ހުޅުމާލޭގެ ހުސް ބިންތަކުގައި ގަވާއިދާ ހިލާފަށް ބަަހައްޓާފައިވާ ތަކެތި ނަގަން ހައުސިން ޑިވެލޮޕަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އަންގައިފި އެވެ.
އެޗްޑީސީން މިއަދު ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ އެ ކޯޕަރޭޝަނުން ކުރިއަށް ގެންދަން ނިންމާފައިވާ ހާބަރ އެކެއް އަދި ހާބަރ ދެއަކާއި ޗެނަލް ދޭއް ޕްރޮޖެކްޓް ފެށުމަށްޓަކައި ބިން ހުސްކޮށް ކޮންޓްރެކްޓަރާ ހަވާލު ކުރުމުގެ މަސައްކަތް މާޗު މަހު ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށެވެ.
އެޗްޑީސީން ބުނީ، ހުޅުމާލެ ފުރަތަމަ ފިޔަވައްސާއި ދެވަނަ ފިޔަވަހީގެ ހުސް ބިންތަކުގައި އެ ކުންފުނީގެ ހުއްދަ ނެތި ތަކެތި ބަހައްޓައި އެ ބިން ބޭނުން ކުރުމަކީ މަނާ ކަމެއް ކަމުން އެ ތަކެތި މިދިޔަ މަހުގެ 18ގެ ކުރިން ނެގުމަށް އަންގާފައިވާ ކަމަށެވެ. ނަމަވެސް އެ އެންގުމަށް ބައެއް ފަރާތްތަކުން އަމަލުކޮށްފައި ނުވާ ކަމަށެވެ.
އެޗްޑީސީން އިތުރަށް ބުނީ، އެ ކުންފުނީން ފަށަން ނިންމާފައިވާ ޕްރޮޖެކްޓްތަކަށް ބިން ސާފު ކުރުމުގެ މަސައްކަތް އަންނަ އާދިއްތަ ދުވަހު ފަށާނެ ކަމަށާ އެހެންކަމުން އޭގެ ކުރިން އެތަކެތި ނަގަން އަންގާ ކަމަށެވެ.
އެ މުއްދަތުގައި އެތަކެތި ނުނަގައިފިނަމަ އެއީ ވެރިފަރާތުން ބޭނުން ނެތިގެން ދޫކޮށްލާފައިވާ ތަކެތިކަމުގައި ބަލައި، އެ ތަކެއްޗާމެދު އެޗްޑީސީއަށް ފެންނަ ގޮތަކަށް އަމަލު ކުރާނެ ކަމަށާއި އެ ތަކެއްޗަށްވާ ގެއްލުމަށް ޒިންމާ ނުވާނެ ކަމަށް އެޗްޑީސީން ބުންޏެވެ.
ހުޅުމާލޭގެ ބައެއް މަގުތަކުގައި ގަވައިދާ ހިލާފަށް ބައެއް ފަރާތްތަކުން ވަނީ ވެހިކަލް ޕާކުކޮށްފައެވެ. އަދި ބައެއް ސަރަހައްދުތަކުގައި ގިނަ ދުވަސްވީ ޕެލެޓްތަކާއި މުދާވެސް ބަހައްޓާފައިވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު