މާފުށީ އިންޖީނުގޭ ފުރާޅުގައި ސޯލާ ހަރުކުރުމުގެ މަސައްކަތް ފަށައިގެން ކުރިއަށްގެންދާ ކަމަށް ސްޓެލްކޯއިން ހާމަކޮށްފިއެވެ.

ސްޓެލްކޯގެ "ފެހި ދިރިއުޅުން" ޕްރޮގްރާމްގެ ދަށުން ސޯލާޕެނަލް އިންސްޓޯލް ކުރުމުގެ މަސައްކަތް ފަށާފައިވަނީ މިދިޔަ އަހަރުގެ އޭޕްރީލް މަހުއެވެ.

ސްޓެލްކޯއިން މިއަދު ކުރި ޓުވީޓެއްގައި ބުނީ، އެކުންފުނީގެ އިޔާދަކުރަނިވި ހަކަތައިގެ ސިޔާސަތުތަކާ އެއްގޮތަށް، ހުރިހާ އިންޖީނުގެއެއްގެ ފުރާޅުގައި ސޯލާ ހަރުކުރުމަށް ކުރިއަށްގެންދާ ޕްރޮޖެކްޓުގެ ދަށުން ކ. މާފުށީ އިންޖީނުގޭ ފުރާޅުގައި 33.48kWp ގެ ރޫފްޓޮޕް ސޯލާ ހަރުކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ.

ސްޓެލްކޯއިން ވަނީ، "ފެހި ދިރިއުޅުން" ޕްރޮގްރާމުގެ ދަށުން ހެތޮ އަގުގައި އިންސްޓޯލްމަންޓަށް ސޯލާ ޕެނަލް ގަނެވޭނެ އިންތިޒާމުތައްވެސް ހަމަޖައްސައިފައެވެ.

ސަރުކާރުން މީގެ ކުރިން ބުނެފައިވާ ގޮތުގައި، ރާއްޖޭގައި މިހާރު ގާއިމުކޮށްފައި ހުރި 31.5 މެގަވޮޓްގެ ސޯލާ ޕީވީ ސިސްޓަމްތަކުގެ ސަބަބުން އިންޖީނުގެތަކުގެ ތެލަށް ކުރާ ހަރަދުން އަހަރަކު 147.8 މިލިއަން ރުފިޔާ ސަލާމަތްކުރެވެއެވެ.