ފ. ދަރަނބޫދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ މަސައްކަތް ނިމުމަކާ ގާތްވެއްޖެ ކަމަށް އެ މަސައްކަތުގެ ކޮންޓްރެކްޓަރު އެމްޓީސީސީން ބުނެފި އެވެ.

ދަރަނބޫދޫ ބަނދަރު ތަރައްގީ ކުރުމުގެ މަސައްކަތް ކުރިއަށްދާގޮތް ހިއްސާކުރަމުން އެމްޓީސީސީން ބުނީ މުޅި މަޝްރޫއުގެ 90 ޕަސެންޓު މިހާރު ނިމިފައިވާ ކަމަށެވެ. މި މަޝްރޫއުގެ ތެރެއިން ބޭރުތޮށިލުމުގެ 85 ޕަސެންޓު މަސައްކަތް ނިމިފައިވާ ކަމަށް އެ ކުންފުނިން ބުންޏެވެ.

އެމްޓީސީސީން ބުނީ މަޝްރޫއުގެ މަސައްކަތަށް ބޭނުންވާ ބޮޑުހިލައިގެ އެންމެފަހު ޝިޕްމަންޓު ޕްރޮޖެކްޓް ސައިޓަށް ގެންގޮސްފައިވާ ކަމަށެވެ. އަދި މި މަޝްރޫއުގެ ދަށުން، 46,600 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި، 253 މީޓަރުގެ ސަރަހައްދެއްގައި އެއްގަމުތޮށި ލުން ހިމެނޭ ކަމަށް އެ ކުންފުނިން ވަނީ ބުނެފަ އެވެ.

އޭގެ އިތުރުން 410 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމާއި، 64 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓު ޖެހުމާއި، 2500 އަކަ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހެދުމާއި، ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތް ހިމެނޭ ކަމަށްވެސް އެ ކުންފުނިން ބުންޏެވެ.

މި މަޝްރޫއަކީ 40.2 މިލިއަން ރުފިޔާގެ މަޝްރޫއެއް ކަމަށް އެމްޓީސީސީން ބުންޏެވެ.