ދުނިޔެ

ޔޫކްރޭން - ރަޝިއާ މައްސަލައަށް ބަލައިލުމެއް

ޔޫކްރޭނުގައި ހަރަކާތްތެރިވާ ވަކިވެވަގެނެން އުޅޭ މޮސްކޯއަށް ވާގިވެރިވާ ޖަމާއަތެއް ކަމަށްވާ ޑޮނެސްކް ޕީޕަލްސް ރިޕަބްލިކް - ޑީޕީއާރް އިން ވަނީ ޔޫކްރޭނުގެ ބާރުތަކުން އެ ޖަމާއަތާއި ދެމެދު ހިނގި ކުރިމަތިލުމެއްގައި އެ ޖަމާއަތުގެ އެކަކު މަރާލައިފިކަމަށް ބުނެފައެވެ.

ޔޫކްރޭނުގެ އިރުމަތީ ސަރަހައްދުގައި ވަކިވެގަނެގެން އުޅޭ ޑޮނެސްކް އަދި ލުހަންސްކް ޕީޕަލްސް ރިޕަބްލިކުގައި ދިރިއުޅެމުން އަންނަ 60،000 ރެފިއުޖީން މިދިޔަ ހަފުތާގެ ތެރޭގައި ވަނީ ރަޝިއާއަށް ދަތުރުކޮށްފައެވެ.

އިރުމަތީ ޔޫކުރޭނުގައި ވަކިވެގެން އުޅޭ ރަޝިއާއަށް ވާގިވެރިވާ ޖަމާއަތުން ސުލްހަ ގާއިމުކުރުމުގެ މުއާހަދާ އާއި ހިލާފުވަމުން އަންނަ ކަމަށާއި އެޖަމާއަތުން ފާއިތުވި 24ގަޑިއިރުގެ ތެރޭގައި 80 މާއްދާއަކާ ހިލާފުވެފައިވާކަމަށް ޔޫކްރޭނުގެ އަސްކަރިއްޔާއިން ހާމަކުރެއެވެ.

ޔޫކްރޭނުގެ ޖޮއިންޓް ފޯސަސް އޮޕަރޭޝަން (ޖޭއެފްއޯ) އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އާދިއްތަ ދުވަހު އެ ޖަމާއަތުން ދިން ވައިގެ ހަމަލާއެއްގައި ސިފައިންގެ އެކަކަށް ވަރަށް ބޮޑަށް އަނިޔާވެފައިވާކަމަށާއި މިއީ މިންސްކް އެއްބަސްވުމާ ހިލާފުވުމެއް ކަމަށެވެ. ޖޭއެފްއޯ އިން ބުނިގޮތުގައި އެ ޖަމާއަތުން އަންނަނީ ޔޫކްރޭނުގެ ސިފައިންނަށް ހަމަލާ ދިނުމަށްފަހު ރައްޔިތުންގެ ނިވާ ފަތްގަނޑަކަށް ވެގެން މަސައްކަތްކުރަމުން ކަމަށެވެ. ޑޮނެސްކް އަދި ލުހަންސްކް ޕީޕަލްސް ރިޕަބްލިކުން ޔޫކްރޭނުގައި އާބާދުވެފައިވާ ސަރަހައްދާއި ދެމެދު ހިނގި ކުރިމަތިލުންތަކުގައި ފާއިތުވި 5 ދުވަހުގެ ތެރޭގައި 94 ވައިގެ ހަމަލާއެއް އެ ސަރަހައްދަށް ދެވުނުކަމަށާއި އޭގެ ތެރޭގައި ދެމީހަކަށް އަނިޔާވެ 44 ގެއެއް ހަލާކުވެ 4 ސުކޫލަކަށް ގެއްލުން ވެފައިވާކަމަށް ޖޭއެފްއޯ އިން ވަނީ ބަޔާންކޮށްފައެވެ.

