Close
ކޮލަމް

އަޝްރަފްގެ ނަޒަރު: މާދަރީބަހުގެ ދުވަސް އަންނަކަން މާދަރީބަހަށް އެބަ އެނގޭބާ!

އަޝްރަފް އަލީ

1

ދާދި މިދާކަށް ދުވަހު އަޅުގަނޑާ ބައްދަލުވި އަޅުގަނޑުގެ ދަރިވަރަކު ވަރަށް ތަފާތު ސުވާލެއް އަޅުގަނޑާ ކުރިއެވެ. އެ ސުވާލަކީ " ދިވެހިބަހުން ވާހަކަ ނުދައްކައި ވެސް މިހާރު ރާއްޖޭގައި އުޅެވިދާނެ ކަމަށް މުދައްރިސް ގަބޫލު ކުރައްވަންތޯ؟" އެވެ. އަޅުގަނޑު އިތުރު ތަފްސީލަކަށް ނުގޮސް ދެންނެވީމެވެ. " ލައްބަ އުޅެވިދާނެ." އެ ދަރިވަރު ބުޏެވެ. " މުދައްރިސަށް އެނގިލައްވާތޯ! އަަޅުގަނޑުމެން ދެމަފިރިންނާއި ދަރިފުޅު މި އުޅެނީ ރާއްޖޭން ބޭރުގައި. ދަރިފުޅާ އަޅުގަނޑުމެން ދެމަފރީން ވެސް ވާހަކަ ދައްކަނީ ދިވެހިބަހުން. އެ ކުއްޖާގެ އުމުރުން މިހާރު 6 އަހަރު. އޭނާ ވެސް އަޅުގަނޑުމެންނާ ވާހަކަދައްކާނީ ހަމަ ދިވެހިބަހުން. އެކަމަކު 4 އަހަރު ފަހުން އޭނަ ގޮވައިގެން އަޅުގަނޑު މާލެ މިއައީ. މުޅިން ތަޖުރިބާ ކުރެވުނީ ތަފާތު މަންޒަރެއް. އާއިލާގެ ހުރިހައި ތުއްތު ކުދިން އެއް ކުއްޖަކު އަނެއް ކުއްޖަކާ ވާހަކަ ދައްކަނީ އިނގިރޭސިބަހުން. އަޅުގަނޑުގެ ދަރިފުޅާ ވެސް. ޢާއިލާގެ އެންމެން ކަހަލަ ގޮތަކަށް އަޅުގަނޑުގެ ދަރިފުޅާ ވާހަކަ ދައްކަނީ ވެސް އިނގިރޭސިން. އަޅުގަނޑު މަނާ ވެސް ކުރިން. އެމީހުންނަށް ހީވީ އޭނާ ބޭރުގައި އުޅޭތީ ދިވެހިބަސް ނޭނގޭނޭ ކަމަށް. އެ ކަމަކު އަޅުގަނޑުމެން އޭނާ ތަރުބިއްޔަތު މި ކުރަނީ އަޅުގަނޑުމެންގެ ބަހުން އިރުޝާދު ދެމުން". އަޅުގަނޑު މި ދަރިވަރުގެ ވާހަކަ އަޑު އަހަން އިނީ ހައިރާން ވެ އަންތަރީސްވެފައެވެ. މިފަދަ ލައްކަ ވާހަކައެކެވެ. މިއީ ބަހާ މެދު ވިސްނާ މީހަކަށް ލައްކަ ފިލާވަޅު ނޫންތޯއެވެ.

އާދޭހެވެ! ބަހަކީ އިންސާނުންގެ ޖަޒުބާތާއި ޚިޔާލާއި ޝުއޫރުތައް އުފުލައިދޭ ސަވާރީއެކެވެ. އެއީ އިޖުތިމާޢީ ބައިވެރިވުމާއި ޖަމާޢަތުގެ އެއްބައިވަންތަކަމާއި އިހުތިރާމީ ގުޅުންތަކުގެ މައިގަނޑު އަސާސެވެ. ބަހާ ނުލައި ވަޠަނިއްޔަތެއް ހިނިތުމެއް ނުވެއެވެ. ގައުމިއްޔަތެއް ފުރިހަމައެއް ނުވެއެވެ. އިންސާނާގެ ފިކުރާއި ވިސްނުމުގެ ދާއިރާ ތަނަވަސްވެ ފުޅާވާ އެންމެ ފަސޭހަ ވަސީލަތަކީ އަމިއްލަ ބަހެވެ. ވެށި ބަހެވެ. އަހުލީ ބަހެވެ. އާދޭހެވެ! މާދަރީބަހެވެ. މާދަރީ ބަހަކީ އިންސާނާ ވިސްނަން ބޭނުން ކުރާ ވަސީލަތެވެ. ތިމާ އެ ތަނަކަށް އުފަންވި ތަނުގެ އަހުލީ ބަސް ވާން ވާނީ ތިމާ ވިސްނާން ޖެހޭ ބަހަށެވެ. އެހެނީ ފަހުމުވުމާއި އޮޅުންފިލުމުގެ އެންމެ ފުރިހަމަ ދޭހަވުންތައް ލިބިދެނީ މާދަރީބަހުންނެވެ. މާދަރީބަހަށް ކޮށިވި ވަރަކަށް ވިސްނުން ކޮށިވާ ކަން މިއީ ބަހަވީ ޢިލްމުވެރީން އިއްތިފާޤުވާ ކަމެކެވެ. ދިވެހިބަހަކީ ދިވެހީންގެ މާދަރީބަހެވެ. އެހެންވީމާ ދިވެހީން ވިސްނައި ފިކުރު ކުރާ ބަހަކަށް ދިވެހިބަސް ވާންޖެހެއެވެ.

އަޅުގަނޑުގެ ލޮބުވެތި ދަރިވަރު ވެސް އިޝާރަތް އެކު ކުރި ފަދައިން، އިއްޔެ ދިވެހި ރާއްޖޭގައި އޮތް ދިވެހިބަހުގެ މާހައުލާއި އަދު އޮތް މާހައުލު ވަރަށް ބޮޑަށް ތާފާތުވެއްޖެވެ. ދިވެހިބަހުން ނުވަތަ މައް ދިވެހިބަހުން މުޅި ގައުމު ވާހަކަ ދެއްކި ޒަމާންތައް އަދު މާޒީވެއްޖެއެވެ. އަދުގެ ދިވެހި މުޖުތަމަޢަކީ ދެބައްސަ ނުވަތަ ގިނަބައްސަ މުޖުތަމައެކެވެ. މިފަދަ ކޮންމެ މުޖުތަމައެއްގައި މާދަރީބަހުގެ ގޮތުގައި އެއްބަހަށް ވުރެ ގިނަ ބަސްބަސް ކުއްޖެއްގެ ކިބައިގައި އަށަގެންފާނެ ކަމަށް ދިރާސާވެރިން ވިދާޅުވެއެވެ. މިކަމުގައި ޚިޔާލުތަފާތުވުންތަކާއި ދެބަސްވުންތައް ހުށްޓަސް ދެބައްސަ ނުވަތަ ގިނަބައްސަ ތައުލީމުގެ މައްޗަށް ބަރޯސާ ވާ ނިޒާމުތައް އޮންނަ ގައުމުތަކުގައްޔާއި އެފަދަ މުޖުތަމަޢުތަކުގެ މައްޗަށް ބިނާވެގެންވާ ގައުމުތަކުގައި ކަން ވެފައި ވަނީ މި މޭރުމުންނެވެ. ދިވެހިރާއްޖޭގައި ވެސް ހާލަތު އަދު ނިޔާ ކުރަނީ މި އަސާސްތަކުގެ މައްޗަށެވެ.

ދުނިޔެ އަދު ދެކެމުން އަންނަ ތަރައްގީއާއި ތަހުޒީބު ލާމެހެމުން އަންނަނީ ވަރަށް ބާރު ދުވެއްޔެއްގައެވެ. ޒަމާނީ ފަންނިއްޔާތުގެ އުފެއްދުންތަކާއި އިސްމާޓު އުކުޅުތަކާއި ސުމޭކު ވަސީލަތްތަކުން ދުނިޔެ އަދު މިވަނީ ރޭޒާކުޑަކުޑަ ފުކަކަށް ވެފައެވެ. އަތްތިލައިގެ ގޮނީން އަދު ދުނިޔެ ބަލައިލެވެ. އަތުގެ އިނގިލިކުރީން އަދު މުޅި ދުނިޔެ ހާވައިލެވެއެވެ. އެ ފުށް މި ފުށަށް ޖަހައިލެވެއެވެ. މިހެންވުމުން، އަދުގެ ތައުލީމީ ނިޒާމުތަކުން އުފައްދާ ކޮންމެ ދަރިވަރަކު ވާން ޖެހެނީ މި ދެންނެވި ފަންނިއްޔާތީ ބަދަލުތަކަށް ހޭނެން ދަންނަ ބަވަނަވެރި ރައްޔިތަކަށެވެ.

ލިޔަން ކިޔަން ދަތުމާއި އިލްމުވެރިވުމާއި ފަންނުތަކުގެ ހަގީގީ ފަންނީދާރުންނަށް ވުމުގައި ތިމަތިމާމެންގެ މާދަރީބަހަށް އަހުލުވެރިވާން އެދިވަޑައިގެން ދުނިޔޭގެ ސަގާފަތާއި ތައުލީމާ ބެހޭ ޖަމިއްޔާ ޔުނެސްކޯއިން ކެނޑިނޭޅި ގެންދަވަނީ އިލްތިމާސް ކުރައްވަމުންނެވެ. މިހެންވުމުން، މަދަރީބަހުގެ ތެރެއިން އިޖުތިމާއީ ރައްކާތެރިކަމުގެ ހައްގާއި މުޖުތަމައުގެ އެކި ކަންކަމުގައި ބައިވެރިވުމުގެ ހައްގު ކޮންމެ ފަރުދަކަށްމެ ހޯދައިދޭން މާދަރީބަހުގެ ދައުރު ފުޅާ ކުރަން ޖެހެއެވެ.

ސަގާފަތްތަކާއި ނަސްލުތަކާއި ހަޒާރީ އަމިއްލަވަންތަކަމާއި ހަހަޒާރަތްތަކުގެ ގަދީމީ އަދި ޒަމާނީ ސިފަތަކާއި އާދަކާދަތައް ދެމެހެއްޓުމަށާއި ރައްކައުތެރިކުރަން ބަހަވީ ސިންދަފާތަށް އިހުތިރާމް ކުރުމަށާއި ބަސްބަސް ރައްކައުތެރި ކުރާން ގަދަ އަޅައި މަސައްކަތް ކުރަން އެދިވަޑައިގެން ޔުނެސްކޯއިން ގެންދަވަނީ މުޅި ދުނިޔެއަށް ތަކުރާރުކޮށް އަންގަވަމުންނެވެ. ވަންހީ ބަސްތަކާއި ނަސްލީ ބަސްތަކާއި އަހުލީ ބަހާއި ވެށިބަސްތަކާއި ގޯތީބަސްތަކާއި ބަހުރުވަތަކާއި ބަހުގައި ހުންނަ އެކި ރާގުތައް ހިމެނިގެން ވަނީ ބަހަވީ ސިންދަފާތުގެ މުހިންމު އުންސުރުތައް ކަމުގައެވެ. މިފަދަ ކޮންމެ އުންސުރަކީ ބައެއްގެ ސަގާފަތާއި ކާބަފައިންގެ ފުށުން ވާރުތަވެފައިވާ އާދަކާދަތަކުގެ އަގުހުރި މުތްތަކެވެ. ކޮންމެ މުތެއް ވެސް މުހިންމެވެ. އެހެނީ ބަހަކީ އިންސާނީ އިޖުތިމާޢީ އަގުހުރި ޚަޒާނާތަކުގެ އެންމެ އަގުބޮޑު ޖަވާހިރެވެ. ބަސްބަސް ފަނާވެ ނެތި ދިޔުން އިންސާނީ ނަސްލުތައް މަރުވުން ފަދައެވެ.

