ދިރާގުން ފޯރުކޮށްދޭ ޑިޖިޓަލް ޚިދުމަތްތައް ފުޅާކޮށް ތަރައްގީކުރުމުގެ ދަށުން ދިރާގު ހައިސްޕީޑް ފައިބާ އިންޓަނެޓްގެ ހިދުމަތާއެކު ދިރާގު ޓީވީގެ ހިދުމަތް ޅ.ކުރެންދޫގައި ރަސްމީކޮށް މިއަދު އިފްތިތާހުކޮށްފިއެވެ.

ދިރާގުން ބުނީ ހާއްސަ އޮފާތަކަކާއެކު ކުރެންދޫގައި ފަށާފައިވާ މި ދެހިދުމަތުގެ ދަށުން ދިރާގު ފައިބަރ ބްރޯޑްބޭންޑް ޕެކޭޖަށް އެޕްލައި ކުރާ ކަސްޓަމަރުންނަށް ހިލޭ ފައިބަރ ގުޅައިދިނުމުގެ އިތުރުން ފައިބަރ އަށް ބޭނުންވާ ހާއްސަ ރައުޓަރު ނުވަތަ އޯ.އެން.ޓީ ހިލޭ ލިބޭނެ ކަމަށެވެ. މިއީ އެންމެ ހަލުވި ސްޕީޑާއި އެންމެ ބޮޑެތި ޑޭޓާ އެލަވަންސްތައް ހިމެނޭ ތަފާތު ޕެކޭޖްތައް ހިޔާރުކުރުމަށް ކުރެންދޫ ރައްޔިތުންނަށް ލިބިގެންދާ ރަނުގެ ފުރުސަތެއް ކަމަށް ދިރާގުން ބުނެއެވެ.

ދިރާގު ޓީވީއަށް އެޕްލައި ކުރާ ކަސްޓަމަރުންނަށްވެސް ހިދުމަތް މުޅިން ހިލޭ ގުޅައިދިނުމުގެ އިތުރުން، ޖޯއިބޮކްސްވެސް (ޑީކޯޑަރ) މުޅިން ހިލޭ ލިބޭނެ ކަމަށާއި އެގޮތުން ކުރެންދޫ ރައްޔިތުންނަށް މިހާރު އެންމެ މަގުބޫލު ޓީވީ އަދި މުނިފޫހިފިލުވުމުގެ ކޮންޓެންޓެއް ޕްލެޓްފޯމެއްގެ ދަށުން ބަލައިލެވޭނެ ކަމަށްވެސް ދިރާގުން ބުނެއެވެ.

ދިރާގު ފައިބަރ ބްރޯޑްބޭންޑް ހިދުމަތަކީ ރާއްޖޭގައި މިހާރު ފޯރުކޮށްދެމުން އަންނަ އެންމެ ބޮޑު ފައިބަރ ނެޓްވޯކެވެ. އެގޮތުން މިހާރު ރާއްޖޭގެ ގޭބިސީގެ 82 އިންސައްތައަށް މި ހިދުމަތް ދިރާގުން ފޯރުކޮށްދީފައިވާއިރު މީގެ ތެރޭގައި 78 ރަށެއް ހިމެނެއެވެ. އަދި 100 އަށް ވުރެ ގިނަ ޗެނަލް ހިމެނޭ ދިރާގު ޓީވީ އަކީ ރާއްޖޭގައި އެންމެ ފުޅާދާއިރާއެއްގައި ފޯރުކޮށްދޭ އަދި އެންމެ ފުރަތަމަ އައިޕީޓީވީގެ ހިދުމަތެވެ. ކޮންޓެންޓް، ކޮލިޓީ އަދި އަގުގައި އެއްވެސް ތަފާތު ކުރުމެއްނެތި ދިރާގުން ވަނީ ރާއްޖޭގެ 82 އިންސައްތަ ގޭބިސީއަށް ދިރާގުޓީވީގެ ހިދުމަތް ފޯރުކޮށްދީފައެވެ.

ދިރާގުން ބުނީ އެކުންފުނިން އަބަދުވެސް ބަލަނީ ކަސްޓަމަރުންނަށް ދެވޭނެ ލުއިފަސޭހަގޮތްތައް ހޯދައިދިނުމަށް ކަމަށާއި އިނޮވޭޝަނާއި އެންމެ ފަހުގެ ޓެކްނޮލޮޖީ ބޭނުންކޮށްގެން ކަސްޓަމަރުންގެ ތަޖުރިބާ ރަނގަޅުކުރުމުގެ މަސައްކަތް އަބަދުވެސް އެކުންފުނިން ކުރިއަށް ގެންދާނެ ކަމަށެވެ.