މުޅި ދުނިޔޭގެ އެންމެންވެސް މިހާރު ދައްކާ ވާހަކަޔަކީ ރަޝިޔާ އާއި ޔުކްރޭނުގެ މައްސަލައިގެ ވާހަކައެވެ. ހަނގުރާމައެއްގެ ބިރުވެރިކަމުގެ ވާހަކައެވެ. އެހެންވީމާ ހަނގުރާމައެއް ހިނގިޔަސް އަދި ނުހިނގިޔަސް ދެ ގައުމުގެ އަސްކަރީ ކެރިފޯރުންތެރިކަމާއި ބާރުގެ ތިލަފަތް ހުރިނެތްގޮތަށް ބަލައިލުމަކީ މިވަގުތު މުހިއްމު ކަމެއް ކަމަށް ފެނެއެވެ. ދެގައުމުގެ ބާރުގެ ތިލަފަތް އަޅުވައި ކިޔަން ޖެހޭނީ ނިއުކުލިއަރ ހަތިޔާރުތައް ނުހިމަނައެވެ. ރަޝިޔާއަކީ ނިއުކުލިއަރ ބާރެކެވެ. ޔުކްރޭނުގައި މިހާރު ނިއުކުލިއަރ ހަތިޔާރެއް ނެތެވެ. ސޯވިއެޓް ޔޫނިއަން 1991 ގައި ރޫޅިގެންދިޔައިރު ޔުކްރޭނުގެ ބިމުގައި ހުރި ނިއުކުލިއަރ ހަތިޔާރުގެ މިލްކުވެރިކަން ޔުކްރޭނަށްވެސް ލިބުނެވެ.
ސޯވިއެޓް ޔޫނިއަން ރޫޅިގެން ދިޔައިރު ސޯވިއެޓް ނިއުކުލިއަރ ގުދަންތަކަށް ނިސްބަތްވި ހަތިޔާރުތަކުގެ ތެރެއިން ގާތްގަޑަކަށް ދޮޅުހާސް ނިއުކުލިއަރ ވޯހެޑް ޔުކްރޭނުގައި ހުއްޓެވެ. އެތަކެތި ޔުކްރޭނުން ވަނީ ދާދިއަވަހަށް ނައްތާލައިފައެވެ. އެއީ ބެލެހެއްޓުމުގެ ޚަރަދު ބޮޑުކަމާއި އަސްކަރީ ބާރެއްގެ ގޮތުގައި ކުރިއަށް ދިއުމުގެ ވިސްނުމެއް ނެތުމުންނެވެ. ނައްތާނުލެވުނު ތަކެތި ޔުކްރޭނުން ވަނީ ރަޝިޔާއަށް ފޮނުވައިފައެވެ. އެހެންވީމާ ޔުކްރޭނާއި ރަޝިޔާގެ ބާރުގެ ތިލަފަތް އޮތީ ކޮންގޮތަކަށްތޯ ބަލައި ދިރާސާކުރުމުގައި ރިއާޔަތް ކުރަން ޖެހެނީ ހަނގުރާމައެއްގައި ބޭނުންކުރުން ބައިނަލްއަގުވާމީ މިންގަޑުން ހުއްދަ ތަކެއްޗަށެވެ.
