(14 ފެބުރުއަރީގެ އަދަދާ ގުޅޭ)
އިސްލާމީ ސިޔާސީ ނިޒާމުގައި ވެރިޔަކު އިންތިޚާބުކުރެވޭނީ ކޮންގޮތަކަށްތޯއެވެ؟ އަމީރެއްގެ ކިބައިގައި ހުރުން އިސްލާމީ ސިޔާސީ ނިޒާމުގައި ލާޒިމުކަމުގައި ބަލާ ސިފަތަކާއި ޤާބިލިއްޔަތުތަކަކީ ކޮބައިތޯއެވެ؟ މެކިޔާވެލީ (ވިހެއީ 1469މ. ގައި) ހުށަހަޅާ ސިފަތަކާ އެކަންކަމާ އަޅައިބަލައިލަމާ ހިންގަވާށެވެ. މެކިޔާވެލީއަކީ އިޓަލީއަށް އުފަން މީހެކެވެ. ޔޫރަޕުގެ ލާދީނީ ފިކުރިއްޔާތުގެ އިމާމުންކުރެ އެންމެއިސް އެކަކީ އޭނާއެވެ. އޭނާއަކީ އިންސާނީ ފިޠުރަތުތަކާމެދު ކުށްހީތަކެއްގައި ހައްޔަރުވެފައިހުރި މީހެކެވެ. ސަރުކާރުވެސް ޙާކިމުވެސް އެއްވެސްކަހަލަ އަޚްލާޤީ އަގެއް ގަބޫލުކުރާކަށެއް އޭނާ ބޭނުމެއް ނުވެއެވެ. އޭނާ ދުރުމީއެޅީ އިންސާނީ ޙަޔާތުގެ އަނދިރިފަރާތަށެވެ. އޭނާއަކީ މާޔޫސްވެފައިހުރި މީހެކެވެ. އުންމީދު ގެއްލިފައިހުރި މީހެކެވެ. އޭނާ ބުނާގޮތުގައި ސަރުކާރުވެސް ޙާކިމުވެސް އަޚްލާޤީ އުސޫލެއް ހިފެހެއްޓުމަކީ މޮޔަކަމެކެވެ. އޭނާގެ ގާތުގައި އަސްލު އެއްޗަކީ ސިޔާސީ ބާރެކެވެ. އަޚުލާޤީ އުސޫލަކާ އެއްގޮތަށް ހިނގުމުން ސިޔާސީ ބާރަށް އެއްވެސްވަރެއްގެ ލޮޅުމެއްއަރައި ނުގުސާނެއް ފޯރުމުގެ އެކަށޭނަކަށް އޮތްކަމުގައިވާނަމަ އަޚްލާޤީ އުސޫލުތައްވާނީ ދޫކޮށްލާށެވެ. ފުރަގަހަށް އެއްލައިލާށެވެ. ސިޔާސީ މަކަރާއި ހީލަތާއި މުނާފިޤު ޑިޕްލޮމެސީގެ އިމާމެއްކަމުގައި ބެލެވެނީ މެކިޔާވެލީއެވެ. މެކިޔާވެލީގެ ސިޔާސީ ފަލްސަފާ ޔޫރަޕުގައިވަނީ ވަރަށްބޮޑަށް މަޤްބޫލުވެފައެވެ. ޔޫރަޕުގެ ސިޔާސީ ނަޒަރިއްޔާތަކާއި ބައިނަލްއަޤްވާމީ ގުޅުންތަކާބެހޭ ނަޒަރިއްޔާތައް ވަރަށްބޮޑަށްވަނީ މެކިޔާވެލީގެ ތައްގަނޑަށް ފެތިފައެވެ. މެކިޔާވެލީ ވަނީ ދީން ސިޔާސަތުން ބޭރުކޮށްފައެވެ.