އާދޭހެވެ! ބަސްބަހަށް އަންނަ ގުދުރަތީ ބަދަލުތަކަކީ ބަސްބަސް ނެތި ދިޔުމެއް ނޫންނެވެ. އަދި ފަނާވެ ހަލާކުވެ މަރުވުމެއް ވެސް ނޫންނެވެ. ދުނިޔޭގެ ބަސްތަކުގެ މައްޗަށް ތަނަވަސް ފުޅާ ދާއިރައެއްގައި ދިރާސާ ކުރައްވައި ގިނަގުން ފޮތްތައް ލިޔުވި އިނގިރޭސިވިލާތުގެ މަޝްހޫރު ބަހަވީ، ޑޭވިޑް ކްރިސްޓަލް ވިދާޅުވެފައިވާ ގޮތުގައި "ހުރިހައި ޒަމާނެއްގައި ވެސް ބަސް ތަފާތު މިސްރާބުތަކަށް ފުރޮޅި ތަޠައްވަރުވެ ބަދަލުވާނެއެވެ. މި ބަދަލާ މެދު ވަރަށް ގިނަ ބަޔަކު ދެކެނީ ބަސް ފަނާވުން ކަމަށެވެ. އަހުރެންނަށް އެކަން ފެންނަނީ ހަލުވި ކުރިއެރުމެއްގެ ގޮތުގައެވެ." ކްރިސްޓަލްގެ ބަސްފުޅަށް އަޅުގަނޑު ފުރިހަމައަށް ތާޢީދު ކުރަމެވެ. ބަހަކަށް ތަފާތު ބަދަލު އައުމަކީ ބަހެއް މަރުވުމެއް ނޫނެވެ. އެއީ ބަހަށް ލިބޭ ދިރުމެކެވެ. ބަހުގެ ފިޠުރީހަމަތަކުގެ މަތިން އެފަދަ ކިތަންމެ ބަދަލެއް ބަހަށް އަންނާނެއެވެ. އެހެނީ ބަހަކީ އިލާހީ އެއްޗެކެވެ. އިލާހީ ކޮންމެ އެއްޗަކަށް ބަދަލު އަންނަ ފަދައިން، ބަހަށް ވެސް ބަދަލުތައް އަންނާނޭކަން ކަށަވަރެވެ. ބަހުގެ ހަގީގީ ދިރުމަކީ މިއީ ނޫންތޯއެވެ!
ތައުލީމުގެ ހަގީގީ ބޭނުމަކީ ހޭލުންތެރިކުރުމެވެ. ހެޔޮކޮށް ވިސްނަން ދަސްކޮށް ދިނުމެމެވެ. ފައްސި ނަޒަރުތަކުން ކަންކަމާ މެދު ފިކުރުކުރަން ދަސްކޮށް ދިނުމެވެ. މި މަގުސަދު ހާސިލްވަނީ މާދަރީބަހުގެ މައްޗަށް ބަރޯސާ ތައުލީމުގެ ތެރެއިންނެވެ. އުނގެނުމާއި އުނގަންނައި ދިނުމުގެ ތެރެއިން އެންމެން ޝާމިލް ކުރުމާއި ފައިދާ ހުރި ގޮތުގައި އިލްމުވެރިކުރުވުމަށް ޓަކައި ގިނަބައްސަ ތައުލީމުގައި ވިޔަސް، ދެބައްސަ ތައުލީމުގައި ވިޔަސް މާދަރީބަހަށް އިސްކަން ދޭން ޔުނެސްކޯއިން ގެންދަވަނީ ދުނިޔެއަށް އިލްތިމާސްކުރައްވަމުންނެވެ. ޚާއްޞަކޮށް ޅަފަތުގެ ތައުލީމު މާދަރީބަހުން ދެއްވުމަށެވެ. ޅަފަތުގެ ތައުލީމު މާދަރީބަހުގެ މައްޗަށް ބަރޯސާ ކުރުުގެ ފައިދާއާއި މުހިންމުކަން ވަރަށް ބޮޑެވެ. އެއީ ތުއްތު ކުދިންގެ ފުށުގައި ބަސް އަށަގަންނަ އުމުރުގައި އެ ކުދިން އުޅެ ބޮޑުވާ ވެއްޓާއި މާހައުލާ ރައްޓެހިކޮށް އަމިއްލަވަންތަކަމުގެ އިހުސާސްތައް ހޭލައްވައި އަމިއްލަ ގައުމާއި ގައުމިއްޔަތު ދެކެ ފަޚުރުވެރިވާން ދަސްކޮށް ދޭން އަޅައިދޭ ބިންގާ ވަރުގަދަ ކުރުމަށް ޓަކައެވެ.