ހުއްދަ ތަކެތީގެ ތެރޭގައި ނިއުކުލިއަރ ހަތިޔާރާއި ކެމިކަލް ހަތިޔާރާއި ބަޔޮލޮޖިކަލް ހަތިޔާރު ނުހިމެނެއެވެ. މަނާ ހަތިޔާރުގެ ސްޓޮކަށް ބަލާއިރުވެސް ރަޝިޔާއަކީ އެފަދަ ހަތިޔާރު އެންމެ ގިނަ އެއްގައުމެވެ. އެހެންވީމާ ބާރުގެ ތިލަފަތް ވަޒަން މިކުރަނީ އާދައިގެ ހަގުރާމައެއްގައި ބޭނުންކުރެވިދާނޭ އާދައިގެ ހަތިޔާރާއި ސިފައިންގެ އަދަދަށް ބަލައިގެންނެވެ. އެއްގަމާއި ވަޔާއި ކަނޑުގެ ލަޝްކަރުތައް އެއްކޮށްގެން ޖުމްލަ އަދަދަށް ބަލާއިރު މީހުންނާއި ހަތިޔާރުވެސް ގިނައީ ރަޝިޔާގައެވެ. އަސްކަރީ ބަޖެޓްވެސް އެތައް ގުނަޔަކުން ބޮޑީ ރަޝިޔާގެއެވެ. ހުރިހާ ލަޝްކަރުތަކެއް ހިމަނައިގެން ރަޝިޔާގެ ސިފައިންގެ ޖުމްލަ އަދަދަކީ ނުވަލައްކައެވެ. ޔުކްރޭނުގެ ސިފައިންގެ އަދަދަކީ ގާތްގަޑަކަށް ދެލައްކައެވެ.
ދެ ގައުމުގެ ފަރަގު އެންމެ ބޮޑުކަމަށް ކަރުދާހުގައި ފެންނަނީ ކަނޑުގައެވެ. ކަނޑުގެ ފައުޖުގައި ޔުކްރޭނުގެ ކޮންމެ މީހަކަށް ރަޝިޔާގައި 10 މީހުން އެބަތިއްބެވެ. ރަޝިޔާގެ ކަނޑުގެ ލަޝްކަރުގައި 74 މަނަވަރާއި 51 ސަބްމެރީން ހިމެނޭއިރު ޔުކްރޭނުގައި އޮތީ އެންމެ ދެ މަނަވަރެވެ. ސަބްމެރީނެއް ނުވެސް ނެތެވެ. އެންމެފަހުން ޔުކްރޭނުގެ ކަނޑުގެ ސިފައިން ގެންގުޅުނު ޑީސަލް ސަބްމެރީން ރޫސީ ސިފައިން ވަނީ 2014 ވަނަ އަހަރު ހިނގި ކަންތައްގަނޑުގެ ތެރޭގައި އަތުލައިގެންފައެވެ. ކަނޑުގެ ބާރުތަކަށް ބަލާއިރު ދެ ގައުމުގެ ފަރަގު އުޑާބިމާހައި ތަފާތެވެ. ރަޝިޔާގެ ކަނޑުގެ ލަޝްކަރުގެ ވަރަށް ބޮޑު ބައެއް މިވަގުތު އޮތީ ޔުކްރޭނުގެ އައްސޭރިޔާ ގާތުން ބްލެކްސީއަށް ޖަމާކުރެވިފައެވެ.
އެއްގަމު ސިފައިންގެ އަދަދަށް ބަލާއިރު ކުރިން ދެންނެވި ފަރަގު އެހާ ބޮޑެއް ނޫނެވެ. ރަޝިޔާގެ އެއްގަމު ސިފައިންގެ އަދަދަކީ ދެލައްކަ އަށްޑިހަހާހެވެ. ޔުކްރޭނުގެ އެއްގަމު ސިފައިންގެ އަދަދަކީ އެއްލައްކަ ފަންސަވީސް ހާހެވެ. ފާއިތުވި ފަސް އަހަރުގެ ތެރޭގައި އަސްކަރީ ތަމްރީނު ލިބިފައިވާ މީހުންގެ މައްޗަށް އެކުލެވޭ ރިޒާވުންނަށް ބަލާއިރު ރަޝިޔާގެ ރިޒާވުންގެ އަދަދު ދެ މިލިޔަނެވެ. ޔުކްރޭނުގައި ތިބީ ނުވަލައްކަ ރިޒާރވުންނެވެ. މީހުންގެ އަދަދު ގާތްކުރިޔަސް ހަތިޔާރާއި ތަކެތީގެ ފަރަގު ނުހަނު ބޮޑެވެ. ޔުކްރޭނުގައި ހުރި އާޓިލަރީއަށްވުރެ ރަޝިޔާގެ ބާރު ތިންގުނަ ބޮޑެވެ. ޓޭންކުގެ އަދަދު ހަ ގުނަ އިތުރެވެ. ބަޑިހަރުކުރި އުޅަނދުތަކުގެ އަދަދު ހަތް ގުނަ އިތުރެވެ.
