ރާއްޖޭގެ ހަ އަތޮޅެއްގައި 700 އަށްވުރެ ގިނަ ހައުސިން ޔުނިޓު އަޅައިދޭނެ ބަޔަކު ހޯދަން އިއުލާންކޮށްފިއެވެ.
ފިނޭންސް މިނިސްޓްރީން ވަކިވަކިން ކޮށްފައިވާ އިއުލާނުތަކެއްގައި ބުނެފައިވަނީ ރާއްޖޭގެ ހަ އަތޮޅެއްގެ ހަތް ރަށެއްގައި ހައުސިން ޔުނިޓު އަޅަން ޝައުގުވެރިވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލާ ކަމަށެވެ.
އެގޮތުން ގއ. ވިލިނގިލީގައި 50 ހައުސިން ޔުނިޓު، ނ. މަނަދޫގައި 40 ހައުސިން ޔުނިޓު، ނ. ހޮޅުދޫގައި 30 ހައުސިން ޔުނިޓު، ޅ. ހިންނަވަރުގައި 100 ހައުސިން ޔުނިޓު، ށ. މިލަންދޫގައި 50 ހައުސިން ޔުނިޓު، ލ. ގަމުގައި 100 ހައުސިން ޔުނިޓު އަދި ކުޅުދުއްފުށި ސިޓީގައި 400 ޔުނިޓު ޑިޒައިން އެންޑް ބިލްޑު އުސޫލުން އަޅައިދޭން ބޭނުންވާ ފަރާތްތަކުގެ ތެރެއިން މަސައްކަތަށް ޝަރުތު ހަމަވާ ފަރާތްތައް ހޯދުމުގެ ކަންތައް ކުރިއަށް ގެންދަނީ ނޭޝަނަލް ކޮމްޕެޓިޓިވް ބިޑިން އުސޫލުން ކަމަށެވެ.
ޖުމުލަ 770 ހައުސިން ޔުނިޓު އަޅައިދޭން ކޮށްފައިވާ މި އިއުލާންތަކުގައި ބުނެފައިވަނީ މި ބީލަމުގައި ބައިވެރިވުމަށް 500 ރުފިޔާގެ ނޮން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަން ޖެހޭނެ ކަމަށެވެ. އަދި ޕްރޮޖެކްޓުގެ ބިޑު ސެކިއުރިޓީގެ ގޮތުގައި އެކި ޕްރޮޖެކްޓުތަކަށް ދައްކަންޖެހޭ އަދަދު ތަފާތެވެ.
ވިލިނގިއްޔާއި ގަމާއި ކުޅުދުއްފުއްޓާއި މިލަންދޫ އަދި ހޮޅުދޫގައި ހައުސިން ޔުނިޓު އެޅުމަށް ޝައުގުވެރިވާ ފަރާތްތަކުން އަންނަ މަހުގެ ތިންވަނަ ދުވަހުގެ ކުރިން ބިޑް ހުށަހަޅަން ޖެހޭ އިރު، ބާކީ ހުރި ރަށްތަކަށް ބިޑް ހުށަހަޅަން ޖެހޭނީ އަންނަ މަހުގެ 13 ވަނަ ދުވަހުގެ ކުރިން ކަމަށް ފިނޭންސް އިން ބުންޏެވެ.
ޅ. އަތޮޅަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ކުރެއްވި ދަތުރުފުޅުގެ ތެރެއިން އިއްޔެ އެމަނިކުފާނު ވިދާޅުވީ އަތޮޅުތެރޭގައި ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ހޯދައިދިނުމުގެ ގޮތުން 14 ރަށެއްގައި 1575 ހައުސިން ޔުނިޓެއްގެ މަސައްކަތް ހައުސިން އެންޑް ޕްލޭނިން މިނިސްޓްރީން ފަށައިގެން ކުރިއަށްގެންދާ ކަމަށެވެ. އޭގެ ތެެރެއިން އަށް ރަށެއްގައި ގެދޮރުވެރިކަން ފޯރުކޮށްދިނުމަށް 970 ފުލެޓުގެ މަސައްކަތް ޓެންޑާ ކޮށްފައިވާ ކަަމަށްވެސް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު