ރާއްޖޭގައި ތިބެގެން ކުށްކުރުމުގެ ބޭނުމުގައި، ބިދޭސީން ދިވެހިންނާ ކައިވެނިކުރާ މައްސަލަތަކެއް ރައްޔިތުންގެ މަޖިލީހުގެ ހާރިޖީ ގުޅުންތަކުގެ ކޮމެޓީގެ ސަމާލު ކަމަށް ގެނެސްފިއެވެ.

އެ މައްސަލަ ކޮމިޓީގެ ސަމާލު ކަމަށް ގެނައީ، ރަސްމީ ލިޔެކިޔުން ނެތް ބިދޭސީ މަސައްކަތްތެރިންގެ މައްސަލައާ ގުޅޭގޮތުން، ހާރިޖީ ގުޅުންތަކުގެ ކޮމިޓީން މިނިސްޓްރީ އޮފް ފޮރިން އެފެއާޒް އާއި މޯލްޑިވްސް އިމިގްރޭޝަން އަދި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ އިސް ބޭފުޅުންނާ އެކު މިއަދު ކުރިއަށްގެންދިޔަ ބައްދަލުވުމުގައެވެ.

އެ ބައްދަލުވުމުގައި ޑެޕިއުޓީ ޗީފް، އިމިގްރޭޝަން އޮފިސަރު މުހައްމަދު ޝިފާން ވިދާޅުވީ، މެރިޖް ވިސާގައި ތިބި ބިދޭސީން ރާއްޖޭގައި ކުށްކުރާ މައްސަލަތައް އިތުރުވަމުންދާ ކަމަށެވެ.

އެކަމުގައި ހިމެނޭ އެންމެ ބޮޑެތި ކަންބޮޑުވުންތައް ހާމަ ކުރައްވަމުން އޭނާ ވިދާޅުވީ، ބިދޭސީއަކު ދިވެއްސަކާ ކައިވެނިކުރަން ހުށަހެޅީމަ، އެމީހާގެ ބެކްރައުންޓު ސާފު ކުރުމަށް އިމިގްރޭޝަނަށް ހުށަހެޅުމުން، އެޕްރޫވް ނުކުރާ ހާލަތްތަކުގައި ވެސް ކައިވެނިކޮށްދޭކަމަށެވެ.

އޭގެ އިތުރުން ދިވެހިން ބޭރު ގައުމުތަކަށްގޮސް އިމިގްރޭޝަނުން ބްލެކްލިސްޓު ކޮށްފައި ތިބޭ ބިދޭސީންނާ ކައިވެނިކޮށްގެން އެފަދަ މީހުން ރާއްޖެ ގެނައުމަށް މަސައްކަތް ކުރަމުންދާ މައްސަލަތަކެއް ހިމެނޭ ކަމަށްވެސް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ އިމިގެރޭޝަނުން އެމީހުން އެތެރެވުމަށް ހުއްދަ ނުދިނުމުން، ދެން އެ މަސައްކަތް ކުރަނީ، ހިއުމަންރައިޓްސް ފަދަ ތަންތަނަށް ހުށަހަޅައިގެން ކަމަށެވެ.

