ދުނިޔެ

އަދުގެ ދުނިޔެ: ޔުކްރޭނުގެ މައްސަލަ ފުރޮޅިގެން މިދިޔައީ ކޮންގޮތަކަށް؟

އިމާދު ލަތީފު

ޔުކްރޭނުގެ މައްސަލަ އަނެއްކާވެސް އައުގޮތަކަށް އިއްޔެ އާއި މިއަދު ވަނީ ފުރޮޅިގެން ގޮސްފައެވެ. ޔުކްރޭނުގެ އެންމެ އިރުދެކުނުގައިވާ ޑޮންބާސްއޭ ކިޔުނު ސަރަހައްދުގައިވާ ދެ ޖުމްހޫރިއްޔާއެއްގެ މިނިވަންކަން ގަބޫލުކުރުމުގެ ރިޔާސީ ގަރާރުގައި ރަޝިޔާގެ ރައީސް ލަޑީމިއަރ ޕުޓިން އިއްޔެ ވަނީ ސޮއިކުރައްވައިފައެވެ. އަދި ރަޝިޔާގެ ގާނޫނުހަދާ މަޖިލީހުން ވަނީ މި ނިންމެވުން މިއަދު ބަލައިގެންފައެވެ. ހަމައެޔާއެކު އެ ދެ ޖުމްހޫރިއްޔާއާއެކު ސިޔާސީ ގުޅުން ގާއިމުކޮށް ދެން ކުރާންވީ މަސައްކަތްތަކާއެކު ކުރިއަށް ދިޔުމަށް ރަޝިޔާގެ ޚާރިޖިއްޔާއަށް ރައީސް ޕުޓިން ވަނީ އަމުރު ކުރައްވައިފައެވެ.

ޑޮންބާސްއަކީ ކޮންތަނެއް؟

ރަޝިޔާގެ މިނިންމުމުގެ މާނަޔަކީ ކޮބައިބާވައެވެ. ދުނިޔެއިން މިކަން ބަލައިގަންނާނެ ބާވައެވެ. ކަންކަން ދެން ބަދަލުވާނީ ކޮންގޮތަކަށް ބާވައެވެ. ޔުކްރޭނަކީ ވަރަށް ބިޔަ ގައުމެކެވެ. ޔޫރަޕުގައި ރަޝިޔާ ފިޔަވައި ދެން އެންމެ ބޮޑު ގައުމަކީވެސް ޔުކްރޭނެވެ. ޑޮންބާސްއަކީ ޔުކްރޭނުގެ އެންމެ އިރުދެކުނުގައި އޮންނަ ސަރަހައްދެކެވެ. މި ސަރަހައްދު އޮންނަނީ ދެބަޔަކަށް ބަހައިލެވިފައެވެ. އެއީ ޑޮނިއެސްކާއި ލުހާންސްކެވެ. މިއީ މީގެ ތިންސަތޭކަ އަހަރު ކުރިއާ ހަމަޔަށް މީހުން އާބާދުވެގެން އުޅުނު ސަރަހައްދެއް ނޫނެވެ. އެހެންނަމަވެސް އެހިސާބުން ބޯޓުދެއްޔާއި ތެލާއި މިހެންގޮސް ލައްކަ ގިނަ ގުދުރަތީ ވަސީލަތްތައް ފެނި މިޒަމާނުގެ ގޮތަށް އާބާދުވާން ފެށީއެވެ.

ހަކަތަޔަށް ބަރޯސާވާ ސިނާއަތްތަކެއް ޔޫރަޕުގައި ގާއިމުވެ ފުޅާވާން ފެށުމާއެކު ދުނިޔޭގެ ޗާޓަށް ޑޮންބާސް އަރައިފިއެވެ. އެއީ އޭރު ރަޝިޔާގެ ރަސްކަމުގެ ދަށުގައިވާ ރަޝިޔާގެ އަމިއްލަ ސަރަހައްދެކެވެ. މިއަދު ޑޮންބާސް ސަރަހައްދު ހިމެނެނީ ޔުކްރޭނުގައި އެންމެ އާބާދީ ބޮޑު އެއް ސަރަހައްދު ކަމުގައެވެ. ޔުކްރޭނުގެ އާބާދީއަކީ 44 މިލިޔަން ކަމަށްވާއިރު އޭގެތެރެއިން ގާތްގަޑަކަށް 4 މިލިޔަން މީހުން ދިރިއުޅެނީ ޑޮންބާސް ސަރަހައްދުގައެވެ. ޑޮނިއެސްކްގައި 3 މިލިޔަނެވެ. ލުހާންސްކުގައި މިލިޔަނެކެވެ. މީގެތެރެއިން ގިނަ މީހުންނަކީ ރަޝިޔާ ބަހުން ވާހަކަ ދައްކާ އަދި ނަސްލީގޮތުންވެސް ރޫސީންނެވެ.

