވެފައެވެ.