ދެކޭ މީހުންނަށް ފެންނާނީ ހަމައެކަނި ބޭރުފުށުގެ މަންޒަރެވެ. ފާޑުކިޔާ މީހުންނަށް ހަގީގަތެއް ނޭނގޭނެއެވެ. އަނެކުންގެ ދިރިއުޅުމުގެ ހަގީގަތް ނޭނގުނަސް ވާހަކަ ދައްކާ މީހުންގެ ދުލަކު ނުހިފެހެއްޓޭނެއެވެ.
އަގުބޮޑު މޮޅު ހެދުން އަޅައިގެން ކުލަރީތި މޭކަޕާއި ވިދާ ގަހަނާ ތަކުގައި ގެއިން ބޭރަށް އަޅާ ފިޔަވަޅާއެކު ދެވަނަ ފިޔަވަޅު އެޅެނީ މޮޅު އެންމެ ފަހުގެ އަމިއްލަ ކާރެއްގެ ދޮރުން އެތެރޭގައެވެ. ދިރިއުޅުމުގައި އެއްވެސް މައްސަލައެއް ނޯންނަ ކަހަލައެވެ. ދަރިން ސްކޫލަށް ލާން ދަތުރު ކުރަނީ ދުއްވާނެ ޑުރައިވަރަކު ލާފަ އޮންނަ ކާރެވެ. ޑެލިވަރީކުރާ މީހުން އަބަދުވެސް ގެއަށް ކާތަކެއްޗާއި ބޭނުންވާ އެހެނިހެން ސާމާނު ގެނެސްދީދީ ތިބެއެވެ. މަސައްކަތްތަކަށް ހާއްސަ ނޯކަރުން ގަޑިންގަޑިއަށް އައިސްގޮސްވާތަން ފެނެއެވެ. ދަރިންގެ ޓިއުޝަނަށް އަގުބޮޑު މޮޅު ޓީޗަރުން ގެނެވެއެވެ.
އާމްދަނީ ހޯދަން ފިރިމީހާ މަސައްކަތް ކުރާތަނެއް ނުފެނެއެވެ. އޭނާ ގެއަށް އަންނަނީ ރޭގަނޑު ވަރަށް ލަސްވާފަހުންނެވެ. އޭނާގެ އަމިއްލަ ވިޔަފާރިއެއް ހިންގައެވެ. އެތަނަށް މުވައްޒަފުން ލާފައި ތިބޭއިރު އޭނާ ހުސްހަށިބަޔަށް ހުންނަނީ ކީއްވެގެން ހެއްޔެވެ. މިއީ ވަރަށް ތަފާތު ދެމަފިރިއެކެވެ. ދެމީހުންވެސް ވަޒީފާއަށް ދާނެއެވެ. ދަރިންގެ ކަންތަކަށް ވަގުތު ހޯދާހެނެއް ހިއެއް ނުވެއެވެ. ބަރާބަރަށް ސުކޫލަށް ގެންދާން ކާރު ބަލައި އަންނާނެއެވެ. ކާތަކެތި އަންނަނީ އޯޑަރުކޮށްގެންނެވެ. ސިއްރުވެރި ދިރިއުޅުމެއް އުޅޭ ބައެކެވެ.
މިއީ މުޖުތަމައު ތެރޭގައި އުޅޭ ބައެއް ކަހަލަ އަންހެނުންނާއި ފިރިހެނުންނާ ބެހޭ ގޮތުން ތަފާތު މީހުން ދައްކާ ތަފާތު ވާހަކަ ތަކެވެ. މާލޭގެ އެކި ހިސާބު ތަކުގައި އުޅޭ ދެވަން ފުރައަށް ދާ މަސައްކަތްތެރި ދެޖިންސުގެ މީހުންނާ ބައްދަލުކޮށް، އެގޮތަށް ވަކިން އެހާ ހަމަޖެހޭ ފާގަތި ދިރިއުޅުމެއް އުޅެވެނީ ކިހިނެއްތޯ އޮޅުންފިލުވަން ކުރި މަސައްކަތުން ލިބުނު ޖަވާބުތައް ހީކުރި ވަރަށްވުރެ މާބޮޑަށްވެސް އިވިފައި ހުރި ވާހަކަތަކާ އަޅައި ބަލާއިރު އުޑާ ބިމާހާ ތަފާތެވެ.
