ރާއްޖޭގެ ފަތުރުވެރިކަމުގެ އެއް ބާނީ ކަމުގައިވާ ޖޯޖް ކޯބިން އާއި އޭނާގެ ދަރިކަނބަލުން ޖޯޖިއާ ކޯބިންއަށް މޯލްޑިވްސް ބޯޑާ މައިލްސްގެ އެންމެ ޝަރަފުވެރި "އަބާރަނަ ޓިއާ" އަރުވައިފިއެވެ.

މިއީ މި "ޓިއާ" ފަތުރުވެރިޔަކަށް ދެވުނު ފުރަތަމަ ފަހަރެވެ. ޖޯޖިއާ ކޯބިން ވަނީ 1972 ވަނަ އޭނާގެ ބައްޕައާއެކު ރާއްޖެ އައިސްފައެވެ. އޭނާއަކީ ފަތުރުވެރިކަން ފެށުނުއިރު ރާއްޖެއައި އެންމެ ހަގު ފަތުރުވެރިޔާވެސް މެއެވެ.

މިދެބޭފުޅުންނަށް އަބާރަނަ ޓިއާ އަރުވާފައި ވަނީ އެބޭފުޅުން ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރު ނިންމަވައިލެއްވުމަށްފަހު ފުރާވަޑައިގަތުމަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ ވީއައިއޭ ލޯންޖުގައި މިއަދު ބޭއްވި ހަފުލާއެއްގައި ހެލްތު މިނިސްޓަރު އަހުމަދު ނަސީމެވެ.

މިނިސްޓަރު ނަސީމްއާއި ކޯބިން އެންމެ ފުރަތަމަ ފަހަރަށް ބައްދަލުވެފައި ވަނީ 1971 އަހަރު ސްރީލަންކާގެ އެންބަސީންނެވެ. އެއަށްފަހު މި ދެބޭފުޅުން ވަނީ ރާއްޖެއަށް ފަތުރުވެރިކަން ގެނައުމުގައި އިސް ދައުރެއް އަދާކުރައްވާފައެވެ.

ކޯބިން އާއި އޭނާގެ ދަރިކަނބަލުން މިދިޔަ އަންގާރަ ދުވަހު ރާއްޖެ ވަޑައިގެންފައިވަނީ ރާއްޖޭގެ ފަތުރުވެރިކަމުގެ ފަންސާސް އަހަރު ފުރުމުގެ ރަންޔޫބިލް ފާހަގަ ކުރުމުގެގޮތުން ބާއްވަމުން އަންނަ ހާއްސަ ހަރަކާތްތަކުގައި ބައިވެރިވެ ވަޑައިގަތުމަށްޓަކައެވެ.

ކޯބިން ގެނައި ފަތުރުވެރިންގެ އެންމެ ފުރަތަމަ ގްރޫޕް ރާއްޖެ ގެނެސްފައިވަނީ 16 ފެބުރުވަރީ 1972 ގައެވެ. މި ގްރޫޕްގައި ބޮޑަށް ހިމެނުނީ ނޫސްވެރިންނާއި ޑައިވަރުންނެވެ. ފަތުރުވެރިންގެ މި ގްރޫޕަށް ރާއްޖޭގެ ގުދުރަތީ ރީތިކަން ފެނި، ރާއްޖެއަކީ 'ދުނިޔެމަތީ ސުވަރުގެ' ގޮތުގައި ސިފަކޮށްފައިވެއެވެ.

މޯލްޑިވްސް ބޯޑާ މައިލްގެ އަބާރަނަ ޓިއާ އަކީ ޕްރޮގްރާމުގެ އެންމެ ޝަރަފުވެރި ޓިއާއެވެ. އެގޮތުން މި ޓިއާގެ މެންބަރުންނަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ހިލޭ ވިއައިޕީ ސާވިސް ދިނުމަށްވެސް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން މޯލްޑިވްސް ބޯޑާ މައިލްސްގެ ޕާޓްނާ ރިސޯޓުތަކާއި ގެސްޓްހައުސްތަކުންވެސް މި ޓިއާ ހާސިލުކުރާ މެންބަރުންނަށް ހާއްސަ އިނާޔަތްތަކެއް ކަނޑައަޅާފައިވެއެވެ.