އަޅުގަނޑުމެންގެ މަދަރުސާތަކުން ދަރިވަރުވެގެން ނުކުންނަ ދަރިވަރުންނާއި މަތީތައުލީމު ހާސިލްކޮށް ނިމޭ ދަރިވަރުންނަށް ގައުމާއި ގައުމުގެ ދަނޑުފަގާއި ކަނޑުފަޅާއި ވަޠަނީ ރޫޙާއި ގައުމީ ލޯތްބާއި ގައުމީ ދުވަސްތައް ފަދަ އަމިއްލަ ގައުމުގެ ކަންކަން ނޭނގޭ ވާހަކަ އިވޭލެއް މަދެއް ނޫނެވެ. އެހެން އެވާ ހަގީގީ ސަބަބަކީ ކޮބައިތޯ ވިސްނައިފި ނަމަ ނަތީޖާއަކަށް ވަނީ ކުދިން އަމިއްލަ ބަހަށް ބީރައްޓެހިވުމެވެ. ބަހުން ވިސްނާން ނޭނގުމެވެ. ދިވެހިބަހުން ވާހަކަ ދައްކައި ޝުޢޫރުފާޅުކުރާނޭ ލަފުޒުތައް ސިކުނޑީގެ ބަސްކޮށާރުގައި ނެތުމެވެ. ޅަފަތުގެ ތައުލީމު ދިވެހިބަހުން ދޭންވީ މިބީރައްޓެހިކަމާއި ވިސްނުންކޮށިކަން ފިލުވައިދޭށެވެ. މާދަރީބަހުން ތައުލީމު ދިނުމަކީ އެހެން ބަސްބަސް ކިޔަވަން ނުޖެހުމެއް ނޫނެވެ. މާދަރީބަހުގެ ތައުލީމުގައި ކުއްޖާ ބޭނުންހައި ބަހެއް ވެސް ދަސްކުރެވޭނެއެވެ. އެހެނަސް މިނިވަން ބަސްބަހުގެ ގޮތުގައެވެ. ހިސާބާއި ވެށީގެ ތައުލީމާއި އިޖުތިމާއީ އަދަބުތަކާއި އާދަކާދަތަކާއި ތާރީޚާއި މިފަދަ ކަންކަން އެކުދިންގެ މާދަރީބަހުން ކިޔަވައި ދިނުމެވެ. ޝައްކެއް ނެތެވެ. ހަގީގީ ތައުލީމެއްގެ އާރުލާ ފަރާތަކީ މިއީއެވެ.

އާދޭހެވެ! ކޮންމެ އަހަރެއްގެ ފެބުރުވަރީ މަހުގެ 21ވަނަ ދުވަހަކީ ބައިނަލްއަގުވާމީ މާދަރީބަހުގެ ދުވަހެވެ. މި ފަދަ ދުވަހެއް ފާހަގަކުރެއްވުމުގެ އެންމެ ބޮޑު ބޭނުންފުޅަކަށް ވެފައިވަނީ ދުނިޔެ ވާހަކަދައްކާ ބަސްބަސް ހިމާޔަތްކޮށް ދެމެހެއްޓުމަށް ޓަކައި ގައުމުތަކުން ބާރުވެރި ދެމެހެއްޓެނިވި މަސައްކަތްތަ ކުރައްވާން ބާރު އަޅުއްވައި ހޭލުންތެރި ކުރެއްވުމެވެ.
ތައުލީމު ލިބުމަކީ ކޮންމެ އިންސާނަކަށް ކަށަވަރު ވެފައިވާ ބަވަނަވެރި އިންސާނީ ޙައްޤެކެވެ. އެހެނަސް މި ޙައްޤުން ކޮންމެވެސް ސަބަބަކާ ހުރެ މަޙުރޫވެފައިވާ އަދި މަޙުރޫމްވަމުން ދާ ކިތައްކިތައް ކުދިން ދުނިޔޭގައި އެބަ ތިބިތޯއެވެ! ވިސްނައިލަން ޖެހޭ ހަގީގަތަކީ އެފްރީކާ ފަދަ އިތޯޕއާ ފަދަ ސޯމާލިޔާ ފަދަ ޕަޕްއާނިއުގިނީ ފަދަ އެތައް ގައުމެއްގެ ކުދިންނެއް މި ޙައްޤުން މަޙުރޫމުވެފައި ތިބި ކަމެވެ. އެފަދަ އެތައް ލައްކަ ކުދީންނަށް ލިޔަން ކިޔާން ދަސްކޮށްދީ އުނގެނުމުން އެއްވެސް ކުއްޖަކު ބާކީނުކޮށް ޝާމިލްކުރުމަށް ޓަކައި އެ ކުދީންގެ މާދަރީ ބަސްބަހުން ތަޢުލީމު ދޭން ޔުނެސްކޯއިން ގެންދަވަނީ އިންޒާރުކުރައްވައި އަންގަވަމުންނެވެ. ކަމުގެ މުހިންމުކަން ކިތަންމެ ހައިވެސް ބޮޑެވެ.

މިއަހަރު އާދެ 2022ވަނަ އަހަރުގެ ބައިނަލްއަގުވާމީ މާދަރީބަހުގެ ދުވަހުގެ މައިގަނޑު ޝިޢާރުގެ ގޮތުގައި ޔުނެސްކޯއިން ކަނޑައެޅުއްވި ޝިޢާރުގެ ދިވެހި ތަރުޖަމާއެއް ކަމުގައި އަޅުގަނޑަށް ދޭހަވި ގޮތް ދަންނަވައިލާނަމެވެ. "ގިނަބައްސަ އުނގެނުމުގައި ފަންނިއްޔާތު ބޭނުން ކުރުން: ތަހައްދީތަކާއި ފުރުސަތުތައް" މިއެވެ. މިޝިޢާރުން ބާރު އަޅުއްވަނީ ގިނަ ބަސްބަސް ކިޔަވައިދޭ ތަޢުލީމުގެ ނިޒާމުތަކުގައި އުނގަންނައި ދޭން ފަންނިއްޔާތު ބޭނުން ކުރުމުގައި ހުރި ތަހައްދީތަކާއި (ޗެލެންޖުތައް) ފުރުސަތުތަކުގެ މައްޗަށެވެ. ފެންވަރު ހުރި ތަޢުލީމެއް އެންމެނަށް ފޯރުކޮށް ދިނުމުގައި ފަންނިއްޔާތުގެ އަލީގައި ގިނަބައްސަ ތަޢުލީމު ކުރިއަރުވައި ހިތްވަރު ދިނުމުގެ މައްޗަށް ވެސް މެއެވެ.