"މީހުންނަކަށް ނޭނގޭނެ މިހިސާބަށް އައީ ކިހާ ހާލެއްގަ ތެޅިގެންކަމެއް. ވަރަށް ބިކަކޮށްވެސް އުޅުނިން. ވަރަށް ގިނަ އަހަރުތަކުގެ ބުރަ މިންނެތް މަސައްކަތް މިއުޅޭ ދިރިއުޅުމުގެ އަސްލަކީ."
ގާތްގަނޑަކަށްހެން ދެތިން މީހަކު ނޫނީ އެހެން އެންމެންވެސް ދިނީ އެއްކަހަލަ ޖަވާބުތަކެކެވެ. ފެށުނީއްސުރެ މައިންބަފައިންގެ ފަރާތުން ވާރުތަ ވީ މުދަލާއި މުއްސަނދިކަމުގައި ދިރިއުޅޭ މީހުން ވަރަށް މަދެވެ. އެހެން ހުރިހާ އެންމެންނަކީވެސް އެތައް ހިތްވަރަކާއި އެތައް ގޮންޖެހުމަކާއި އެހާމެ ވޭނީ ހިތްދަތި ދުވަސްތަކެއްގައި އުޅުމަށްފަހު އެހިސާބަށް އާދެވިފައި ތިބި މީހުންނެވެ.
"ވަރަށް ޅައުމުރުގައި މީހަކާ އިނީ. ކައިވެންޏަށް ދޮޅު އަހަރުވީއިރު ދެކުދިން ލިބިއްޖެ. އަހަރުދެކޮޅުގަ ލިބުނީ. ތުއްތުމެންގެ ބައްޕަ ވަރަށް ރަނގަޅުވެފަ އެހާމެ ހެޔޮވާނެ. ތެދަށް ބުނަންޏާ މިއަދުގެ މިހިނދުވެސް ވަރަށް ވަރަށް ލޯބިވެސް ވޭ. އެކަމަކު ހަމައެކަނި ލޯބިވިޔަކަސް ދިރިނޫޅެވެނެއެއްނު!"
ރަށްފުށުގެ ސާދާ ދިރިއުޅުމެއްގައި އުޅެމުން އައި ފާތިނާ އިއްޒަތު، މާލޭގެ ހަލަބޮލި މާހައުލުގައި އަމިއްލަ ބޯކޮށާ ތަނަކާއި ކާބޯތަކެތީގެ ވިޔަފާރިއެއްގެ ވެރިއަކަށްވީ ގޮތް ކިޔައިދިން އިރު ފާހަގަވީކަމަކީ ޅައުމުރުގެ، ފުރާވަރުގެ އެތައް ހުވަފެންތަކެއް އޭނާގެ ހިތުގައި އަދިވެސް ހަރުލާފައިވާކަމެވެ.
އުމުރުން 48 އަހަރަށްދާ ފާތިނާގެ ދެކުދިންނަކީ މިހާރު މަތީތައުލީމު ހާސިލު ކުރަމުން އަންނަ ދެބެއިންނެވެ. އެންމެ ސޯޅައަހަރުގައި މަންމައަކަށްވީއިރު އޭނާއަކަށް ކުއްޖަކު އުރާލާކަށްވެސް ނޭނގެއެވެ. އުފަން ރަށުން މާލެ އައީ ސައްތައިން ސައްތަ ކުލަހިފާފައިވާ ހުވަފެންތަކެއް ބެލުމަށް ފަހުއެވެ.
"އެއްދުވަސްވަރަކު މަހަށް ގޮސްދާނެ. އެއްހަފުތާ ދެހަފުތާ ފަހުން އަންނާނީ ވަރަށް ފައިސާ ހިފައިގެން. އެކަމަކު ގޭގެ ހަރަދުތަކަށާއި އަނބިދަރިންގެ ހަރަދުތަކަށް ހޭދަވާ ވަރަށްވުރެ ތުއްތުމެންގެ ބައްޕަގެ ޕާޓީތަކަށާއި ރައްޓެހިންނަށް ހަރަދުވާވަރު ބޮޑުވާނެ."
