ޅ. ނައިފަރުގައި ސަރުކާރުން އިމާރާތްކޮށްފައިވާ ފްލެޓްތަަކަށް ވަންނަ މީހުން ފުރަތަމަ ތިން މަހު ކުލި ދައްކަން ނުޖެހޭ ގޮތަށް ސަރުކާރުން ހަމަޖައްސައިދީފި އެވެ.
ނައިފަރު ކައުންސިލްގެ ލޯގޯ އާއި ވެބްސައިޓް ލޯންޗުކުރުމަށް ހައުސިން މިނިސްޓްރީގެ އިސްވެރިންނާ އެކު ރޭ ބޭއްވި ޖަލްސާއެއްގައި ނައިފަރު ކައުންސިލްގެ ރައީސް މުހައްމަދު ރަޝީދު ވިދާޅުވީ، ފްލެޓުތަކަށް ވަންނަތާ ތިން މަސް ފަހުން ކުލި ހިނގާ ގޮތަށް ހަމަޖައްސައިދީ މިނިސްޓްރީން ކައުންސިލަށް މިހާރު އެކަން އަންގާފައިވާ ކަމަށެވެ.
ނައިފަރުގައި ސަރުކާރުން އިމާރާތްކުރި 100 ހައުސިން ޔުނިޓް ލިބުނު މީހުން އަންނަ މަހުން ފެށިގެން އެތަނަށް ބަދަލުވާން ފަށާނެ އެވެ.
ރައީސް ސޯލިހު ނައިފަރަށް އިއްޔެ ވަޑައިގެން އެ ހައުސިން ޔުނިޓުތައް ވަނީ ރަސްމީކޮށް ހުޅުވައިދެއްވައި، އެރަށުގެ ކައުންސިލާ ހަވާލުކޮށްފައެވެ.
ނައިފަރުގައި އިމާރާތްކުރި ފްލެޓުތަކަށް މަހު ކުލީގެ ގޮތުގައި 5،000 ރުފިޔާ ދައްކަން ޖެހެ އެވެ. އެއީ 20 އަހަރަށް ބަހާލައިގެން ޖުމްލަ 1.2 މިލިއަން ރުފިޔާ އެވެ.
ނައިފަރުގައި އިމާރާތްކޮށްފައިވަނީ 1،000 އަކަފޫޓުގެ ތިން ކޮޓަރީގެ ޖާގައިގެ އެޕާޓުމަންޓްތަކެވެ. އެތަނުގައި ސިޓިންރޫމަކާއި ބަދިގެއެއް ހުންނާނެއެވެ.
ނައިފަރު ކައުންސިލުން ލަފާލުރާ ގޮތުގައި އެ ހައުސިން ޔުނިޓުތަކަށް އެރަށުގެ 600 އެއްހާ މީހުން ޖަމާވާނެއެވެ.