މިއަހަރުގެ މި ޝިޢާރުގެ ދަށުން ފެންވަރުހުރި ގިނަބައްސަ އުނގެނުމާއި އުނގަންނައި ދިނުން ކުރިއެރުވުމުގައި އެދުރުންގެ ދައުރު ފުޅާކުރުމާއި ގިނަބައްސަ އުނގެނުމާއި އުނގަންނައިދިނުމަށް ހިތްވަރު ދޭން ފަންނިއްޔާތުތަކާއި އޭގެ ފަންވަރު ރިވެލިކުރުން ވެސް ހިމެނެއެވެ. ޔުނެސްކޯއިން ޤަބޫލުފުޅު ކުރައްވަނީ މާދަރީބަހުގެ މައްޗަށް ބިނާވެފައިވާ ގިނަބައްސަ ތައުލީމަކީ، އުނގަންނައި ދިނުމުގައި ދަރިވަރުން ޝާމިލްކުޅައުމުގެ އަސާސީ އުންސުރު ކަމުގައެވެ.

ޔުނެސްކޯއިން ޤަބޫލުފުޅުކުރައްވާ ގޮތުން އަދުގެ ތައުލީމަށް ހުރި ހުރަސްތަކާ ކުރިމަތި ލުމުގެ ފުރިހަމަ ގާބިލިއްޔަތު ފަންނިއްޔާތުގައި އެބަހުއްޓެވެ. އެ ތައުލީމެއްގެ އަސާސީ އުސޫލުތައް ޝާމިލްކުރުމާއި ހަމަހަމަ ފުރުސަތުތަކުގެ މައްޗަށް ބިނާވެގެންވާ ތާއުމުރު ތައުލީމުގެ ފުރުސަތުތައް ހަމަހަމަކަމާއެކު ޝަމިލްކޮށްގެން އެންމެނަށް ފޯރުވައިދެވޭކަން ކަށަވަރު ކޮށްދިނުމުގެ ދައުރު ހަލުވިކަމާ އެކު ފަންނިއްޔާތަށް އަދާކުރެވޭނެއެވެ. މާދަރީބަހުގެ މައްޗަށް ބިނާވާ ގިނަބައްސަ ތައުލީމަކީ އެއްވެސް ކުއްޖަކު ބާކީނުކޮށް ހުރިހައި ކުދީން ޝާމިލްކުރުމުގެ އަސާސީ ބަހާއެވެ. ނުވަތަ އަސާސީ އުންސުރެވެ.
މިއަހަރުގެ މާދަރީބަހުގެ ދުވަހުގެ މުނާސަބާ ފާހަގަ ކުރުމާ މެދު ޔުނެސްކޯއިން ހާމަ ހާމަކުރައްވައިފާ ގޮތުގައި، ކޮވިޑު19 ޢާލަމީ ވަބާގެ ތެރޭ ދުނިޔެޔޭ އެކި ގައުމުތަކުގެ ސްކޫލުތަކުގައި ކިޔަވައިދިނުން މެދުކެނޑުމެއް ނެތި ކުރިޔަށް ގެންދިޔުމުގައި އަވަދިނެތި އުޅުނީ ފަންނިއްޔާތަށް ބަރޯސާވެފައިވީ ހައްލުތަކާ އެކުއެވެ. ކޮވިޑު19ގައި ގައުމީ އުނގަންނައި ދިނުމުގެ އިޖާބަ"ގެ މައްޗަށް ޔުނެސްކޯއާއި ޔުނިސެފާއި ދުނިޔޭގެ ބެންކާއި އޯއީސީޑީއިން 143 ގައުމެއްގެ ސުކޫލްތަކުގެ މެދުގައި ދާދިފަހުން ހެއްދެވި ސާވޭއަކުން ހާމަވާ ގޮތުގައި މަތީ އާމްދަނީ ލިބޭ ގައުމުތަކުގެ 96 އިންސައްތަ ގައުމުތަކުގެ ސްކޫލުތަކުން ތައުލީމުގެ އެކި މަރުޙަލާތަކުން މަދުވެގެން އެއް މަރުޙަލާއަށް ކިޔަވައިދޭން ބޭނުން ކުރީ އޮންލައިން މަންސަތަކެވެ. މިޔާ އަޅައި ބަލާ އިރު ދަށް އާމްދަނީ ލިބޭ ގައުމުތަކުގެ ތެރެއިން ތައުލީމުގެ މަރުލަހާތަކުން އެއް މަރުޙަލާއަށް އޮންލައިންކޮށް ކިޔަވައިދީފައިވަނީ 56 އިންސައްތަ ގައުމުންނެވެ. ދަށް އާމްދަނީ ލިބޭ ގައުމުތަކުން އަޣުލަބިއްޔަތު ގައުމުތައް ބޭނުން ކުރީ ދުރަށް ފޮނުވާ އީލާމުތަކެވެ. އާދެ! ބްރޯޑްކާސްޓް މީޑިޔާތަކެވެ. މި ގޮތުން ޓީވީ މެދުވެރިކޮށް 83 އިންސައްތަ ގައުމެއްގެ އިސްކޫލުތަކުން ކިޔަވައި ދިނުން ކުރިޔަށް ގެންދިޔައީ ޓީވީ މެދުވެރިކޮށެވެ.. އަދި 85 އިންސައްތަ ގައުމެއްގެ އިސްކޫލުތަކުން އުނގަންނައި ދިނުން މެދުކަނޑައިނުލައި ކުރިޔަށް ގެންދިޔައީ ރޭޑިޔޯ މެދުވެރިކޮށެވެ. (ޔުނެސްކޯ2022https://events.unesco.org,) ތެދެކެވެ. ދުރުން ދޭ ތައުލީމުގެ ސަބަބުން މުދައްރިސުންނަށް އުނގަންނައި ދިނުމުގެ އުކުޅުތަކާއި ހުނަރުތަކާއި ކިޔަވައި ދިނުމުގެ ޖޯޝް ގެއްލުނެވެ. ނުވަތަ ބޭނުން ކުރުން ވަރަށް ބޮޑަށް މަދުވިއެވެ. އުނގެނޭން ބޭނުން ވާ ސާމާނާއި އިންޓަނެޓުގެ ފަސޭހަތަކާއި ކޮންމެހެން ބޭނުން ޖެހޭ ސާމާނާއި އެކަށޭނަ މައުލޫމާތާއި އިންސާނީ ހިތްވަރާއި ބާރުއެޅުންތައް ދަރިވަރުންނަށް ވަރަށް ބޮޑަށް އުނިވުމުން އޮންލައިންކޮށް އުނގެނުމަށް ތަބާވާން ކުދިންނަށް ޖެހުނީ ކަމަށް ވެސް ޔުނެސްކޯގެ ރިޕޯޓުގައި ބަޔާންކުރައްވައިފައިވެއެވެ. ޔުނެސްކޯއިން ދެކެވަޑައިގަންނަވީ، ދުރުތާ އުނގެނުމާއި އުނގަންނައި ދިނުމުގެ ހަތިޔާރާއި ހަރަކާތްތަކާއި މައުލޫމާތުން ބަހަވީ ސިންދަފާތަށް އަބަދަކު ރިވެއްޔެއް ނުކުރާކަމަށާއި ނަތީޖާ ނެރުމުގައި އޮންލައިން މަންސަތަކުގެ ފަހިކަން މުޅި ދެނިއަށް އޮތީ ފައްކާވެފައި ކަމަށެވެ.