ހަރުދަނާކަމެއް ނެތް ޒުވާނަކާއެކުގައި ދިރިއުޅުމަކީ ކިހާ ވޭންހުރި ކަމެއްކަން އެނގޭނީ އެފަދަ ދިރިއުޅުމެއް ވޭތު ކުރިމީހަކަށެވެ.
ކުދިންގެ ބޭނުންތައް ނުފުދި ގޭގައި ކާނެ ބޯނެ އެއްޗެއް ނެތި ދަރަނިވެރިވާ ހިސާބަށް ދިޔައިމަ އޭނާއަށް ވިސްނުނީ މިއުޅެވެނީ އަދި ރަނގަޅު ދިރިއުޅުމެއް ނޫންކަމެވެ. އެހެންކަމުން ވަގުތު މާބޮޑަށް ލަސްނުވަނީސް ފިޔަވަޅެއް އެޅުމަށް ފާތިނާ ވިސްނިއެވެ. ކިތަންމެ ދަތި ހާލެއްގަ އުޅެގެން ކިތަންމެ އުނދަގޫ މަސައްކަތެއް ކޮށްގެންވިޔަސް ދިރިއުޅުން ފާގަތި ހިސާބަކަށް ގެންދެވިއްޖެނަމަ ދެން ހިންދެމިލެވިދާނެކަން އޭނާއަށް ގަބޫލު ކުރެވެއެވެ. ކިތަންމެ ލޯބިވިޔަސް، ހިތްހަމަނުޖެހިގެން ބާރަށް ބަހެއް ނުބުނާތާނގައި ރުޅި މޫނުވެސް ނުދައްކާ ފިރިމީހާއަކީ އެކުގައި އުޅެވޭނެ މީހެއް ނޫންކަން އިހުސާސް ކުރެވުނީ ފާތިނާ ކުރާ މަސައްކަތުގެ މުސާރައިން ކަންތައް ހަމަޖެހެން ފެށުމުންނެވެ. އެހިސާބުން ފިރިމީހާ ވީ އަނބިމީހާގެ އާމްދަނީން ހޭދަކުރާ ހަމަޖެހިލައިގެން ގޭގައި އަރާމުގަ އޮންނަ ކަހަލަ މީހަކަށެވެ.
ހިތްމަރާލާފައި ދަރިންނަށް އެންމެ ރަނގަޅު ގޮތަކީ ދެމީހުން ވަކިވުންކަމަށް ދަރިންނަށް ވިސްނަދީފައި ފާތިނާ އެކަނިވެރި މަޔަކަށް ވެގަތީއެވެ. ދައުލަތުން އެކަނިވެރިމައިންނަށް ދޭ ފައިސާއަކީ ފާތިނާ ރޭދުވާ ވަކިނުވެ ކުރާ މަސައްކަތުން ލިބޭ އާމްދަނީއާ އަޅައި ބަލާއިރު ހަމަ އެކައްޗެއްވެސް ނޫނެވެ. އެހެންނަމަވެސް އޭނާ ދެކުދިންގެ އެހައްގު ހޯދީ، ކުއްޖެއްގެ އެންމެ ހަފުތާއެއްގެ ހަރަދުވެސް ބޮލަކަށް ލިބޭ އެއްހާސްރުފިޔާއަށްވުރެ ބޮޑު ނަމަވެސް އެއިންވެސް ކުރަން ޖެހޭ ކަންތަކަށް އިތުރު އެއްޗަކަށް ވާނެތީއެވެ.
ފަނަރައަހަރުވީއިރު އެއްލާރިން ދެލާރި ހެދި މިއަދު ވިޔަފާރިވެރިއަކަށްވިޔަސް އަދިވެސް އެކަނިވެރި މައެއްތޯ ސުވާލުކޮށްލުމުން ފާތިނާގެ ޖަވާބަކަށްވީ ދަރިންނާއެކުގައި މިއުޅޭ ދިރިއުޅުމުން ހިތްހަމަޖެހުން މާބޮޑަށްވެސް ލިބޭ ކަމަށެވެ. އަލަތުލޯބީގެ އަލަތު ކައިވެނީގެ ހަނދާންތައް އަދިވެސް އޭނާއަށް އިތުރު ހަޔާތެއް ފަށާނެ ހިތްވަރެއް ނުދެއެވެ.