އަމީރު ނުވަތަ ޚަލީފާއަކީ އިސްލާމީ ސަރުކާރެއްގެ އިސްޒިންމާދާރެވެ. އޭނާއަށް އޭނާ ވާޖިބު ފުރިހަމަޔަށް އަދާކުރެވޭނީ ރައްޔިތުން އޭނާއަށް ބޯލަނބައި ކިޔަމަންވެގެންނެވެ. އެހެންކަމުން ކީރިތި ޤުރްއާނުގައިވަނީ އަމީރަށް ކިޔަމަންވާން އަމުރުކުރައްވައިފައެވެ.
"ތިޔަބައިމީހުން اللّــه އަށް ކިޔަމަންވާށެވެ! އަދި ރަސޫލާއަށާއި، ތިޔަބައިމީހުންގެ ތެރެއިން ވެރީންނަށްވެސް ކިޔަމަންވާށެވެ." (الـنّسـاء: 59)
ކުރީންވެސް ދަންނަވައިފައިވާ ފަދައިން ވެރީންނަށް ކިޔަމަންވުންވަނީ ޝަރުޠަކާ ގުޅުއްވައިފައެވެ. އެ ޝަރުޠަކީ ވެރީން މާތް اللّــه ގެ ފޮތް ޤާއިމުކުރެއްވުމެވެ. ރައްޔިތުން ކިޔަމަންވާންޖެހޭނީ ވެރިޔާގެ އަމުރަކީ މާތް اللّــه އަށް އުރެދެވޭ އަމުރެއްކަމުގައި ނުވާނަމައެވެ.
ކައުސާހިބާ صلّــى اللّــه عليـه وسلّـم މަދީނާގައި އިސްލާމީ ސްޓޭޓްގެ ނުވަތަ ދައުލަތެއް ޤާއިމުކުރެއްވުމަށްފަހު މަދީނާގެ އަހުލުވެރީންކަމުގައިވާ ޢަރަބީންނާއި ޔަހޫދީންނާއެކު ލިޔެވިފައިވާ މުޢާހަދާއެއް ކުރެއްވިއެވެ. ތާރީޚުގައި އެ މުޢާހަދާ މަޝްހޫރުވެފައިވަނީ "މަދީނާގެ މީޘާޤު" ގެ ނަމުންނެވެ. އެ މުޢާހަދާއަކީ ދުނިޔޭގެ ތާރީޚުގައި ސޮއިކުރެވުނު ލިޔެވިފައިވާ އެންމެފުރަތަމަ ޤާނޫނުއަސާސީއެވެ. އެ މުޢާހަދާ ނުވަތަ ދުސްތޫރު އެކުލެވިގެންވަނީ ފަންސާސްތިން މާއްދާއެއްގެ މައްޗަށެވެ. رسـول اللّــه صلّــى اللّــه عليـه وسلّـم އަކީ އެ ދުސްތޫރުގައިވާ ގޮތުގެމަތީން އިސްލާމީ ދައުލަތުގެ އެންމެ އިސްވެރިޔާއެވެ. މަދީނާގެ އަހުލުވެރީންކަމުގައިވާ ޢަރަބީންނާއި ޔަހޫދީންވަނީ އެ ދުސްތޫރުގެ ޒަރީޢާއިން އިސްލާމްދީނުގެ ނަބިއްޔާގެ ވެރިކަން ޤަބޫލުކޮށްފައެވެ. މަދީނާގެ މީޘާޤު އަޅުގަނޑުމެންނަށް މަގުދައްކަނީ ވެރިކަންކުރުމުގެ އިސްލާމީ ނިޒާމުގެ ސަރުކާރެއްގައި ޤާނޫނުއަސާސީއެއް އޮންނާންޖެހޭނެކަމުގެ މައްޗަށެވެ. އެ ޤާނޫނުއަސާސީއަކީ ލިޔެވިފައިވާ ޤާނޫނުއަސާސީއަކަށްވެސް ވާންޖެހޭނަކަމުގެ މައްޗަށެވެ.
