ސިންގަޕޫރުގެ ޖަންގަލި ތެރޭގައި ގިނަ އަހަރުތަކެއް ވަންދެން ދިރިއުޅެމުން އައިސްފައިވާ އުމުރުން 79 އަހަރުގެ އޯ ގޯ ސެންގްގެ ވާހަކަ ވަނީ ސިންގަޕޫރުގެ ހަބަރުތަކަށް މިމަހުގެ ތެރޭގައި އަރާފައެވެ.

އެހެންމީހުންނާއި އެކަހެރިކޮށް ޖަންގައްޔެއްގައި އެކަނިމާއެކަނި 30 އަހަރުވަންދެން ދިރިއުޅެމުން އައިސްފައިވާއިރު އޭނާގެ އުމުރާ ބަލާފައި އޯ ފެންނަނީ އެއުމުރުގެ މީހުންނަށްވުރެ ފިޓުކޮށެވެ. އެއްވެސް އެހީތެރިކަމަކާނުލައި އުމުރުގެ ބޮޑުބައެއް އޭނާ ޖަންގަލީގައި ހޭދަކޮށްފައިވާގޮތާއިމެދު ގިނަބަޔަކަށް ވަނީ ސުވާލު އުފެދިފައެވެ.

އޯގެ ވާހަކަ ފުރަތަމަ ސަމާލުކަމަށް އައިސްފައިވަނީ މިދިޔަ އަހަރުގެ ތެރޭގައެވެ. ލައިސެންސެއް ނެތި ވިޔަފާރިކުރާކަމަށް ޝައްކުކުރެވި އޯ އާއި ސަރުކާރުން ވަނީ ސުވާލުކޮށްފައެވެ. އޭނާ ވަނީ ދަނޑުވެރިކަމުން އުފައްދާ ތަރުކާރީއާއި ކާނާ ވިއްކުމުގެ މަސައްކަތް ފަށާފައެވެ. މިމަސައްކަތް އޯ ފަށާފައިވަނީ ޕެންޑެމިކުގެ ސަބަބުން އޭނާ ކުރިން މާކެޓުތަކަށް ވިއްކަމުން ދިޔަ މަލުގެ ވިޔަފާރި ހުއްޓުމަކަށް އައުމާ ގުޅިގެންނެވެ. އޯ ބުނެފައިވާގޮތުގައި އޭނާގެ ޝަކުވާ ކޮށްފައިވަނީ އޭނާއަތުން ވިޔަފާރި ކުރި މީހަކު ތަރުކާރީގެ އަގާއިމެދު ހިތްހަމަނުޖެހިގެން ކަމަށް ގަބޫލުކުރާ ކަމަށެވެ.

އޯ ތަރުކާރީ ވިއްކަމުން ގޮސްފައިވަނީ އުނގުވިޔަފާރީގެ ގޮތުގައެވެ. އަދި އެކަން ރިޕޯޓުކުރުމާއެކު ސަރުކާރުން ވަނީ ހުއްޓުވައި އޭނާއާ ސުވާލުކޮށްފައެވެ. އޭނާއާ އޮފިސަރުން ސުވާލުކުރަމުން ދިޔައިރު އޭނާގެ ތަރުކާރީތައް ހަލާކުކޮށްފައިވާތަން ފެނި ޗެރިޓީ ވޯކަރެއް ވަނީ އެމަންޒަރު ވީޑިއޯކޮށް މީސްމީޑިއާއަށް ދޫކޮށްލައިފައެވެ. އެގައުމުގައި އެގޮތަށް ވިޔަފާރިކުރުމަކީ މަނާކަމަކަށް ވީނަމަވެސް އޭނާ ހުސް އަތާ ގެއަށް ދާތަން ބަލަން ކެތް ނުވީކަމުގައި ވީޑިއޯ ކުރި ވިވިއެން ޕޭން ވަނީ ބުނެފައެވެ.

ފޭސްބުކުގައި އޯގެ ވީޑިއޯ ވައިރަލްވެ އެގައުމުގެ މަޖިލީސް މެމްބަރެއްގެ ސަމާލުކަމަށް ވަނީ އެކަން އައިސްފައެވެ. އޯގެ މައްސަލަ ބެލުމުގެ ތެރެއިން އޭނާގެ ދިރިއުޅުމުގެ ފަހަތުގައި ކުރިން ނޭނގޭ އެތައް ކަމެއް މެންބަރު ލިއަން އެންގްވާ އަށް ވަނީ އެނގިގެން ގޮސްފައެވެ.