މިފަދަ ކިތަންމެ ފާތިނާއެކެވެ. ވަން އިން ކުރި ސުވާލުތަކަށް ޖަވާބު ދެމުން ދަރިފުޅާއެކު ދެވަނަ ކައިވެންޏަކުން ހަމަޖެހޭ ދިރިއުޅުމަކަށް ވާސިލުވި އަންހެނަކު ކިޔައިދިން ގޮތުގައި އޭނާއަށް ދަރިފުޅުގެ ބައްޕަ ގޯހެއް ނޫނެވެ. އެކަމަކު މާލެ ގެނެސް ކުއްޔަށް ތަނެއް ހިފައި ނުއުފުލޭ ވަރުގެ ހަރަދު ކުރަން ފެށިއިރު އަލަތުފިރިމީހާ ވީ މައިންބަފައިންގެ މުދަލުގައި ދިރިއުޅޭ މީހަކަށެވެ. އެއީ ގޮތެއް ނޫންކަމަށާއި އަމިއްލައަށް އަމިއްލަ ފައިމައްޗަށް ތެދުވާށޭ ބުނެ ކިޔައިދިން އެއްވެސް ވާހަކައެއް އޭނާއަކަށް އަޑެއް ނީވުނެވެ. ތުއްތު ދަރިފުޅު ގޮވައިގެން ވަޒީފާއަކަށް ދެވޭ ގޮތް ހަމަޖެހުމުން އޭނާ ވަޒީފާ އަދާ ކުރަން ފެށީ މަޑުމަޑުން އަމިއްލަ ފައިމައްޗަށް ތެދުވުމާއެކު ފާގަތި ދިރިއުޅުމެއް ހޯދުމަށް ނިޔަތްގަނެގެންނެވެ. ގޭގައި ހެދިކާހަދައިގެން ބަނަސް ފިހެގެން ވިއްކަމުން ރޮށިފިހަން ފެށީ ދަރިފުޅު ސުކޫލަށް ދާން ފެށުމުން އިތުރަށް ފައިސާ ބޭނުންވާތީއެވެ. ހަމައެހެންމެ އޭރުވެސް އޭނާގެ މަގުސަދަކަށްވީ އުމުރުގެ ވަކިހިސާބަކަށް ދެވޭއިރު ހަމަޖެހިގެން ހިންދެމިލައި ދަރިފުޅަށް ދަތިނޫން ފާގަތި މުސްތަގުބަލެއް ހޯދަދިނުމެވެ. މިހާރު އިނދެގެން އުޅޭ މީހާއަކީ ބުރަ މަސައްކަތުން ލާރިހޯދައިގެން އަމިއްލަ ވިޔަފާރިއެއް ފަށްޓައިގެން ރެސްޓޯރެންޓެއް ހިންގަމުން ދިޔައިރު ކުޑަކުޑަ ދަރިފުޅެއްގެ ޒިންމާވެސް އަދާ ކުރަމުން ދިޔަ މީހެކެވެ. ދެމީހުންމެ ދަތުރު ކުރަމުންދިޔައީ އެއްމިސްރާބަކަށެވެ. އެކެއްގެ އޯގާތެރިކަން އަނެކަކުގެ ހަމްދަރުދީން އަގުދެވޭ ފަދަ ވިޔަފާރިއެއްގައި އެމީހުން ސޮއި ކުރީ އަލަތު ކައިވެނިން ވަކިވެ އެހިތިރަހަ އަރުތެރެއިން ނުފިލައިހުންނަތާ ތިން އަހަރުވެސް ވީފަހުންނެވެ.