އާދޭހެވެ! އާލަމީ ވަބާއިން ލިބުނު ކެކުޅުމާއި ދަސްވި ފިލާވަޅުތައް ބުނެދިން މެސެޖުތަކެއެއް ހުޓެވެ. މުއާމަލާތުކުރުމުގައި ބަހުގެ މުހިންމުކަމާއި ދުރުދުރު ތިިބި ކަމުގައި ވިޔަސް މުޅި ދުނިޔެއާ އަޅުގަނޑުމެން ގުޅުވައިލަ ދިނީ ފަންނިއްޔާތުގެ ތެރެއިން ތައާރަފްވި އެކިއެކި މަންސަތަކާއި ހަތިޔާރުތަކާއި އެޕުތަކެވެ. ޒޫމާއި ގޫގުލް މީޓާއި ސުމޭކު އެކި ޒާތުގެ މަންސަތަކާއި ދާދިވަރު ކުލާސްތަކާއި ޓެލެކިލާސްތަކާއި ކުލަބު ހައުސް ފަދަ މަންސަތައް އާންމުވުން ވީ ބަހަވީ ސިންދަފާތަށް އައި ވަރަށް ބޮޑު ދިރުމަކަށެވެ. ބަހުރުވަތަކާއި އެކިއެކި ރާގުތަކާއި އަދަބި އެކިއެކި ސައްލާތަކުގައި މިސްތަކުން އޮންލައިންކޮށް ޝާމިލްވުން އިތުރުކުރިވި ކަންކަމަކަށެވެ. އެބަޔަކު އެބައެއްގެ އިޖުތިމާޢީ އަދަބިއްޔާތުގެ މައްޗަށް އަޑު އުފުލައި ބަހުރުވަތަކުން ވާހަކަދައްކައި ހިތްހަމަޖެހުމުގެ ނޭވާތައް ލާން ފަހިވި އަލިކުތަރިކު އަށިތަކަކަށެވެ.