މިންސްކް އެގްރިމަންޓަކީ ކޮބާ؟

ފުރާންސުގެ ރައީސް މެކްރޮން ވެސް ވަނީ ކީވް އާއި މޮސްކޯއާއި ދެމެދު ޖެހިފައިވާ މައްސަލައަށް ހައްލެއް ހޯދުމަށް 2015ވަނަ އަހަރު ގާއިމުކުރި މިންސްކް އެގްރިމަންޓަށް ރިއާޔަތްކުރުމަށް ގޮވާލާފައެވެ.

ބެލަރުސްގެ ކެޕިޓަލްގެ ނަން ދީފައިވާ މިންސްކް 2 ޑީލަކީ އިރުމަތީ ޔޫކުރޭނުގައި 2014ވަނަ އަހަރުން ފެށިގެން ވަކިވެގެން ދިއިރުޅެމުން އަންނަ ރަޝިއާއަށް ވާގިވެރިވާ ޖަމާއަތާއި ޔޫކްރޭނާއި ދެމެދު ކުރިމަތިލުން ހުއްޓާލުމަށް ގޮވާލާ އެއްބަސްވެފައިވާ މުއާހަދާއެކެވެ. މި މުއާހަދާއަކީ މީގެ ކުރިންވެސް ހަނގުރާމަ ހުއްޓާލުމަށް އެކުލަވާލި މިންސްކް 1 އާއި ގުޅުންހުރި އެއްބަސްވުމެކެވެ. ނަމަވެސް މި މުއާހަދާއަށް ފުރިހަމައަށް ދެފަރާތުންވެސް އެއްބަސްވެފައެއް ނުވެއެވެ.

ރަޝިއާ އާއި ޔޫކްރޭނުގެ މައްސަލައަށް ހައްލެއް ގެނައުމުގެ ކޮޅުމަތި ފެނުނުކަމަށް ހީވިނަމަވެސް އެންމެފަހުގެ ސެޓަލައިޓް ފޮޓޯތަކުން ރަޝިއާއިން ހަމަލާތައް ދިނުމަށް އަސްކަރިއްޔާ އެ ސަރަހައްދުގައި ކުރިއަށް ވުރެ ބޮޑަށް ވަރުގަދަ ކުރަން ފަށާފައިވާތަން ވަނީ ފެނިފައެވެ.

މޮސްކޯއިން ބުނިގޮތުގައި ޔޫކްރޭނުން ދިން ވައިގެ ހަމަލާއެއްގައި ބޯޑަރު ފެސިލިޓީއެއް ވަނީ ހަލާކުކޮށްލާފައެވެ. ރަޝިއާގެ ސަލާމަތީ ބާރުތަކުގެ ފެޑެރަލް ސެކިއުރިޓީ ސާވިސް -އެފްއެސްބީ އިން ބޯޑަރުގައި ބޭނުންކުރަމުން އަންނަ ފެސިލިޓީއަށް މިހަމަލާގައި ގެއްލުންވެފައިވާކަމުގައި ރަޝިއާއިން ބުނެއެވެ. ނަމަވެސް ޔޫކްރޭނުން ބުނެފައިވަނީ މިއީ ރަޝިއާ އިން ފަތުރާފައިވާ ދޮގު ހަބަރެއް ކަމަށާއި ޔޫކްރޭނުން ބޯޑަރު ފެސިލިޓީއަށް ވައިގެ ހަމަލާއެއް ދީފައިނުވާކަމަށެވެ.

ފުރާންސުގެ ރައީސް މެދުވެރިއަކަށްވެ ޕުޓިން އަދި ބައިޑެން އެއް މޭޒުދޮށަކަށް ގެނެސް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ސަމިޓާ ގުޅޭގޮތުން ޔޫކްރޭނުން ބުނެފައިވަނީ ޔޫކްރޭނާ ގުޅުން ހުރި މައްސަލައަށް ހައްލެއް ގެނެވޭނީ އެގައުމުގެ ބައިވެރިވުމާވެސް އެކުގައި ކަމަށެވެ. އެގައުމުން ބުނީ ސަމިޓަށް މަރުހަބާ ކިޔާ ކަމަށާއި ނަމަވެސް މިއިން އެއްވެސް ކަމެއް ޔޫކްރޭނުގެ ބައިވެރިވުމަކާ ނުލައި ކުރިއަށް ގެންދެވިގެން ނުވާނެކަމުގައެވެ.

