ދައުލަތުން ބޭނުންވާ ޝަރުތުތަކެއް ކުރުމަށްފަހު ބަންދުން ދޫކޮށް ދިނުމަށް ހައުސިން ޔުނިޓުތަކެއް އިމާރާތް ކުރުމުގެ ނަމުގައި އެތައް ބައެއްގެ އަތުން މަކަރާއި ހީލަތުން ފައިސާ ނެގި މައްސަލައިގައި ހިޔާނާތުގެ 42 ދައުވާއެއް ކޮށްފައިވާ ސީލައިފް ގްލޯބަލްގެ މެނޭޖިން ޑިރެކްޓަރު އަހުމަދު މޫސާ (އައްމަޓީ) މިއަދު ކުރިމިނަލް ކޯޓުގައި އެދިއްޖެއެވެ.
ކުރިމިނަލް ކޯޓުގައި މިއަދު އޮތް އެ މައްސަލައިގެ ޝަރީއަތުގައި އައްމަޓީ ވަނީ ދައުލަތުންކުރާ ހުރިހާ ދައުވާތަކަށް އިންކާރުކުރާ ކަމަށް ބުނެފައެވެ. އަދި ވަނީ ދައުލަތުން އިއްވާފައިވާ ދައުވާތަކަށް ޖަވާބުދާރީވެ އިންކާރުކުރާ ސަބަބު ސާފުކޮށްދީފައެވެ.
އެއަށްފަހު ކުރިއަށް ގެންދިޔަ ބަންދުމުރާޖާ ކުރުމުގެ ބައިގައި އައްމަޓީ އެދުނީ އޭނާ ބަންދުން ދޫކޮށް ދިނުމަށެވެ. އަދި ވަނީ ދައުލަތުން އޭނާ ނުފިލާނެކަމަށް ޔަގީންވާ ހުރިހާ ޝަރުތުތަކެއް ކުރުމަށްފަހު ވެސް ބަންދުން ދޫކޮށް ދިނުމަށް އެދިފައެވެ.
ނަމަވެސް ދައުލަތުން ވިދާޅުވީ ބަންދުން ދޫކޮށްލައިފިނަމަ އައްމަޓީ ފިލައިގެން ދިއުމުގެ ބިރު އެބައޮތް ކަމަށެވެ. އަދި މީގެ ކުރިން އޭނާ ކަފާލާތުގެ ދަށުން ދޫކޮށްލަން ކުރިމިނަލް ކޯޓުން ހުކުމް ކުރުމުން ހައި ކޯޓުން އެ ހުކުމް ބާތިލުކޮށް ޝަރީއަތް ނިމެންދެން ބަންދުކުރަން އަމުރުކޮށްފައިވާކަން ދައުލަތުން ވަނީ ފާހަގަކުރައްވައިފައެވެ.
މިއަދުގެ އަޑުއެހުން އެހާ ހިސާބުން ނިންމާލުމަށްފަހު މައްސަލަ ބައްލަވާ ގާޒީ ހަސަން ސައީދު ވިދާޅުވީ ބަންދާމެދު ގޮތެއް ނިންމަވާނީ ދެން އޮންނަ އަޑުއެހުމެއްގައި ކަމަށެވެ.
ކުރިމިނަލް ކޯޓުން ކަފާލާތުގެ ދަށުން އައްމަޓީ ދޫކޮށްލީ އޭނާގެ އަންހެން ދައްތަ އާއި ކޮއްކޮ ޖާމިނުވާ ގޮތަށް މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ 20 ވަނަ ދުވަހުއެވެ. އެ ހުކުމް ބާތިލުކަމަށް ކަނޑައަޅައި އައްމަޓީ ޝަރީއަތް ނިމެންދެން ބަންދުކުރަން ހައި ކޯޓުން ހުކުމްކުރީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 15 ވަނަ ދުވަހުއެވެ.
އައްމަޓީގެ މައްޗަށް ދައުލަތުން ހިޔާނާތުގެ 42 ދައުވާ ސާބިތުވެއްޖެނަމަ އޭނާގެ މައްޗަށް 65 އަހަރުގެ ޖަލު ހުކުމެއް އަންނާނެއެވެ. މިއީ ރާއްޖޭގައި އެކަކުގެ މައްޗަށް މިހާ ގިނަ ދައުވާ އުފުލި ފުރަތަމަ ފަހަރެވެ.
ޚަބަރު
ޚަބަރު
ޚަބަރު