މާދަމާއިން ފެށިގެން މާލޭ ސަރައްދުން ރާއްޖޭގެ އެހެން ރަށްރަށަށް ދަތުރުކުރާއިރު ޕީސީއާރް ޓެސްޓް ހަދަން ނުޖެހޭ ގޮތަށް ހަދައިފިއެވެ.

މާލެ ސަރަހައްދުގައި ކޮވިޑް ކޭސްތައް އިތުރުވުމާ ގުޅިގެން މާލޭ ސަރައްދުން ފުރާ މީހުން ކޮވިޑަށް ޓެސްޓުކުރަން ޖެހޭގޮތަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ކަނޑައަޅާފައިވަނީ މިދިޔަ މަހުގެ ނުވަ ވަނަ ދުވަހުން ފެށިގެންނެވެ.

މާލެ ސަރަހައްދުގައި ކޮވިޑް ކޭސްތަކުގެ އަދަދު ދަށްވުމާ ގުޅިގެން އެޗްޕީއޭއިން މިއަދު ވަނީ ބައެއް ލުއިތައް ދޭން ނިންމައިފައެވެ. އެ ލުއިތައް ދިނުމަށް ނިންމާފައިވަނީ މާދަމާއިން ފެށިގެންނެވެ.

އެގޮތުން އެޗްޕީއޭއިން ވަނީ މާލޭ ސަރަހައްދުގައި 50 މީހުންނަށް ވުރެ ގިނައިން އެއްވެ އުޅުމާއި ހަފުލާތަކާއި އިވެންޓްތައް ބޭއްވުމަށް މަނާކޮށްފައި އޮތް އޮތުން ނިމުމަކަށް ގެނެސްފައެވެ. ނަމަވެސް މިފަދަ ހަރަކާތްތައް ބާއްވަން ވާނީ ގައިޑްލައިންތަކާ އެއްގޮތަށް ކަމަށް އެޗްޕީއޭއިން މިއަދު ނެރުނު އިއުލާނުގައިވެއެވެ.

މީގެ އިތުރުން ކުޅިވަރު މުބާރާތްތަކަށް ކުޅިބަލާމީހުންނަށް ނުވަދެވޭގޮތަށް އޮތް އޮތުން އުވާލުމަށްވެސް ވަނީ ނިންމައިފައެވެ. ނަމަވެސް ކުޅިވަރު މުބާރާތްތައް ބޭއްވުމުގައި ބާއްވަން ވާނީ އެޗްޕީއޭއިން އާންމުކޮށްފައިވާ ގައިޑްލައިންތަކާ އެއްގޮތަށެވެ. އަދި މާލެއިން ރާއްޖޭގެ އެހެން ރަށްރަށަށް ދަތުރުކުރުމުގެ ކުރިން ޕީސީއާރް ޓެސްޓް ހަދަންޖެހޭގޮތަށް އޮތް އޮތުންވެސް ވަނީ އުވާލައިފައެވެ.

މާލެ ސަރަހައްދުގައި ކޮވިޑް ކޭސްތަކުގެ އަދަދު ވަނީ ވަރަށް ބޮޑަށް ދަށްވެފައެވެ. އެގޮތުން މިހާރު ދުވާލެއްގެ މައްޗަށް މާލެ ސަރަހައްދުން ޕޮޒިޓިވްވާ އަދަދު އުޅެނީ 100 އިން ދަށުގައެވެ.