މަދީނާގެ މީޘާޤު ނުވަތަ މުޢާހަދާގެ އެއްބައިގުޅިފައިވަނީ މުސްލިމުންނާއެވެ. އެއީ އިސްލާމްދީނަށްޓަކައި ހެޔޮހިތުން މުޅީން އަމިއްލަކަމެއްގެ ގޮތުގައި ޚިދުމަތްކުރަމުން ގެންދިޔުމެވެ. މުސްލިމުންގެ މެދުގައި އެކުވެރިކަމާއި އެއްބައިވަންތަކަން އޮތުމެވެ. މަދީނާގެ މީޘާޤުގައި ޞަރީޙަކޮށް ބަޔާންކުރެވިފައިވާގޮތުގައި މުޢާހަދާގެ ބައިވެރީންގެ މެދުގައި އެއްވެސްކަހަލަ ދެބަސްވުމެއް އުފެދިއްޖެކަމުގައިވާނަމަ އެކަމެއް ބައްލަވައި ނިޔާކަނޑައެޅުއްވުމުގެ ބާރު ލިބިވަޑައިގެންފައިވަނީ އިސްލާމްދީނުގެ ނަބިއްޔާ صلّــى اللّــه عليـه وسلّـم އަށެވެ. އެމާތް ސާހިބާގެ ނިންމެވުމަކީ އެންމެފަހު ބަހެވެ. އެންމެން އާދޭހޭ ދަންނަވާންޖެހޭ ބަހެވެ. އެންމެހައި މުސްލިމުންނަކީ ޙައްޤުތަކާއި ވާޖިބުތަކުގައި އެއްވަރު ބައެކެވެ. ހަމަހަމަ ބައެކެވެ. އެމުޢާހަދާގައި އަދިވެސް ބަޔާންވެފައިވެއެވެ. ޔަހޫދީންނަށް އެބައިމީހުންގެ ދީނުގެ މިނިވަންކަން ލިބިގެންވެއެވެ. ބޭރުގެ ޙަމަލާއެއް ކުރިމަތިވެއްޖެ ހިނދެއްގައި މަދީނާ ދިފާޢުކުރުމަކީ ޔަހޫދީންގެ މައްޗަށްވެސް ލާޒިމުކަމެކެވެ. ތަމައްދުނީ ކަންކަމުގައްޔާއި ޘަޤާފީ މުޢާމަލާތަކުގައި ޔަހޫދީންނާއި މުސްލިމުންގެ ޙައްޤުތައް އެއްވަރެވެ. އެ މުޢާހަދާއަކީ ޙައްޤުތަކުގައި ހަމަހަމަވެގެންވުމުގެ އިޢުލާނެއް ފަދައެވެ. އެ މުޢާހަދާ ލާޒިމުކުރާގޮތުން ޔަހޫދީންނާއި މުސްލިމުންނަކީ ޙަލީފުންނެވެ. އެކުވެރީންނެވެ. ބައިވެރީންނެވެ. ޔަހޫދީންނަކަށް ޤުރައިޝުންނަކަށްވެސް ޤުރައިޝުންގެ ޙަލީފުންކަމުގައިވާ ޤަބީލާތަކަކަށްވެސް އެއްވެސްކަހަލަ މަދަދެއް ނުދެވޭނެއެވެ. އެހީއެއް ނުވެވޭނެއެވެ.
ކުރީންވެސް ދެންނެވި ފަދައިން އެ މުޢާހަދާއަކީ ދުނިޔޭގައި ލިޔެވުނު އެންމެފުރަތަމަ ޤާނޫނުއަސާސީއެވެ. އެ މުޢާހަދާއިން މީގެ ސާދަސައްތަ އަހަރުކުރީން ވަނީ އިންސާނުންގެ ޖަމާޢަތީ ދިރިއުޅުން ހަމަތަކަކަށް ތަބާކުރުވައިފައެވެ. އެހަމަތަކުގެމަތީން ކޮންމެ ބަޔަކަށްވެސް ކޮންމެ މީހަކަށްވެސް އެމީހެއްގެ ޢަޤީދާގައި ސާބިތުވެހުރުމުގެ މިނިވަންކަމުގެ ޙައްޤުވަނީ ލިބިފައެވެ. އެދުވަސްވަރަކީ ތަހުޒީބާއި ތަމައްދުން ފުރާފުރިހަމަވެ ކުރިއަރައި ހަރުދަނާވުމުގެ ޅަފަތުގެ ދުވަސްވަރެވެ. އެންމެފުރަތަމަ މަރްޙަލާއެވެ. ކައުސާހިބާ صلّــى اللّــه عليـه وسلّـم އެ އިބްތިދާއީ ދައުރުގައިވަނީ މަދީނާގެ މީޘާޤު އެކަށައަޅުއްވައިފައެވެ. މުސްތަޤްބަލުގައި ދުނިޔޭގައި އުފެދިގެންއަންނާނެ ސަރުކާރުތަކަށް އެންމެފުރިހަމަ މާނައިގެ ޖުމްހޫރީ އަދި ދުސްތާރީ ނަމޫނާއެއް ޤާއިމުކޮށްދެއްވައިފައެވެ.