ބައިނަލްއަގުވާމީ މާދަރީބަހުގެ ދުވަހެއް ދުނިޔޭގައި ފާހަގަ ކުރާތާ 23 އަހަރު ވީއެވެ. 2025ވަނަ އަހަރަކީ ދުނިޔޭގައި މާދަރީބަހުގެ ދުވަހެއް ފާހަގަކުރާތާ ރިހި ޔޫބީލެއް ފުރޭނޭ އުފާވެރި ފާގަތި އަހަރަށް ވާނެއެވެ. ބަސްބަސް ދިރި ދަމަހައްޓާން ގައުމުތަކުން ބަވަނަވެރި މަސައްކަތްތަކެއް ކުރަމުން އަންނަތާ 25 އަހަރު ވާ އިރު އަދިވެސް ގިނަ ކަންކަން ހުރީ ނުކުރެވެިއެވެ. ސަމާލުކަން ދޭން ޖެހޭ ގިނަ ކަންކަމަށް ވަނީ ސަމާލުކަން ނުދެވިއެވެ. ގައުމުތަކުގެ ނިޒާމީ ތައުލީމުގައި ޅަފަތުގެ ތައުލީމުގެ މައްޗަށް ސިޔާސީ ގޮތުން ގެންނާން ޖެހޭ މުހިންމު ބަދަލުތައް އަދިވެސް ވަނީ ނުގެނެވިއެވެ. އެއީ މާދަރީބަހުން އިރުޝާދު ދިނުމާއި ގައުމީ ސަގާފީ ތާރީޚީ ކަންކަމުގެ ތެރެއިން އިޖުތިމާއީ ރައްކާތެރިކަން ހޯދައިދީ، އަމިއްލަވަންތަކަމާއި ވަޠަނިއްޔަތުގެ އަސާސްތައް ތަރައްގީގެ ދަތުބީރުތަކާ ގުޅުވުން ފަދަ ކަންކަމެވެ. އަމިއްލަބަސްބަހާއި އެބަސްބަހުގެ އަކުރު ދަމަހައްޓައި އެބަސްބަހުގެ އަދަބިއްޔާތު ކުރިއަރުވައި ފޮތްތެރިކަން އާންމުކުރުމުގައި އޮންނަ މާލީ ދަތިތަކަށް ލުއި ނުލިބި އެކަންކަމުގެ މައްޗަށް ނޭވާ ނުލެވި ތާށިވެފައިވާ ވުމަށް ފަސޭހަ ނުވުން ފަދަ ކަންކަމެވެ. ގައުމުތަކުގެ ސަރުކާރުތަކުން މިފަދަ ކަންކަމާ މެދު ދެއްވާން ޖެހޭ އިސް ސަމާލުކަން ނުދެއްވުން ފަދަ ކަންކަމެވެ. ބަސް ހަލާކުވާން ދިމާވާ ކަންކަމުން ބަސް ސަލާމާތްކޮށް ކުރިއަރުވާން ކުރާން ޖެހޭ މަސައްކަތްތަކަށް ބޭނުން ވާ މާލީ އެހީތެރިކަމާއި ފަންނީ އެހީތެރިކަން ލިބުމުގެ ދަތިކަމެވެ. މިހިރީ މިފަދަ ދުވަހެއް ފާހަގަ ކުރާ އިރު ކަމުގެ ޒިންމާ އޮތް ހަމަ ކޮންމެ މުވާޠިނަކުމެ ވިސްނައި މަދަދުވެރިވާން ޖެހޭ ކަންކަމެވެ.

އަޅުގަނޑުމެންގެ ބަހަކީ ދިވެހިބަހެވެ. އެއީ ދިވެހީންގެ ފަޚުރާއި ޝަރަފެވެ. ޢިއްޒަތާއި ހައިބަތެވެ. ދިވެހި ވެރިކަމުގެ މާނައާއި އޭގެ ދޮށިކަމުގެ ތާރީޚުގެ އަސްލެވެ. ކަން ހުރީ މި މަގުންނެވެ. ނަމަވެސް ހިތާމައަކީ ބަހާ މެދު ވެވޭ އިހުމާލު އެއް ދުވަހުން އަނެއް ދުވަހަށް ބޮޑުވާ ބޮޑުވުމެވެ. ދިވެހިބަހުން އަދު ތުއްތު ކުދިން ވާހަކައެއް ނުދައްކައެވެ. މަދަރުސާތަކުގައި ދިވެހިބަސް ކިޔަވައި ވެސް ދެއެވެ. ލަފަތުގެ ތައުލީމުގެ ފުރަތަމަ މަރުހަލާގައި ކިޔަވައިދޭން ޖެހޭނި ދިވެހިބަހުން ކަމަށް އެ މަރުހަލާއަށް ތައުލީމު ދޭން ކަނޑައަޅައިފައިވާ ގާނޫނުގައި ބަޔާންވެގެންވެއެވެ. އެކަމަކު ވެސް ތުއްތު ކުދިން އެއްކުއްޖަކު އަނެއް ކުއްޖަކާ ވާހަކަ ދެއްކުމުގައި އިސް ކުރަނީ އިނގިރޭސިބަހެވެ. މައިންބަފަިއންގެ ފުށުން ވެސް މި ނޭދެވޭ އަސަރުތައް ފެންނަލެއް މަދެއް ނޫނެވެ. ފުރިހަމަ އިނގިރޭސިބަހުން ނޫނިއްޔާ މަސްހުނި ބަހުންނެވެ. އިނގިރޭސިބަހާއި ދިވެހިބަސް މަސްހުނިކޮށްގެންނެވެ.

ތުއްތު ކުދިންގެ ޙާލު ހުރި މަގު މިދެންނެވީއެވެ. ހެދިބޮދުވަމުން އަންނަ ކުދިންނާއި ޒުވާނުން ވާހަކަ ދައްކާ އަޑު ގިނައިން އިވެނީ ވެސް އިނިގރޭސިބަހުންނެވެ. ނުވަތަ އިނގިރޭސިބަހާއި ދިވެހިބަސް މަސްހުނިކޮށްގެން މަސްހުނި ބަހަކުންނެވެ. މިއީ ދިވެހިބަހުގެ ބަދަލުވަމުން ދާ ހަތަކުގައި ބަހަށް އަންނަ ނޭދެވޭ ބަދަލެކެވެ. ބަސް އޭގެ ފިޠުރަތުގައި ބަދަލުވާ ބަދަލުވުމުގެ ބޭރުން އަޅުގަނޑުމެން ވައްދައިގެން އުޅޭ ބަދަލެކެވެ. މި ކަމުގެ ސަބަބުން ދިވެހިބަހަށް އިންތިހާއަށް ނޭދެވޭ އަސަރުތައް ދަނީ ކުރަމުންނެވެ. އަދުގެ ކިޔަވާ ކޮންމެ ކުއްޖަކު މި ކަމަށް ވަރަށް ސަމާލުކަން ދޭން ޖެހެއެވެ. މައިންބަފައިން މި ކަމަށް އޭގެ ދެގުނައަށް ސަލާމުކަން ދޭން ޖެހެއެވެ. ކޮންމެ މުދައްރިސަކުމެ އޭގެ ތިންގުނައަށް މިކަމާ މެދު ސަމާލުކަން ދޭން ޖެހެއެވެ. ތައުލީމުގެ ސިޔާސަތުގެ ވެރީން މި ކަމާ މެދު އޭގެ ފަސް ގުނައަށް ސަމާލުކަން ދޭން ޖެހެއެވެ. ދައުލަތުން މި މުހިންމުކަމާއި އަމިއްލަވަންތަކަމުގެ ހައްގުގައި މި ކަންކަމާ މެދު އޭގެ ދިހަ ގުނައަށް ވިސްނައިވަޑައިގެން ސަމާލުކަން ދެއްވަން ޖެހެއެވެ.
ބަހާއި ސަގާފީ ކަންކަމާއި އާދަކާދަތަތައް ދިރިދެމެހެއްޓުމުގައި މާ ކުރީ ޒަމާނަކު އާންމުންގެ ދައުރު މުހިންމު ވިޔަސް އަދު މި ފަދަ ކަންކަން ކުރިއެރުވޭނީ އެންމެ މަތީން ބާރު އަޅުއްވައިގެން ނަމޫނާ ދައްކަވައިގެންނެވެ. އަދު މިކަމަށް ބޭނުންވަނީ މަތިން ތިރިއަށް މަސައްކަތްކުރާ ހަރަކާތްތެރި ނަޒަރިއްޔާތެކެވެ. ފުރަތަމަ ސަރުކާރުންނެވެ. އެއަށް ފަހު އާންމުންނެވެ.