ކުޑަ އަވަށެއް ކަމުގައިވާ ސެންގެއި ޓެންގާގައި އޯ އޭނާގެ އާއިލާއާއެކު ވަނީ ދިރިއުޅެމުން އައިސްފައެވެ. ނަމަވެސް 1980ގެ އަހަރުތަކުގެ ތެރޭގައި ބޮޑެތި އިމާރާތްތައް އެޅުމުގެ ބޭނުމުގައި އެ އަވަށް ވަނީ ސުންނާފަތިކޮށްލައިފައެވެ. އެ އަވަށުގެ ގިނަ ބަޔަކަށް ސަރުކާރުން ބޯހިޔާވަހިކަން ހަމަޖައްސައިދިން ނަމަވެސް އޯގެ އާއިލާއަށް ވަނީ ސަރުކާރުން ހަމަޖައްސަދިން ބޯހިޔާވަހިކަމުގެ ތެރެއިން އަމިއްލަ ގެއެއް ލިބުމުން މަހުރޫމުވެފައެވެ.

އޯގެ ކޮއްކޮއަށް ސަރުކާރުން ފުލެޓެއް ލިބި އެގޭގައި ދިރިއުޅުމަށް އޯ އަށް ދައުވަތު ދިން ނަމަވެސް އޯ ވަނީ އޭނާގެ އާއިލާއަށް ބުރައަކަށް ވެދާނެތީ އެގޭގައި ދުވަސްކޮޅަކު އުޅުމަށްފަހު ނުކުމެފައެވެ. އޯ ވަނީ އޭނާ ކުރިން ދިރިއުޅުނު ގެއާއި ދުރުނޫން ހިސާބެއްގައި އޮތް ޖަންގަލީގައި އަމިއްލަ ޓެންޓެއް ޖަހައިގެން ދިރިއުޅެން ފަށާފައެވެ. ޓެންޓުގައި އުފަލުގައި ދުވަސްތައް ހޭދަކުރަމުން އައިސްފައިވާއިރު އޯ ވަނީ ޓެންޓު ވަށައިގެން ބޮޑު ދަނޑެއްގައި ދަނޑުވެރިކަން ކުރަން ފަށާފައެވެ. އެތަނުގައި ބޮޑު ސައްކެޔޮ ގަހެއްވެސް ހުރިއިރު އޯ ބުނާގޮތުގައި އެގަހުން އޭނާއަށް ހިޔާ ލިބިގެން ދެއެވެ. ދަނޑުވެރިކަމުގައި ވަގުތުތައް ހޭދަކުރުމަށް ލޯބިކުރާ އޯ ބުނެފައިވާގޮތުގައި އޭނާއަށް އެކަނިވެރިކަމުގެ އިހުސާސެއް ނުކުރެވެއެވެ. އޭނާއަށް ޖަންގަލީގައި ދިރިއުޅުމުގައި އެންމެ އުނދަގޫކުރުވާ ކަމަކީ މީދާކަމުގައި އޯ ވަނީ ބުނެފައެވެ. އެސޮރުމެން އޯ ގެންގުޅޭ މަދު އަންނައުނުކޮޅު ހަލާކުރުމުގައި ކުޅަދާނައީ ކަމުގައި އޯ ބުނެއެވެ. ދަނޑުހެއްދުމުގެ އިތުރުންވެސް އެކިކަހަލަ މަސައްކަތް ކުރަމުން ގެންދާކަމުގައި އޭނާ ވަނީ ބުނެފައެވެ.

އޯއަށް ލިބޭ އާމްދަނީން އޭނާ ވަނީ އިންޑޮނީޝިއާގެ ކުޑަ ރަށެއް ކަމަށްވާ ބަޓަމް އަށް ފެރީގައި ދަތުރުކުރާކަމަށް ބުނެފައެވެ. އެ ރަށުގެ އަންހެނެއް ކަމަށްވާ މެޑަމް ޓަސީ އާއެކު އޯ ގެ ދަރިއަކު ހުރެއެވެ. އޯގެ ދަރިފުޅަށް މިހާރު 17 އަހަރު ފުރިފައިވާއިރު އޯގެ އަންހެނުން އަދި ދަރިފުޅަށްވެސް އޯ ދިރިއުޅެމުން އައިސްފައިވަނީ ޖަންގަލީގައި ކަމެއް މީގެ ކުރިން ނޭނގެއެވެ. އޯގެ އާއިލާއިން އޭނާ ދިރިއުޅެނީ ކޮންތާކުތޯ ސުވާލުކުރުމުން އޭނާ ދިރިއުޅެނީ ބަގީޗާއެއްގައި ކަމަށް އޯ ބުނާކަމުގައި އާއިލާއިން ބުނެއެވެ.

