ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުގެ ރައީސްކަމަށް، އައްޔަން ކޮށްފައިވާ ގ.މެޒަތިން އާސިމް މުހައްމަދު އާސިމަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދީފިއެވެ.

ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުގެ ރައީސް ކަމަށް، އައްޔަން ކުރުމަށް އައްޔަން ކުރައްވާފައިވާ އާސިމަށް ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯއްދެވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މަޖިލީހަށް ފޮނުއްވުމުން އެކަންތައް މަޖިލިހުގެ ސްޓޭޓް އޯންޑް އެންޓަރޕްރައިސަސް ކޮމިޓީ (އެސްއޯއީ ކޮމިޓީ) ވަނީ ދިރާސާކޮށްފައެވެ.

އެއަށްފަހު އެ ކޮމިޓީން މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ހުށަހެޅި ރިޕޯޓުގައި ވަނީ އޭނާއަށް މަޖިލީހުން ރުހުން ދޭން ފެންނަ ކަމަށް ކޮމިޓީން ފާސްކޮށްފައެވެ.

އެހެންކަމުން ކޮމިޓީން ފޮނުވި ރިޕޯޓުގައިވާ ގޮތަށް އޭނާއަށް މަޖިލީހުގެ ރުހުން އޮތްތޯ ބެލުމަށް ނެގި ވޯޓުގައި، އޭނާއަށް މަޖިލީހުގެ ރުހުން އޮތްކަމަށް ފާސްކުރި ޖަލްސާގައި ތިއްބެވި 60 މެންބަރުންގެ ތެރެއިން 55 މެންބަރުން ވޯޓު ދެއްވައިގެންނެވެ. އާސިމަށް ރުހުން ދިނުމަށް ބޭނުންވަނީ 28 ވޯޓެވެ.

ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑަކީ ދައުލަތުގެ ވިޔަފާރި ތަންތަން ޕްރައިވަޓައިޒް ކުރުމާއި ކޯޕަރަޓައިޒް ކުރުމާއި އަދި މޮނިޓާކޮށް އިވެލުއޭޓް ކުރުމުގެ ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން އުފައްދާފައިވާ ބޯޑެކެވެ.