މި ކަމުގައި އޮތް ހައްލަކީ އަޅުގަނޑުމެންގެ ހިތް އަޅުގަނޑުމެންގެ ބަހުގެ މައްޗަށް ހެޔޮވުމެވެ. ބަހަށް ލޯބި ކުޅައުމެވެ. އަޅުގަނޑުމެންގެ ރަސްމީ ލިޔުންތައް އަޅުގަނޑުމެންގެ އަމިއްލަ ބަހުން ފަޚުރާއެކު ލިޔުމެވެ. އަޅުގަނޑުމެން އެކި ކަންކަމަށް، އެކި ޚިދުމަތަށް އެދޭ ފޯމުތަކުގައި ވެސް އަޅުގަނޑުމެންގެ ބަހަށް އިސްކަން ދިނުމެވެ. އަޅުގަނޑުމެންގެ ގައުމުގެ ތަންތަކާއި ތަކެއްޗަށް ނަން ކިޔުމުގައި ވެސް ދިވެހިބަހުން ނަން ކިޔުމާއި އެ ފަދަ ނަންނަން ލިޔެ އާންމުކުޅައުމުގައި ތާނަ އަކުރު އިސްކޮށް ބޮޑުކޮށް ދެއްކުމެވެ.

ބައިނަލްއަގުވާމީ މާދަރީބަހުގެ ދުވަހުގެ އުފާތައް ފާޅުކުރުމުގައި މިއީ ހައްތާ ވެސް ވިސްނާން ހުރި ދިމަދިމާތަކެވެ. އައު އަޒުމުތަކާއި އައު އުންމީދުތައް އައުކޮށް އައު ލަނޑުދަނޑިތައް ކަނޑައަޅައި މަސައްކަތް ކުރާ ހުރި ކަންކަމެވެ. މި ކަންކަމާ މެދު ވިސްނައި އަމަލީ މަސައްކަތްތައް ހުއްޓައި ނުލައި ކުރަމުން ދިވެހިބަހުގެ ޝަރަފުގައި އަތްތިލިބަޑި ޖަހައި ގައުމީ ދިދަތައް އުފުލަމާތޯއެވެ. މާދަރީބަހުގެ ދުވަހުގެ އުފާތައް ހަގީގީ މާނައިގައި މާދަރީބަސް ހިއްސާކުރާނީ މާދަރީބަހުގެ ދުވަސް އަންނަނީކަން އަންނާނެކަން އަތުވެއްޖެކަން ޚުދު މާދަރީ ބަހަށް ވެސް އެނގިގެންނެވެ. ރޭކާލައިގެންނެވެ. މާދަރީބަހުގެ ދުވަސް އަންނަކަން މާދަރީބަހަށް އެނގިއްޖެ ނަމަ މާދަރީބަހުގެ ދުވަސް ފާހަގަ ކުރުމުގެ މުހިންމު މަގުސަދު ހާސިލްވީއެވެ. މާދަރީބަހުގެ އަހުލުވެރީން ވެސް އުފާވީއެވެ.

ޝައްކެއްނެތެވެ. ދިވެހި ގައުމު ދެމި އޮތްހައި ހިނދަކު ދިވެހިބަސް މި ރާއްޖޭގައި އިންޝާﷲ ދެމި އޮންނާނެއެވެ. ދިވެހިން ދިވެހި ބިމުގައި އުޅޭހައި ހިނދަކު، ދިވެހި މަސްކަނޑުތަކުން މަސް ފުމެ އުޅޭހައި ހިނދަކު، ދިވެހި ރުއްލަކުނޑި ނިރޮޅުން ފިލާތައް ކޮށޭހައި ހިނދަކު، ދިވެހި ފަރާއި ވިލާއި ހާހަލާއި ގިރިގިރި ހުރިހައި ހިނދަކު، ދިވެހިބަހުރަތަކުން ބަސް ފަރިވެފައިވާހައި ހިނދަކު އިންޝާﷲ ދިވެހިބަސް ދިވެހި ޤައުމުގައި ހީނލަހީނލައި އޮނާނޭ ކަން ކަށަވަރެވެ. ދިވެހިބަހަށް އަބަދުވެސް ފާގަތިމަކާއި ކުރިއެރުން މިންވަރު ކުރައްވާށިއެވެ.