ޑޮންބާސްގެ ކޮންޓްރޯލް އޮތީ ކޮންބަޔަކަށް؟

ޔުކްރޭނާއި ރަޝިޔާގެ މެދުގައި އެންމެ ފުރަތަމަ 2014 ވަނަ އަހަރު ސިޔާސީ އަރައިރުންތައް ފެށި އެ އަރައިރުންތަކުގައި އަސްކަރީ ކުލަ ޖެހުނު ހިސާބުން ޑޮންބާސްގެ ކޮންޓްރޯލް ޔުކްރޭނުގެ ސަރުކާރަށް ވަނީ ގެއްލިފައެވެ. އެ ސަރަހައްދުގެ ބާރުވެރިކަން އެއަހަރުން ފެށިގެން އޮންނަނީ ރަޝިޔާގެ ތާއީދާއި އެހީތެރިކަން ލިބޭ ހަނގުރާމަވެރިންނަށެވެ. ހަނގުރާމަވެރިން ވަނީ ޑޮންބާސްގެ ދެ ޖުމްހޫރިއްޔާގެ މިނިވަންކަން ވަކިވަކިން އިއުލާނުވެސް ކޮށްފައެވެ. ޑޮންބާސްގެ ދެ ޖުމްހޫރިއްޔާ ޔުކްރޭނުގެ ވެރިކަމުގެ ދަށުން ނެއްޓި މިނިވަންކަން އިއުލާނުކުރިޔަސް ދުނިޔޭގެ އެއްވެސް ބަޔަކު އެ މިނިވަންކަން ބަލައެއް ނުގަނެއެވެ.

ޑޮނިއެސްކާއި ލުހާންސްކަށް ބައިނަލްއަގުވާމީ ދެނެގަތުމެއް ނެތެވެ. ޚުދު ރަޝިޔާއިންވެސް އިއްޔެއާ ހަމަޔަށް އެ ދެ ޖުމްހޫރިއްޔާގެ މިނިވަންކަން ރަސްމީކޮށް ބަލައިގެންފައެއް ނުވެއެވެ. ޔުކްރޭނުގައި 2014 ވަނަ އަހަރު ފެށުނު ދާޚިލީ ހަނގުރާމައިގައި މި ދެ ޖުމްހޫރިއްޔާގެ ބާރު ހަގުރާމަވެރިން ނެގި ކަމަށްވިޔަސް މި ދެ ޖުމްހޫރިއްޔާގެ ހަގީގީ ސަރަހައްދުގެ ވަރަށް ބޮޑު ބައެއް އަދިވެސް އޮތީ ޔުކްރޭނުގެ ދަށުގައެވެ. މިހާރު ސަރަހައްދީ އިންކަމުގައި އެބަލަނީ މިންސްކް މުއާހަދާ އެކުލަވައިލިއިރު ހަނގުރާމަވެރިން ތިބި ތަނާއި ޔުކްރޭނުގެ ސިފައިން ތިބިތަނާއި ދެމެދު ދަމާލި ރޮނގަކުންނެވެ. މި ރޮނގުގެ ދެފަރާތުގައި ތިބެގެން ހަނގުރާމަވެރިންނާއި ޔުކްރޭނުގެ ސިފައިން ދޭތެރެ ދޭތެރެއިން އައީ ހަމަލާތަކެއްވެސް ބަދަލު ކުރަމުންނެވެ.