މިއަދު ދުނިޔޭގެ ކޮންމެ ކަންކޮޅެއްގައި އިސްލާމީ ވެރިކަމެއް ޤާއިމުކުރިކަމުގައިވިޔަސް މަދީނާގެ މީޘާޤު ވާނީ އެވެރިކަމަކަށް މަގުދައްކާ އެންމެ އަލިގަދަ ފަނާރުކަމުގައެވެ. އެންމެ ފުރިހަމަ ނަމޫނާ ކަމުގައެވެ. މިއަދުގެ ދުނިޔޭގައި އެންމެ ހަރުކޮށް އަޑުއަރުވަމުން ގެންދާ އިންސާނީ ޙައްޤުތަކުގެ އަސާސުތައްވެސް އެ މީޘާޤުގައި އެހެރީ ދައްކަވައިފައެވެ. ޝައްކެއްވެސް ނެތެވެ. ކައުސާހިބާ
صلّــى اللّــه عليـه وسلّـم ދުނިޔެއަށް ދައްކަވައިފައިއެވަނީ މުސްލިމުންގެ ވެރިކަމެއް ޤާއިމުކުރާނެގޮތުގެ ދުސްތޫރީ ނަމޫނާއެކެވެ. އިތުރު ސާހިބާ އެ ފުރިހަމަ ނަމޫނާ ހުށަހެޅުއްވީ ލިޔެވިފައިވާ ދުސްތޫރީ އެއްވެސް ނަމޫނާއެއް ދުނިޔޭގައި ނެތީހެވެ. އެހެންކަމުން އިސްލާމީ ވެރިކަމެއް ޤާއިމުކުރާއިރު ޤާނޫނުއަސާސީއެއް އެކަށައެޅުމަކީ އެކަމެއްގެ މުހިންމުކަން އިސްލާމީ ޢިލްމުވެރީން ޤަބޫލުކުރައްވާ މުހިންމު އަސްލެކެވެ.
ތަކުރާރުކޮށް އެތައްފަހަރަކު ބަޔާންކޮށްފައިވާނެ ފަދައިން އަޅުގަނޑުމެން އިސްލާމީ ޖުމްހޫރިއްޔަތުގެ އިސްޠިލާޙު ބޭނުންކުރަމުން މިގެންދަނީ ޝަރަޙައެއްގެ ގޮތުންނެވެ. އޮޅުންފިލުވައިދިނުމެއްގެ ގޮތުންނެވެ. މަޤްޞަދަކީ އިސްލާމީ ވެރިކަމަކީ ރަސްކަމެއް ނޫންކަމުގައި ދެންނެވުމެވެ. ލަގަނެއްނެތް ގޮށްމުށުބާރުގެ ވެރިކަމެއްނޫނޭ ދެންނެވުމެވެ. މިޒަމާނުގެ ތަޢުބީރަކުން ދަންނަވާނަމަ ޑިކްޓޭޓަރޝިޕެއް ނޫނޭ ދެންނެވުމެވެ. ބޭނުންކުރާންޖެހޭ ޙަޤީޤީ އިޞްޠިލާޙަކީ ޚިލާފަތެވެ. ނުވަތަ ޝޫރާއިއްޔަތެވެ. ނަމަވެސް ޢާންމުކޮށް ފޮތްކިޔުން މަދުވުމާއި، ނުރަނގަޅު ވެރިކަމުގެ ނިޒާމުތަކުގެ ސިލްސިލާ މާދިގުވެގެން އައުމުގެ ސަބަބުން ޢާންމު ކިޔުންތެރީންގެ ވިސްނުން ޚިލާފަތުގެ މުހިންމު ޖުމްހޫރީ ރޫޙާ ހަމަޔަކަށް މިހާރަކު ނުފޯރައެވެ. ކުރީންވެސް ދަންނަވަމުން އަންނަފަދައިން މިހާރުގެ ވަރަށްގިނަ ޢިލްމުވެރީން