ކޮވިޑުގެ ހާލަތާ ގުޅިގެން ސިންގަޕޫރުގައި ބޯޑަރުތައް ބަންދުކުރުމާއި ކޮވިޑުގެ ފިޔަވަޅުތައް ވަރުގަދަ ކުރުމުގެ ސަބަބުން އޯ ވަނީ ބަޓަމް އަށް ދިއުން ހުއްޓާލާފައެވެ. ނަމަވެސް އޭނާ ވަނީ އާއިލާއަށް މާލީގޮތުން އެހީތެރިކަން ފޯރުކޮށްދެމުން ގޮސްފައެވެ. ކޮންމެ މަހަކުވެސް އެ އާއިލާއަށް 500-600 ސިންގަޕޯ ޑޮލަރު ފޮނުވަމުން ގެންދާކަމުގައި އޭނާ ބުނެއެވެ.

ދުނިޔޭގެ މުއްސަނދި ގައުމުތަކުގެ ތެރޭގައި ގުނާލެވޭ ސިންގަޕޫރުގައި ބޯހިޔާވަހިކަމުގެ މައްސަލައަކީ ވަރަށް މަދުން ނޫނީ ދިމާ ނުވާ މައްސަލައެކެވެ. އެގައުމުގެ ހައުސިން ޑިވެލޮޕްމަންޓް ބޯޑުން އިމާރާތްކޮށް ސަބްސިޑީގޮތުގައި ދޫކޮށްފައިވާ އިމާރާތްތަކުގައި 80 ޕަސެންޓު ގޭބިސީއަށް ވަނީ ބޯހިޔާވަހިކަން ހަމަޖައްސައިދީފައެވެ. އަދި މަގުމަތިވެފައިވާކަމަށް މިހާތަނަށް އަންދާޒާކުރެވިފައިވަނީ 1000 މީހުންކަމުގައި އެގައުމުން ވަނީ ހާމަކޮށްފައެވެ.

އޯގެ ވާހަކައަށް މެމްބަރު ލިއަން އެންގްވާ ދެއްވި ސަމާލުކަމާއެކު އެމްޕީގެ ޓީމުން ވަނީ އޯ އަށް މިމަހުގެ ތެރޭގައި ބޯހިޔާވަހިކަން ހަމަޖައްސައިދީފައެވެ. އަދި އޭނާގެ ޓީމުން އޯގެ ކަންތައް ގާތުން ބަލަހައްޓަމުން ގެންދާނެ ކަމަށާއި އިންޑޮނޭޝިއާގައި ތިބި އޭނާގެ އަންހެނުންނާއި ދަރިފުޅާ ގުޅުވައިދިނުމުގެ މަސައްކަތަށްވެސް އެހީތެރިކަން ފޯރުކޮށްދެމުން ދާނެކަމުގައި ވަނީ ބުނެފައެވެ.

އޯ އަށް ހަމަޖައްސައިދީފައިވާ އެއް ކޮޓަރީގެ ފުލެޓުގައި އޭނާއާއެކު އިތުރު މީހަކުވެސް އަންނަނީ ދިރިއުޅެމުންނެވެ. އެ ފުލެޓުގައި ޓީވީއަކާއި، ފުރިޖެއް އަދި ފެން ހޫނުކުރެވޭ ގޮތް ހަމަޖައްސައިދީފައިވަނީ އާއްމުންގެ ގިނަބައެއްގެ އެހީއާއެކުގައެވެ. ހޫނު ފެން ލިބޭނެގޮތް ވުމުން އޯ ހުރީ ވަރަށް އުފަލުންނެވެ. މީގެ ކުރިން އޭނާ ދިރިއުޅުނު ޓެންޓުގެ ކުރިމަތީގައި އޮންނަ ފެންގަނޑުން ފެންވެރުމަށް އާދަވެފައިވުމާއެކު އިސްކުރުން އަންނަ ފެން އޭނާއަށް ވަރަށް ފިނިވާކަމުގައި ވަނީ ބުނެފައެވެ. މީގެ އިތުރުން އާ ދިރިއުޅުމާއެކު 30 އަހަރަށްފަހު ޓީވީ ބެލުމުގެ ފުރުސަތު ލިބިފައިވާކަންވެސް އޯ ވަނީ އުފަލާއެކު ފާހަގަކޮށްފައެވެ.

ނަމަވެސް އޯ ބުނެފައިވަނީ އޭނާގެ ޖަންގަލީގެ މިނިވަން ދިރިއުޅުންމަތިން ހަނދާންވާކަމަށެވެ. މިހާރު ޑުރައިވަރެއްގެ ވަޒީފާ އަދާކުރަމުން އަންނަ އޯ ބުނާގޮތުގައި އޭނާ މިހާރުވެސް ކޮންމެ ދުވަހެއްގެ އިރާކޮޅު ތެދުވެ ތައްޔާރުވެގެން މަސައްކަތަށް ދިއުމުގެ ކުރިން އޭނާ ދިރިއުޅުނު ހިސާބަށް ގޮސް ދަނޑުގެ ހާލަތު ބަލަމުން ގެންދެއެވެ.