ދެން ވާނީ ކިހިނެއް؟

މީގެ އަހަރުތަކެއް ކުރިން 2014 ވަނަ އަހަރު ޔުކްރޭނުގެ މަތިން ދަތުރުކުރަނިކޮށް ހަނގުރާމަވެރިން ފޮނުވައިލި މިސައިލް ހަމަލާއެއްގައި މެލޭޝިޔަން އެއަރލައިންސްގެ މަތިންދާބޯޓެއް ވެއްޓުނީވެސް މި ސަރަހައްދަށެވެ. މިންސްކް މުއާހަދާއަކީ ޔުކްރޭނުގެ ދާޚިލީ ހަނގުރާމަޔަށް ނިމުމެއް ގެނައުމުގެ ގޮތުން މައްސަލައިގެ ދެފަރާތުގައިވާ އެންމެހައި ބާރުތަކުން ބިލަރޫސްގެ ވެރިރަށް މިންސްކުގައި 2015 ވަނަ އަހަރު ސޮއި އަޅައިފައިވާ އެއްބަސްވުމެކެވެ. މިހާތަނަށް އެންމެންވެސް ތަބާވަމުން އަމަލުކުރަމުން އައީ މި އެއްބަސްވުމަށެވެ. ޑޮންބާސްގެ ދެ ޖުމްހޫރިއްޔާގެ މިނިވަންކަން ރަޝިޔާއިން ބަލައިގަނެ އެ ދެ ޖުމްހޫރިއްޔާގެ މިނިވަންކަމުގެ ދިފާއުގައި ރޫސީ ސިފައިން ވަދެގެންފިއްޔާ މުއާހަދާ މުޅިން ބޭކާރުވީއެވެ.

ޑޮންބާސްގެ ދެ ޖުމްހޫރިއްޔާ ދިފާއުކުރުމަށްޓަކައި އެ ދެ ޖުމްހޫރިއްޔާއަށް ރޫސީ ސިފައިން ވަނުމަށްވެސް ރަޝިޔާގެ ރައީސް ޕުޓިން ވަނީ އަމުރު ކުރައްވައިފައެވެ. މިހިސާބުން އުފެދޭ ސުވާލަކީ މިގޮތަށް ރޫސީ ސިފައިން އަރައިގަންނަ އަރައިގަތުމަކީ މުޅި ޔުކްރޭނު ހިފުމަށްޓަކައި ފެށި ހަނގުރާމައަކަށް ބެލިދާނޭތޯއެވެ. އައުކަމެއް ހިނގައިފިތޯއެވެ. މިކަމަށް ވިސްނައި ބަލާއިރު އައު ކަމެއް ނެތެވެ. ލުހާންސްކާއި ޑޮނިއެސްކުގައި ރޫސީ ސިފައިން ހަރަކާތްތެރިވާތާ 8 އަހަރު ވަނީ ވެފައެވެ. އެ ސަރަހައްދުގައި ހަނގުރާމަވެރިންގެ ކޮންޓްރޯލް އެއޮންނަނީވެސް ރަޝިޔާ ސިފައިންގެ އެހީތެރިކަން ލިބިގެންނެވެ. ރަޝިޔާ ސިފައިންނަކީ ކޮބައިކަން، ހަނގުރާމަވެރިންނަކީ ކޮންބައެއްކަން، އެގަހުކޭލެއް، މިގަހުކޭލެއް ވަކިވާވަރަށްވުރެ ދެބައިމީހުންގެ މަސްހުނިކަންވެސް ބޮޑެވެ.

ޑޮންބާސްގެ އަސްކަރީ ތިލަފަތަށް އައު ބަދަލެއް ނާދެއެވެ. އެކަމަކު ސިޔާސީ ތިލަފަތަށް ބަދަލު އަތުވެއްޖެއެވެ. އެހެންވީމާ އޭގެ އަސަރުތައް ދެން ދާނީ ފެންނަމުންނެވެ. ރަޝިޔާއާ ދެކޮޅަށް ހުޅަނގުގެ ގައުމުތަކުން ދަތިކުރުމުގެ އައު ފިޔަވަޅުތައް އަޅާނެއެވެ. މިހާރުވެސް އަޅައިފިއެވެ. ބައެއް ފިޔަވަޅުތައް ދެމިގެން އަންނަނީ 2014 ވަނަ އަހަރުން ފެށިގެންނެވެ. އެޔަކުން ރަޝިޔާއަށް ކުރާ އަސަރެއް ނުފެނެއެވެ. ހުޅަނގުގެ ފިޔަވަޅުތަކަކީ ރޫސީންނަށް އައު އެއްޗެއް ނޫނެވެ. އެހެންވީމާ މިފަހަރު ރޫސީންގެ ޑަޒަނެއްހައި ބޭންކާއި ރައީސް ޕުޓިންގެ ތިން ހަތަރު އެހީތެރިޔަކާ ދެކޮޅަށް ފިޔަވަޅުތަކެއް އަޅައިފީމޭ ބުންޏަކަސް ރޫސީން ކުޑަކަކޫ މައްޗަށް ތިރިކުރެވޭނޭ ކަމަށް ނުފެނެއެވެ.