ހެނދުނު ހޭލާ ގޮތަށް ގޭތެރޭގެ މަސައްކަތް ނިންމުމަށްފަހު ދަރިފުޅު ތައްޔާރުކޮށް މުހިންމު އިރުޝާދު ދީ، ކެމެރާ ހަމަކޮށް އޮންކުރުމަށްފަހު ކެމެރާއާއި ފޯނާއި ގުޅުނުތޯ ޗެކްކޮށްލާފައި ބަރާބަރު އަށްގަޑި ބަޔަށް ވަޒީފާއަށްދާ އިނާޒާއަކީވެސް ހިތްވަރުގަދަ އަންހެނެކެވެ. ހައަހަރުގެ ދަރިފުޅު ގޭތެރޭގައި އުޅޭ ނޫޅޭ ގޮތް ކެމެރާއިން ބަލަމުން އޭނާ ވަޒީފާ އަދާ ކުރާ ތަނުގެ ހުރިހާ މަސައްކަތެއް ހަމަ އެންމެ ފުރިހަމައަށް އަދާ ކުރާ ސާޅީހަކަށް އަހަރުގެ މިއެކަނިވެރި މަންމައަކީ ނަމޫނާ އަންހެނެކެވެ. ދަރިފުޅު މެންދުރު ސުކޫލަށް ލުމަށްފަހު އެނބުރި ވަޒީފާއަށް ދެއެވެ. ހަވީރު ސުކޫލުން ގެއަށް ގެނެސް ގޭތެރޭގެ ކަންތައް ހަމައަކަށް އަޅުވައި ދަރިފުޅުގެ ކަންތައްކޮށް، ބުނެދޭން ޖެހޭ ކަންތައް ބުނެދިނުމަށްފަހު އޭނާ އަވަސްވެގަންނަނީ ރޭގަނޑު އިތުރުގަޑީގައި ވަޒީފާ އަދާ ކުރާ ޕްރިންޓް ނަގާ ތަނަށް ދިއުމަށެވެ. ރޭގަނޑު އެގާރަ ޖަހާއިރަށް ގެއަށް އައިސް، ނިދިފައި އޮންނަ ދަރިފުޅު ގަޔާލައިގެން ނިދާލަނީ، ދިރިއުޅުމުގެ މިބުރަ ދުވަސްތަކަށް ކޮންމެވެސް ދުވަހަކު ނިމުމެއް އަންނާނެކަމުގެ ފުރިހަމަ އުއްމީދުގައި ވަރުބަލިކަމެއް ނެތިއެވެ. ދަރިފުޅުގެ ބައްޕަ، އިނާޒާގެ ބަނޑަށް ހަމަސްވިތަނާ ޖަލަށް ގެންދިޔަގޮތަށް މިވީ ހައަހަރު ތެރޭ އެނބުރި އަންނާނެކަމުގެ އެއްވެސް ޔަގީންކަމެއް ނެތްތާނގައި އެކަމާމެދު މިއަދު އޭނާ ވިސްނާކަށްވެސް ބޭނުމެއް ނޫނެވެ. އޭނާގެ ހަމައެކަނި އުއްމީދަކީ އޭނާގެ ދަރިފުޅަށް ރަނގަޅު ރައްކާތެރި އަމާން މުސްތަގުބަލެއް ހޯދާދިނުމެވެ.
މިފަދަ އެތައް އަންހެނުންނަކާއި ފިރިހެނުންނެއް މިދިވެހި މުޖުތަމައުގައި އެބައުޅެއެވެ. އެތައް އުއްމީދަކާއެކުގައި ފަށާ ދިރިއުޅުން ފުނޑުފުނޑުވެ ހިތާމައިގައި ރަޖާލައިގެން ތިބޭ މާޔޫސްވެފައިވާ މީހުންނަށް މިހަރުދަނާ ނަމޫނާ މައިންނާއި ބަފައިން ދިން ނަސޭހަތެއް 'ވަން' މެދުވެރިކޮށް ފޯރުކޮށް ދިނުމަށް އެމީހުން އެދުނެވެ.
"ކޮންމެ ކަމެއް ދިމާވިޔަސް ވަރިހަމަ. ފަސް އެނބުރި ނުބަލާތި. ސަބަބަކީ ދިރިއުޅުން ދަނީ ކުރިއަށްކަމަށްވާތީ. ފަހަރެއްގައިވެސް ވަގުތު ފަހަތަކަށް ނުހިނގާނެ."
"ދަރިންނަށްޓަކައޭ ކިޔާފަ މޮޔަ ކަންތައް ކުރަން ބޭކާރު ކޮއްމަސްބުރިއެއްގެ މިސާލުގެ މީހަކާ އިނދެގެން އުޅުމަށްވުރެ އެކަނިމާއެކަނި ދަރިފުޅުމެން ގެންގުޅުނިއްޔާ، މާބޮޑަށްވެސް ދަރިންނަށްޓަކައި ގުރުބާންވިއޭ ބުނެވިދާނެ."