ސިޔާސަތުގެ އިސްލާމީ ނިޒާމަށް އިސްލާމީ ޖުމްހޫރިއްޔަތޭ ލިޔުއްވަމުން ގެންދަވަނީ އެސަބަބާހުރެ ކަމުގައި ވެދާނެއެވެ. ކޮންމެއަކަސް އަޅުގަނޑު އިސްލާމީ ޖުމްހޫރިއްޔަތޭ ލިޔާ ކޮންމެތަނެއްގައިވެސް އޭގެ މުރާދަކީ ޚިލާފަތުކަމުގައި ނުވަތަ ޝޫރާއިއްޔަތު ކަމުގައި ބެއްލެވުން އެދެމެވެ. އެ ނިޒާމު ޤާއިމުކުރުމަކީ އިސްލާމީ އުންމަތުގެ މައްޗަށްއޮތް ވާޖިބެކެވެ.
ޞަޙާބީންގެ އިޖްމާޢުން ސާބިތުވާފަދައިންނެވެ. ކައުސާހިބާ صلّــى اللّــه عليـه وسلّـم ސުވަރުގެ ވަޑައިގެންނެވުމުން ޞަޙާބީން އެންމެ މުހިންމު ކަމެއްކަމުގައި ދެކެވަޑައިގެންނެވީ ޚަލީފާއަކު ޢައްޔަންކުރެއްވުމެވެ. މުސްލިމް އާބާދީއެއްގެ އިޖްތިމާޢީ ނިޒާމުގެ ބިންގާ އެޅެނީ ޚަލީފާއަކު އިންތިޚާބު ކުރެވުމުންނެވެ. ޝޫރާޢީ ނިޒާމެއް އެކުލަވައިލުމާއި ޤާނޫނުހަދާ މަޖިލީހެއް އުފެއްދުމެވެ. އުއްތަމަފަނޑިޔާރަކު ޢައްޔަންކުރުމާއި، ޢަދުލުއިންޞާފުގެ ކަންތައް ހަރުދަނާކޮށް ބަދަހިކުރުމެވެ. ހިންގުމުގެ ނިޒާމެއް ބިނާކުރުމާއި، އާންމުންގެ މުހުތާދުތައް ފުއްދައިދިނުމެވެ. ދީނާއި ޝަރީޢަތް ޤާއިމުކުރުމާއި، އިސްލާމީ ދަޢުވަތު ޢާންމުކުރުމެވެ. މީހުންގެ ޖާނާއި މާލު ރައްކާތެރިކޮށްދީ މީހުންނަށް ވަޒީފާގެ ފުރުޞަތު ހޯދައިދިނުމެވެ. އެނޫންވެސް ޢާންމު ފައިދާއަށްޓަކައި ކުރާންޖެހޭ ކަންތައްތައް ކުރިއަރުވައި ހިންގުމެވެ. އުންމަތުގެ ޞިއްޙަތާއި ތަޢުލީމާއި ތަރުބިޔަތާއި މަސައްކަތްތެރިކަމާއި ސައިންސީ ތަރައްޤީ ޗާލޫކުރުމެވެ. އިސްލާމީ ޤާނޫނާ އެއްގޮތަށް ޖިހާދުކުރުމެވެ. މިކަންކަމަކީ މިހުރިހައި ކަންކަން އެކުވެގެން އިސްލާމީ ރިޔާސަތެއް ވުޖޫދަށް އަންނަ ކަންކަމެވެ. މިފަދަ ރިޔާސަތެއް އުފެއްދުމަކީ މުސްލިމުންގެ މައްޗަށް ހުސްއެކަނި މުސްތަޙައްބުކަމަކީއެއް ނޫނެވެ. އަދި ކީއްތޯއެވެ. އެއީ މުސްލިމުންގެ ވާޖިބުތަކުގެ ތެރެއިން ހިމެނޭ ކަމެކެވެ.