"އެމީހުން ކައިވެންޏަށް ހުށަހެޅީމަ ކޯޓުން އަޅުގަނޑުމެންނަށް ބެކްރައުންޑް ޗެކެއް ކުރަން ފޮނުވާނެ، އަޅުގަނޑުމެންގެ އެޕްރޫވަލެއް ދިނީމަ އެކަން ވާނީ، ބައެއް ފަހަރު އަޅުގަނޑުމެން ރިޖެކްޓް ކުރާ ހާލަތްތަކުގައިވެސް ކައިވެނި ކޮށްދޭ، އެއީ ކައިވެނިކުރުމަކީ ލިބިގެންވާ ހައްގަކަށް ވާތީ، ނަމަވެސް ވިސާ ލިބުމުގައި އަޅުގަނޑުމެން އެބަ ހުއްޓުވަން، ދެން މީގެ ތެރެއިން އަނެއްކާވެސް ކޮމްޕްލިކޭޝަނެއް އެބަ އާދޭ ކައިވެންޏެއް ކޮށްފައި ރާއްޖޭގައި އުޅުމުގެ ހުއްދަ އެމީހާއަށް ނުލިބޭތީ އެފަދަ މައްސަލަތައް އެބަ ނުކުމޭ، މީގެ އިތުރުން ބައެއް ފަރާތްތައް ރާއްޖޭން ބޭރުގައި ކައިވެނިކޮށްފަ ދަރިން ހޯދައިފަ މިކަހަލަ މައްސަލަތަކެއްވެސް އެބައުޅޭ. ދެން އަޅުގަނޑުމެން ހުއްދަ ނުދޭ ފަރާތެއް، ރާއްޖެ ގެނައުމަށް މަސައްކަތްކުރޭ އެބަ، އިމިގްރޭޝަނުން ބްލެކްލިސްޓްކޮށްފަ ހުންނަ ފަރާތަކާ ކައިވެނި މިކުރަނީ ރާއްޖޭން ބޭރަށް ގޮސް، މިސާލަކަށް ބްލެކްލިސްޓު ކުރުމުން އެގައުމަށް ގޮސްފަ ކައިވެނިކޮށްގެން ހިއުމަންރައިޓްސް ކޮމިޝަނާ ތަންތަނަށް ހުށަހަޅައިގެން އެމީހާ ގެނައުމުގެ މަސައްކަތް މިފަށަނީ، އެކަހަލަ ބައިވަރު މައްސަލަ މިހާރު އެބައުޅޭ،"

އޭނާ ވިދާޅުވީ ދޭސީ ބިދޭސީ ކައިވެނި ތަކުގައި ބެއް ބިދޭސީން ކައިވެނި ކުރަނީ "މެރިޖް އޮފް ކޮންވީނިއަންސް" ލޯބިން އެކުގައި އުޅުމުގެ ބަދަލުގައި ވަކި މަގްސަދުތަކެއް ހާސިލު ކުރުމަށް ކަމަށެވެ. އެފަދަ ފަރާތްތައް ގިނަ ފަހަރަށް ކައިވެނި ކުރަނީ، އުމުރުން ދުވަސް ވެފައިވާ ދިވެހިންނާ ކަމަށް ވެސް ވިދާޅުވިއެވެ.

އެ މީހުން ދިވެހިންނާ ކައިވެނިކޮށްގެން، މެރިޖް ވިސާ ހޯދުމަށް ފަހު، ރާއްޖޭގައި ހަށިވިއްކުން ފަދަ ކުށްތައް ކުރާ މައްސަލަ އާންމުވަމުންދާ ކަމަށް ވެސް ޝިފާން ވިދާޅުވި އެވެ.

މެރިޖް ވިސާ ހޯދައިގެން ރާއްޖޭގައި ކައިވެނި ކުރާ މީހުންނާ މެދު ފިޔަވަޅު އަޅަން ބޮޑެތި ގޮންޖެހުން ހުރި ކަމަށް ވެސް ޝިފާން ވިދާޅުވިއެވެ. އެގޮތުން ޖިނާއީ އަދުލުގެ ނިޒާމުގެ ތެރެއިން އެފަދަ މައްސަލަތައް ސާބިތު ކުރެވޭ ވަރުގެ ހެކި ނުލިބުން ހިމެނޭ ކަމަށެވެ.

އޭނާ ވިދާޅުވީ، މިދިޔަ ދިޔަ ދެ މަސް ދުވަހުގެތެރޭގައި ބްލެކް މާކެޓްގައި ޑޮލަރު ވިއްކައިގެން 11 މީހަކު ފޮނުވާލާފައިވާ އިރު ހަށިވިއްކުމުގެ މައްސަލައިގައި މިދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައި 46 މީހުން ފޮނުވާލާފައިވާ ކަމަށެވެ.