ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ޅ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އެ އަތޮޅު ކުރެންދޫއަށް މިއަދު ވަޑައިގަތުމުން އެރަށުން އެމަނިކުފާނަށް ހޫނު މަރުހަބާއެއް ދަންނަވައިފިއެވެ.

ރައީސް ސޯލިހު ކުރެންދޫއަށް ވަޑައިގެންފައިވަނީ މިއަދު މެންދުރުފަހުގެ ވަގުތެއްގައެވެ. މިއީ ޅ. އަތޮޅަށް ރައީސް ސޯލިހު މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ފަސް ވަނަ ވަނަ މަންޒިލެވެ.

ކުރެންދޫން ރައީސް ސޯލިހަށް ވަނީ ރަތް ދޫލައިގެ މަރުހަބާއެއް ދަންނަވައިފައެވެ. އެމަނިކުފާނުގެ އިސްތިގުބާލުގައި އެރަށުގެ ގިނަ އަދަދެއްގެ ރައްޔިތުން ވަނީ ބަނދަރު ސަރަހައްދަށް ޖަމާވެފައެވެ.

ރައީސް ސޯލިހު ކުރެންދޫއަށް ކުރައްވާ މި ދަތުރުފުޅުގައި އެރަށުގެ ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީއާ ބައްދަލުކުރައްވައި ސަރުކާރުގެ މުއައްސަސާތަކަށް ޒިޔާރަތްކުރައްވާނެއެވެ. އަދި އެރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވާނެއެވެ.

ކުރެންދޫގައި ސަރުކާރުން އަންނަނީ، އެރަށުގެ އާ އިންޖީނުގެ ހެދުމުގެ މަސައްކަތް ކުރަމުންނެވެ. އަދި އެރަށުގެ ފެނުގެ ނިޒާމް ގާއިމުކުރުމަށާއި ގިރާ ސަރަހައްދު ހިމާޔަތްކުރުމަށް ވަނީ ކޮންޓްރެކްޓް ކޮށްފައެވެ.

އެރަށުގައި ކުރިއަށް ގެންދަން ނިންމާފައިވާ ހަތަރު މަޝްރޫއެއް ޓެންޑަރިން މަރުހަލާގައިވެސް އެބައޮތެވެ. އެއީ އެރަށުގައި މިސްކިތެއް ހެދުމާއި މަސްމާރުކޭޓެއް އިމާރާތްކުރުމާއި ސްކޫލުގެ މަލްޓި ޕާޕަސް ހޯލެއް ހެދުމާއި ފުޓްބޯޅަ ދަނޑު ތަރައްގީކުރުމެވެ.

ސަރުކާރުން ވަނީ ކުރެންދޫގައި ކުނި މެނޭޖުކުރުމުގެ މަރުކަޒު އަޕްގްރޭޑް ކުރުމުގެ މަސައްކަތާއި އައުޓް ޑޯ ޖިމެއް ތަރައްގީކުރުމާއި ސޯލާ ޕީވީ ޑީސަލް ހައިބްރިޑް ސިސްޓަމް ގާއިމުކޮށްދީފައެވެ.