ޔޫކްރެއިންގައި ތިބި ދިވެހި ދަރިވަރުންގެ ތެރެއިން 25 ދަރިވަރަކު ރާއްޖެ އަންނަން މިއަދު ފުރައިފިއެވެ.

ޔޫކްރެއިން އާއި ރަޝިއާގެ މަޝްރަހު ހޫނުވެ، ހަނގުރާމައެއް ފެށިދާނެކަމުގެ ބިރު އޮތުމާ ގުޅިގެން ޔޫކްރޭންގެ ކާކިވް ސިޓީގައި ތިބި ދިވެހި ދަރިވަރުން ރާއްޖެ ގެނައުމުގެ މަސައްކަތް ސަރުކާރުން އަންނަނީ ކުރަމުންނެވެ. އެ ދަރިވަރުން ރާއްޖެ ގެނައުމަށް ސަރުކާރުން އެހީވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ނިންމަވައި، އެކަން ފޮރިން މިނިސްޓްރީއަށް ރަސްމީކޮށް އެންގެވީ އިއްޔެއެވެ.

ފޮރިން މިނިސްޓްރީން މިއަދު ބުނީ، ރަޝިއާގެ ބޯޑަރު ސަރަހައްދުގައި އޮންނަ ކާކިވްގައި ދިރިއުޅޭ 35 ދަރިވަރުންގެ ތެރެއިން އެއް ދަރިވަރަކު ރާއްޖެ ގެނެވިފައިވާ ކަމަށާއި ހަތަރު ދަރިވަރަކު މިދިޔަ ހުކުރު ދުވަހު ރާއްޖެ އައުމަށް ފުރާފައިވާ ކަމަށެވެ. އަދި އިތުރު 25 ދަރިވަރުން މިއަދު ރާއްޖެ އަންނަން ފުރާފައިވާ ކަމަށް ބުންޏެވެ.

މިވަގުތު އެ ސިޓީގައި ދިވެހި ފަސް ދަރިވަރަކު އުޅޭ ކަމަށާއި އެކުދިން ވެސް ރާއްޖެ އައުމުގެ ކަންކަން އަންނަނީ ކުރަމުން ކަމަށް ފޮރިން މިނިސްޓްރީން މައުލޫމާތުދެއެވެ.

ފޮރިން މިނިސްޓްރީން މީގެ ކުރިން ބުނެފައިވާ ގޮތުގައި ޔޫކްރޭންގައި ތިބި ދިވެހި ދަރިވަރުންގެ ހާލަތު ޖަރުމަނުގެ ބާލިންގައި ހުންނަ ރާއްޖޭގެ އެމްބަސީ މެދުވެރިކޮށް ގާތުން ބަލަމުން އަންނަ ކަމަށެވެ.

ޔޫކްރެއިނާއި ރަޝިއާގެ މަޝްރަހު ހޫނުވެ، އިރުމަތީ ޔޫކްރެއިންގެ ޑޮނެސްކް އަދި ލުހާންސްކް މިނިވަން ދައުލަތްތަކެއްގެ ގޮތުގައި ބަލައިގަންނަން ނިންމަވައި، އެ ސަރަހައްދަށް ރަޝިއާ ސިފައިން އަރަން ރައީސް ލެޑިމިއަ ޕުޓިން ރޭ ވަނީ އަމުރުކުރައްވައިފައެވެ.

އެކަމާ ގުޅިގެން ހަނގުރާމައެއް ފެށިދާނެ ކަމުގެ ބިރު އިންތިހާއަށް ހީވެ، ދުނިޔޭގެ ގައުމުތަކުން ދަނީ ރަޝިއާގެ އެ ނިންމުން ކުށްވެރި ކުރަމުންނެވެ. އަދި ރާއްޖެއިން ވަނީ އެ ގައުމަށް ދިވެހިން ދަތުރު ނުކުރަން މިދިޔަ ހަފުތާގައި އަންގައިފައެވެ.

ސަރުކާރުން މީގެ ކުރިން ބުނެފައިވާ ގޮތުގައި އެގައުމުގައި 50 އަށްވުރެ ގިނަ ދިވެހިން ދިރިއުޅެއެވެ.