އިރުމަތީ ޔޫކްރޭނުގެ ޑޮންބަސް ގައި ހިމެނޭ ވަކިވެގަނެފައިވާ ޑޮނެސްކް ރިޕަބްލިކް އަދި ލުހާންސްކް ރިޕަބްލިކް އަކީ މިނިވަން ދައުލަތެއްގެ ގޮތުގައި ރަޝިއާގެ ރައީސް ލަޑިމިއާ ޕުޓިން އިއްޔެ ވަނީ ކަނޑައަޅުއްވައިފައެވެ. މި ނިންމުމާ ގުޅިގެން ރަޝިއާ-ޔޫކްރޭން މަޝްރަހު އިތުރަށް ހޫނުވެފައިވާއިރު ގިނަ ގައުމުތަކަކުން އަންނަނީ މި ނިންމުން ކުށްވެރިކުރަމުންނެވެ.
ރަޝިއާގެ މި ނިންމުމާ ގުޅިގެން އދ. ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގަޓަރޭޒްވެސް ވަނީ މި އަމަލު ކުށްވެރިކުރައްވައިަފއެވެ.
އިރުމަތީ ޔޫކްރޭނުގެ ޑޮންބަސް ސަރަހައްދަކީ މިނިވަން ދައުލަތެއްގެ ގޮތުގައި ރަޝިއާއިން ބަލައިގަނެ އެ ސަރަހައްދުތަކަށް ރަޝިއާ ސިފައިން ފޮނުވަން ނިންމާފައިވާއިރު އެކަމުން އެނގި ހާމަވަނީ ރަޝިއާއިން ސުލްހަ ގާއިމުކުރަން ބޭނުން ނުވާކަން ކަމުގައި ގަޓަރޭޒް ވަނީ ފާހަގަކުރައްވައިފައެވެ. އަދި މިއީ ސަރަހައްދީ އިމުން ބޭރުވެ ޔޫކްރޭނުގެ ސިޔާދަތާއި އިސްތިގުލާލަށް އަރައިގަތުން ކަމަށް ވިދާޅުވެ އެކަން ވަގުތުން ހުއްޓާލާައިސުލްހަ ގާއިމުކުރުމަށް ގަޓަރޭޒް ވަނީ ގޮވާލައްވައިފައެވެ.
އެމެރިކާ އާއި ހުޅަނގުގެ ގައުމުތަކުން ވަނީ ޕުޓިންގެ މި ނިންމެވުމާ ގުޅިގެން މޮސްކޯއަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅަން ނިންމާފައެވެ. އިރުމަތީ ޔޫކްރޭނުގެ ޑޮނެސްކް އަދި ލުހާންސްކް އަކީ މިނިވަން ދައުލަތެއްގެ ގޮތުގައި ބަލައިގަނެ ޕުޓިން ނިންމެވި ނިންމުން ކުށްވެރި ނުކުރާ ގައުމުތަކުގެ ތެރޭގައި ޗައިނާ އަދި ސީރިއާ ހިމެނެއެވެ. ސީރިއާގެ ރައީސް ބައްޝާރުލް އަސަދުގެ ސަރުކާރުން މި ނިންމުމަށް ފާޅުގައި ތާއީދުކޮށްފައިވާއިރު ޗައިނާއިން ޕުޓިންގެ ނިންމެވުން ކުށްވެރިކޮށްފައެއް ނުވެއެވެ.