ޚަބަރު

ދިއްދޫ ބަނދަރުގެ ޖެޓީ ހެދުމުގެ މަސައްކަތް ފަށައިފި

ރިފާ ހަލީލު

ހއ. ދިއްދޫ ބަނދަރު ބޮޑުކޮށް ފުޅާ ކުރުމުގެ މަޝްރޫއުގެ ދަށުން ބަނދަރުގެ ޖެޓީ ހެދުމުގެ މަސައްކަތް ފަށައިފި އެވެ.

އެ މަޝްރޫއުގެ ކޮންޓްރެކްޓަރު އެމްޓީސީސީން ބުނީ ދިއްދޫ އާ ހާބަރ ބޭސިން ފުންކުރުމުގެ މަސައްކަތުގެ 62 ޕަސަންޓު މިހާރު ނިމިފައިވާއިރު ބަނދަރު ޖެޓީ ހެދުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށެވެ.

މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި އެމްޓީސީސީއާ ހަވާލުކުރި މި މަޝްރޫއަކީ 69.8 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ. މަޝްރޫއު ނިންމަން ދީފައިވާ މުއްދަތަކީ 365 ދުވަހެވެ.

މި މަޝްރޫއުގެ ދަށުން، 78,000 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި 616 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށިލުމާއި 185 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމާއި 326 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމު ތޮށި ލާނެއެވެ. އަދި 4320 އަކަ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހެދުމާއި ދެ ކޮންކްރީޓް ޕްލެޓްފޯމް ހެދުމާއި ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތްވެސް ހިމެނެއެވެ.