ރަޝިއާގެ ބޯޑަރު ހުރަސްކުރަން މަސައްކަތްކުރި ޔޫކްރޭނުގެ ސިފައިންގެ ބަޔަކަށް ހަމަލާދީ 5 މީހަކު މަރާލައިފިކަމުގައި ރަޝިއާގެ އަސްކަރިއްޔާއިން ވަނީ ބުނެފައެވެ. ރަޝިއާއިން މިހެން ބުނި ނަމަވެސް ޔޫކްރޭނުން ބުނެފައިވަނީ މިއީ ދޮގު ހަބަރެއް ކަމަށާއި ޔޫކްރޭނުގެ ސަލާމަތީ ބާރުތަކުން ބޯޑަރު ހުރަސްކުރަން މަސައްކަތްކޮށްފައި ނުވާކަމަށާއި އަދި އެއްވެސް މީހަކު މަރުވެފައި ނުވާކަމަށެވެ.

އިރުމަތީ ޔޫކްރޭނުގައި ވަކިވެވަގެނެގެން އާބާދުވެފައިވާ ޑޮހެންސްކް އަދި ލުހަންސްކް ޕީޕަލް ރިޕަބްލިކުން ވަނީ އެއީ މިނިވަން ޖަމާއަތެއް ގޮތުގައި ބަލައިގަތުމަށް އެދި ޕުޓިންގެ ކިބައިން އެދިފައެވެ. ޕުޓިން މިކަމަށް އެއްބަސްވެވަޑައިގެންފިނަމަ މޮސްކޯގެ ބާރުތަކުން އެ ފަރާތްތަކަށް ރައްކާތެރިކަން ކަށަވަރުކޮށްދިނުމުގެ ނަމުގައި އެ ސަރަހައްދުތަކުގައި ރަޝިއާގެ ސިފައިން ގާއިމުކުރުމުގެ ދޮރު ހުޅުވިގެން ދާނެއެވެ.

ޕުޓިން ވިދާޅުވެފައިވަނީ އެ އާބާދީގެ ލީޑަރުންގެ ގޮވާލުމަށް އިޖާބަ ދޭން ޖެހޭކަމަށާއި، ޔޫކްރޭނުގެ ހުޅަނގުން ކުރިމަތިކުރާ ފިއްތުންތަކުން މޮސްކޯއަށް ކުރިއަށް އޮތްތަނުގައި ނުރައްކަލާއި ކުރިމަތިލާން ޖެހިދާނެ ކަމަށެވެ. އަދި މޮސްކޯގެ ބޭނުމަކީ ހަނގުރާމަ ގާއިމުކުރުން ނޫންކަމަށާއި ނަމަވެސް ރައްކާތެރިކަން ކަށަވަރުކޮށްދިނުން ކަމުގައި ޕުޓިން ވިދާޅުވެއެވެ.

އިރުމަތީ ޔޫކްރޭނުގައި ގާއިމުވެފައިވާ ވަކި ދެ ޖަމާއަތަކީ މިނިވަން ބައެއް ގޮތުގައި ޕުޓިން ބަލައިގަތުން

ރަޝިއާ ޓީވީ މެދުވެރިކުރައްވައި ދެއްވި ބަޔާނެއްގައި ޕުޓިން ވަނީ ޔޫކްރޭނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔޫކްރޭނުގެ ލީޑަރުންނަކީ ކޮރަޕްޓު ބައެއް ކަމަށާއި އެގައުމުން ނޭޓޯއާއި ގުޅިފައިވާކަމަށް ވަނީ ތުހުމަތުކުރައްވައިފައެވެ. ނޭޓޯގެ ބާރުތަކުން ރަޝިއާއާއި ދެކޮޅަށް މަސައްކަތްކުރާއިރު ރަޝިއާއިން ދިފާއުގައި މަސައްކަތްކުރާނެކަމުގައިވެސް ޕުޓިން ވަނީ ވިދާޅުވެފައެވެ. މީގެ އިތުރުން ޕުޓިންގެ ދިގު ބަޔާނުގައި އިރުމަތީ ޔޫކްރޭނުގައި ގާއިމުވެފައިވާ ދެ ޖަމާއަތަކީ މިނިވަން ބައެއް ގޮތުގައި ޕުޓިން ވަނީ ބަލައިގެންފައެވެ.