"ފައިދާއެއް ނެތް ބޭކާރު ކަންތައް ކުރަނީ މޮޔައިން. އަންހެނަކަށްވީތީ ފިނޑިވެގެން ނުވާނެ. އަންހެނުންނަކީ ދަރިން ބަލަން ގޭގައި ތިބެން ޖެހޭ ބަދިގޭގެ މުދަލެއް ނޫނޭ. އެހެން ބައިންދަން ބޭނުމިއްޔާ ލައްކަ ކަންތައް ފުރިހަމަކޮށްފަ އަރާމުގަ ބަހައްޓައިދޭނެ. އަނތްބަކަށްވުމަކީ ގުލާނު ކުރުމެއްވެސް ނޫން."
ނަސޭހަތަކީ ކޮންމެ މީހަކު ދިނަސް އަގުހުރި ކަމަށްވާނަމަ ބަލައިގަންނަން ޖެހޭ އެއްޗެކެވެ. އެހެންނޫނަސް ދިރިއުޅުން އުފާވެރި ކުރެވޭނީ ތިމާ މަސައްކަތް ކުރިވަރަކުންނެވެ. އުފަލާއި ހިތްހަމަޖެހުން ހޯދަން ހުދޫދެއްގެ ތެރެއިން މިނިވަން ކަމާއެކު މަސައްކަތް ކުރުމަކީ ކޮންމެ އިންސާނެއްގެ ވެސް ހައްގެކެވެ. އެހައްގު ލިބިގަންނާށެވެ. ތިމާގެ ހިތްހަމަޖެހުން އޮތީ ކޮންގޮތަކުންތޯ އެނގޭނީ ހަމަތިމާއަށެވެ. އެހެންމީހަކަށް ތިމާގެ ލަގަން ނުދޭށެވެ. ހަމަޖެހޭ ހަޔާތެއް ލިބޭނީ ތިމާގެ ވެރިއަކީ ހުދު ތިމާއަށް ވެގެންނެވެ.
މި ހަގީގަތާއެކު އެހެން ކަމެއްވެސް ފާހަގަކޮށްލަން ޖެހެއެވެ. ދެމަފިރީން ގުޅިގެން، ފިރިމީހާގެ ފުރިހަމަ ސަޕޯޓާއި އެހީތެރިކަމާއެކުޔ ދިރިއުޅޭ ކާމިޔާބު އާއިލާތައް ވެސް އެބަ ފެނެ އެވެ. އެއީ ކާމިޔާބު އާއިލާއެއް ބިނާކުރާން މަސައްކަތް ކުރާ ފިރިހެނުންނެވެ. މި ރިޕޯޓުގައި މި ބަލައިލީ އެ ކެޓެގަރީގެ މީހުންނަކަށް ނޫނެވެ. އެހެނަސް ދިރިއުޅުމުގައި އަމާޒެއް ނެތް، އާއިލީ ޒިންމާ ނުނަގައި، މުސްތަގުބަލު ބިނާ ކުރުމުގެ ވިސްނުމެއް އަމުދުން ނެތް، މީހުންގެ މައްޗަށެވެ. ކޮންމެ ކައިވެންޏެއްވެސް ކާމިޔާބު ވޭތޯ، ދެމަފިރީން ވެސް ކުރެވޭން އޮތް ހުރިހާ މަސައްކަތެއް ކުރާން ޖެހެ އެވެ. އެހެން ނަމަވެސް އެ މަސައްކަތަކީ ކާމިޔާބު ނުވާނެ މަސައްކަތެއްކަން ސާފުކޮށް އެނގޭ ނަމަ، އަމުދުން ދަރީންވެސް ތިބި ނަމަ، އެންމެންގެ ދިރިއުޅުން ފުނޑިގެން ދިއުމުގެ ކުރީން ގޮތް ނިންމާން ޖެހެ އެވެ.
ރިޕޯޓް
ރިޕޯޓް
ރިޕޯޓް
ރިޕޯޓް