ބިމުގެ އެއްވެސް ކަންކޮޅެއްގައި މުސްލިމުންގެ އަކްސަރިއްޔަތު އޮވެފައި އެތަނެއްގައި މިދެންނެވި އިޖްތިމާޢީ ނިޒާމު ޤާއިމުކުރާން މަސައްކަތް ނުކޮށްފިނަމަ އެންމެން ފާފަވެރިވާނެއެވެ. ފިޤުހުވެރީންގެ ބައެއް ބޭކަލުން ވިދާޅުވާގޮތުގައި ޚަލީފާއަކު ޢައްޔަންކުރުމަކީ މުސްލިމުންގެ މައްޗަށް ވާޖިބެކެވެ. މުސްލިމުން އެބައިމީހުންގެ އަމީރަކަށް ނުވަތަ ޚަލީފާއަކަށް މީހަކު އިންތިޚާބުނުކޮށް ތިންރެއަށްވުރެ ގިނަދުވަސްކުރުމަކީ ޖާއިޒުކަމެއް ނޫނެވެ. މުސްލިމުންގެ ފަޤީހުން މިއީ ވާޖިބުކަމެއްކަމުގެ މައްޗަށް ދަލީލު ދައްކަވަނީ ޞަޙާބީން ކަންކުރައްވައިފައިވާ ގޮތްކޮޅުންނެވެ. އަދި އަންނަނިވި އާޔަތުންވެސް އެބޭކަލުން ދަލީލު ނަންގަވައެވެ.
"ފަހެ اللّــه ބާވައިލައްވައިފައިވާ ޙުކުމުން އެއުރެންގެ މެދުގައި ކަލޭގެފާނު ޙުކުމްކުރައްވާށެވެ. އަދި ކަލޭގެފާނުގެ އަރިހަށް އައިސްފައިވާ ޙައްޤުގޮތާ ޚިލާފަށް އެއުރެންގެ އެދުންތަކަށް ކަލޭގެފާނު ތަބާވެވަޑައިނުގަންނަވާށެވެ!" (الـمـائـدة: 48)
އިސްލާމީ ނިޒާމު ޤާއިމުކުރާން މަސައްކަތް ނުކުރާހައި ހިނދަކު މުސްލިމުން ފާފަވެރިވާނެއެވެ. އިސްލާމީ ނިޒާމަކީ ހަމައެކަނި އެތަނެއްގައި މުސްލިމުންގެ އަކްސަރިއްޔަތު އޮތުމެއްނޫނެވެ. އަދި ކީއްތޯއެވެ؟ އިސްލާމީ ނިޒާމަކީ އިސްލާމީ ޤާނޫނުތައް ތަންފީޒުވުމުން އުފެދޭ އެއްޗެކެވެ. އިސްލާމީ ޤައުމުތަކުގައި ދީނާއި ޝަރީޢަތް ދިރުވުމުގެ ތަޙްރީކުތައް އުންމަތުގެ މުޅި ތާރީޚުން ފެންނަނީ އެހެންވެގެންނެވެ. ވެރިކަމާ ދެކޮޅަކަށް ހިންގާ އިދިކީލަ ޙަރަކާތްތަކާއި ހަމަނުޖެހުންތައް އެހެނިހެން ޤައުމުތަކަށްވުރެ މާގިނައިން އިސްލާމީ ޤައުމުތަކުން ފެންނަ ސަބަބަކީ އެއީއެވެ.
(ނުނިމޭ)
އިސްލާމީ ތާރީޚު
އިސްލާމީ ތާރީޚު
އިސްލާމީ ތާރީޚު
އިސްލާމީ ތާރީޚު