ޕުޓިންގެ މިނިންމެވުމާ ގުޅިގެން ރަޝިއާއާއި ދެކޮޅަށް ހުޅަނގުގެ ގިނަ ގައުމުތަކުން ވަނީ ދަތިކުރުމުގެ ފިޔަވަޅުތައް އަޅާނެކަމަށް ބުނެފައެވެ. އިރުމަތީ ޔޫކުރޭނުގައި އާބާދުވެފައިވާ ދެ ޖަމާއަތް ރަޝިއާއިން ބަލައިގަތުމަކީ ބައިނަލްއަގުވާމީ މުއާހަދާއާ ހިލާފުވުމެއްކަމަށާއި އަދި މިންސްކް އެގްރިމަންޓާ ވެސް ހިލާފުވުމެއްކަމުގައި ބުނެ ހުޅަނގު އިއްތިހާދުގެ ޗީފް އުރްސުލާ ވަނީ ނުރުހުން ފާޅުކުރައްވައިފައެވެ. އުރްސުލާ ވިދާޅުވެފައިވަނީ ހުޅަނގުން އެކަތިގަނޑަކަށް ވެ ޔޫކްރޭން ދިފާއުކުރުމުގައި ދެމިތިބޭނެ ކަމަށެވެ. އެމެރިކާ އަދި ނޭޓޯއިންވެސް ވަނީ ރަޝިއާގެ މިނިންމުން ކުށްވެރިކޮށްފައެވެ.

ހުޅަނގުން ރަޝިއާއާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އެޅުމަށް ގޮވާލަމުން އަންނައިރު ޕުޓިން ވިދާޅުވެފައިވަނީ ޔޫކްރޭނުން ހިންގާ ގަތުލުއާއްމު ހުޅަނގަށް ނުފެންނަ ކަމަށެވެ. އިރުމަތީ ޔޫކްރޭނުގައި ވަކިވެފައިވާ ޖަމާއަތްތަކަށް ހަމަލާދީ މީހުން މަރަމުން އަންނަކަމުގައި ޕުޓިން ތުހުމަތު ކުރައްވައެވެ.

ޕުޓިންގެ މި ނިންމެވުން ކުށްވެރިކޮށް އެކަމާ ދެކޮޅަށް ގިނަ ގައުމުތަކަކުން އަޑު އުފުލަމުން އަންނައިރު ޕުޓިން ވަނީ ރަޝިއާގެ ބާރުތައް އިރުމަތީ ޔޫކްރޭނުގެ ވަކިވެގަނެފައިވާ ސަރަހައްދުތަކަށް ފޮނުވުމުގެ މަސައްކަތް ފައްޓަވައިފައެވެ.

މި މައްސަލައާ ގުޅިގެން އދ. ސަލާމަތާއިބެހޭ ކައުންސިލްގެ ކުއްލި ބައްދަލުވުމެއްވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ.

ޕުޓިންގެ ނިންމެވުމާ ދެކޮޅަށް ގިނަ ގައުމުތަކެއް އެއް ފަޅިއަށް އަރާފައިވާއިރު ރަޝިއާއަށް ވާގިވެރިވާ ޗައިނާއިން ބުނެފައިވަނީ ހާލަތު ގާތުން ބަލަމުން އަންނަ ކަމަށެވެ. ޗައިނާގެ ބަޔާނުގައި ރަޝިޔާގެ ނިންމުން ކުށްވެރި ކޮށްފައެއް ނުވެއެވެ.

ޔޫކްރޭނުގެ ރައީސް ވިދާޅުވެފައިވަނީ އަމިއްލަ ފަސްގަނޑުގައި ސާބިތުވެ ތިބޭނެ ކަމަށާއި ރަޝިއާގެ ނިންމުމާ މެދު ބިރުނުގަންނަ ކަމަށެވެ.