ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ޚާންގެ ދޮންދަރިކަލުން މޫސާ މަނޭކާ ބަނގުރަލާއެކު މިހަފުތާގެ ހޯމަދުވަހު ޕާކިސްތާނުގެ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
މޫސާ މަނޭކާއަކީ އިމްރާން ޚާނުގެ އަނބިކަނބަލުން ބުޝްރާ ބީބީގެ ދަރިކަލުންނެވެ. ތަންކޮޅެއް ކުރީން ކުރެއްވި އެހެން ކައިވެނިފުޅަކުން ބުޝްރާއަށް ލިބިވަޑައިގެންފައިވާ ބޭފުޅެކެވެ.
މޫސާ މަނޭކާ ހައްޔަރު ކުރެވުނީ ލާހޯރުގެ ކްރިކެޓް ސްޓޭޑިއަމްގެ ކައިރިން އޭނާގެ ކާރު ހުއްޓުވައި ފާސްކުރުމުގެ ތެރެއިން ބަނގުރާ ފުޅިތަކެއް ފެނުމުންނެވެ. އެވަގުތު މޫސާ މަނޭކާޔާއެކު ތިބި އޭނާގެ ދެ އެކުވެރިޔަކު ވެސް ހައްޔަރު ކުރެވުނެވެ.
ޕާކިސްތާނަކީ އިސްލާމީ ގައުމަކަށްވެފައި އެތާގައި ބަނގުރާ ގެންގުޅުމާއި ބުއިމާއި އޭގެ ވިޔަފާރިކުރުން ގާނޫނީ ގޮތުން މަނަލެވެ. ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުން ފުލުހުންގެ ބެލުމުގެ ދަށަށް މޫސާ މަނޭކާ ގެންދެވުމުން އެކަމުގައި ޝާމިލްވި ފުލުސް އޮފިސަރުންނަށް ބިރު ދައްކަވައި އޭނާޔަކީ ޕާކިސްތާނުގެ ފަސްޓްލޭޑީގެ ދަރިކަލުންކަން ނޭނގެނީހޭ ހޭއަރުވައިލާނަމޭ ވިދާޅުވެ އިންޒާރު ދެއްވިއެވެ.
ލާހޯރަކީ ޕަންޖާބު ޕްރޮވިންސްގެ ވެރިރަށެވެ. ޕަންޖާބުގެ ފުލުހުންގެ ވެރިޔާއަށް ވެރިރަށް އިސްލާމްއާބާދުން އަމުރު އައިސްގެން މިހާރު އިމްރާނުގެ ދޮންދަރިކަލުންނާއި އޭނާގެ ބަނގުރާ ޓީމު ވަނީ މިނިވަންކޮށް ދޫކޮށްލައިފައެވެ. އެހެންނަމަވެސް އެއީ ފަސްޓްލޭޑީ ޝާމިލްވާ ގޮތަށް އާއިލާގެ ފަރާތުން ޖާމިނުވުމުން ކަމަށް ޕަންޖާބުގެ ފުލުހުން ބުނެއެވެ.