ވައިގެ ލަޝްކަރުތަކަށް ބަލާއިރުވެސް ފެންނަނީ ދެގައުމުގެ ފަރަގުގެ ބޮޑުކަމެވެ. ޔުކްރޭނަށް ލިބިގެންވާ ހަނގުރާމަމަތީ ޖެޓުތަކާއި ހަމަލަދޭ ޒާތުގެ ހެލިކޮޕްޓަރަށްވުރެ ރޫސީންގެ އަތުގައި ހުރި މިބާވަތުގެ ތަކެތި ޒަމާނީވެފައި އަދަދުވެސް ދިހަ ގުނަ އިތުރެވެ. މަތިންދާބޯޓަށް ހަމަލަދެވޭ ޒާތުގެ މިސައިލް ލޯންޗަރުގެ 400 ލޯންޗަރު ޔުކްރޭނަށް ލިބިގެންވާއިރު އޭގެ ވިހިތިރީސްގުނަ ރޫސީންގެ އަތުގައި އެބަހުއްޓެވެ. ދުރުރާސްތާގެ މިސައިލް ލޯންޗަރުތަކަށް ބަލާއިރު އެއްގަމުގައި ބޭނުންކުރާ އެޒާތުގެ 500 ލޯންޗަރު ރޫސީން އެބަގެންގުޅެއެވެ. ތަޖުރިބާކާރުން ގަބޫލުކުރާގޮތުގައި ހަނގުރާމައެއް ފެށިއްޖެނަމަ ރޫސީން ބޮޑަށް ބޭނުންކުރާނީ ކްރޫޒް މިސައިލްފަދަ ދުރުރާސްތާގެ ހަތިޔާރެވެ.
ރޫސީންނާ ދެކޮޅަށް ދިފާއުގެ ގޮތުގައި ބޭނުންކުރެވިދާނޭ ޒަމާނީ ހަތިޔާރުގެ ޝިޕްމަންޓުތައް ނޭޓޯގެ ގައުމުތަކުން ވަނީ ޔުކްރޭނަށް ފޮނުވައިފައެވެ. މިހާރުވެސް ދަނީ ފޮނުވަމުންނެވެ. އޭގެތެރޭގައި ޓޭންކާ ދެކޮޅަށް ހަމަލަދޭ ހަތިޔާރުވެސް ގިނަ އަދަދަކަށް ހިމެނެއެވެ. މިތަކެތި ޔުކްރޭނަށް ފޮނުވުމުގެ ބޭނުމަކީ ރޫސީން ޔުކްރޭނަށް އަރައިގެންފިނަމަ ރޫސީންނަށް ލިބޭ ގެއްލުންތައް ވީހާވެސް ބޮޑު ކުރުމެވެ. އެހެންނަމަވެސް ތަޖުރިބާކާރުން ގަބޫލުކުރާގޮތުގައި ރޫސީންގެ އޮޕަރޭޝަނެއް ޔުކްރޭނަކަށް ނުހުއްޓުވޭނެއެވެ. މައިދާން ބަދަލުކޮށްލުމުގެ އެއްވެސް ކުޅަދާނަކަމެއް ޔުކްރޭނަށް ލިބިގެނެއް ނުވެއެވެ. މުޅި ޔުކްރޭނު ހިފަން ރޫސީން ބޭނުންވާނީ ގިނަވެގެން 48 ގަޑިއިރެވެ.