ޚަބަރު

މިންތީގެ ހަމަހަމަކަން ގާއިމުކުރާ އެކްޝަން ޕްލޭން ތަންފީޒުކުރާ ސްޓިއަރިން ކޮމިޓީގެ ރިޔާސަތު ރައީސް ސޯލިހަށް

އަލީ ޔާމިން

ޖެންޑާ އިކުއަލިޓީ އެކްޝަން ޕްލޭން ތަންފީޒުކުރުމަށް އެކުލަވާލި ސްޓިއަރިން ކޮމިޓީގެ ރިޔާސަތު ބަލަހައްޓަވާނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ކަމަށް ވަޒީރުންގެ މަޖިލީހުން ނިންމަވައިފިއެވެ.

ވަޒީރުންގެ މަޖިލީހުން އެގޮތަށް ނިންމެވީ، ރައީސް އޮފީހުގައި މިއަދު ބޭއްވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި ޖެންޑާ މިނިސްޓްރީން ހުށަހެޅި ކަރުދާހަށް ވަޒީރުންގެ މެދުގައި މަޝްވަރާކުރެއްވުމަށް ފަހުއެވެ.

ޖެންޑާ އިކުއަލިޓީ އެކްޝަން ޕްލޭނަކީ ޖެންޑާ އިކުއަލިޓީ ގާނޫނުން ލާޒިމުކުރާ ކަންތައްތައް ތަންފީޒުކުރުމަށްޓަކައި ޖެންޑާ މިނިސްޓްރީން އެކުލަވާލާފައިވާ ފަސް އަހަރުގެ އެކްޝަން ޕްލޭނެކެވެ. ގިނަ އިދާރާތަކެއްގެ ބައިވެރިވުމާއެކު ތަންފީޒުކުރެވިގެންދާ މި އެކްޝަން ޕްލޭނުގެ ދަށުން އެކިއެކި އިދާރާތަކާއި ޖަމިއްޔާ ޖަމާއަތްތަކާއި އަމިއްލަ ކުންފުނިތަކުގެ ފަންނީ އިސް މުވައްޒަފުން ހިމެނޭގޮތަށް ޓެކްނިކަލް ކޮމެޓީއެއް އެކުލަވާލެވިގެންދާނެއެވެ.

ޖެންޑާ އިކުއަލިޓީ ގާނޫނުގެ ދަށުން ނެޝަނަލް ޖެންޑާ އިކުއަލިޓީ ޕޮލިސީއެއް ވަނީ އެކުލަވާލާފައެވެ. ޖެންޑާ އިކުއަލިޓީ އެކްޝަން ޕްލޭނަކީ މި ސިޔާސަތު ނުވަތަ ޕޮލިސީ ތަންފީޒުކުރުމަށްޓަކައި އެކުލަވާލާފައިވާ އެކްޝަން ޕްލޭނެކެވެ.

ނެޝަނަލް ޖެންޑާ އިކުއަލިޓީ ޕޮލިސީގެ އަމާޒަކީ ހަމަހަމަ މުޖުތަމައެއް ބިނާކުރުމަށާއި އަންހެނުންނާއި ފިރިހެނުންނަށް ފުރުސަތުތަކަށް ވާސިލުވުމުގައި ހަމަހަމަކަމާއެކު އިންސާފު ހޯދައިދިނުމެވެ.