ކޯޓުގެ ހުރުމަތް ކެނޑުމުގެ ކުށުގައި ޖަލު ހުކުމެއް އިއްވާފައިވާ ސްޕޯޓްސް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު އަސްހަދު އަލީ، (އަޑުބަރޭ) އެނބުރި ރާއްޖެ އަތުވެއްޖެއެވެ.

ޓޫރިޒަމް މިނިސްޓްރީގެ މުވައްޒަފުންތަކަކަށް އެކި ފަހަރުމަތިން ޖިންސީ ގޯނާކޮށް ރޭޕް ކުރަން އުޅުނު ކަމުގެ ތުހުމަތުގައި އަލީވަހީދުގެ މައްޗަށް ދައުވާކޮށް ރާއްޖޭން ބޭރަށް އޭނާ ފުރުން ކުރިމިނަލް ކޯޓުން މަނާކޮށްފައި އޮތުމަށްފަހު، ބޭސްފަރުވާއަށް ރާއްޖޭން ބޭރަށް ފުރުމަށް އޭނާއަށް ހުއްދަ ދިނީ، އެނބުރި ރާއްޖެ އަންނާނެ ކަމުގެ ޔަގީން ކަމެއްގެ ގޮތުން ކޯޓުގައި އަޑުބަރޭ ޖާމިނު ކުރުމުންނެވެ.

އެ ހުއްދައިގެން ދަށުން އަލީ ވަހީދު އިނގިރޭސި ވިލާތަށް ދިޔައީ 2021 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައެވެ. ނަމަވެސް އޭނާ ރާއްޖެ އައުމަށް ދިން ހަތަރު މަސްދުވަހުގެ މުއްދަތު ހަމަވެގެން ގޮސް މިއަދާ ހަމައަށް އައިއިރުވެސް އޭނާ ރާއްޖެ އައިސްފައެއްނުވެއެވެ.

އެކަމާ ގުޅިގެން 72 ގަޑިއިރު ތެރޭގައި އަލީ ވަހީދު ކޯޓަށް ހާޒިރު ކުރުމަށް 28 ނޮވެމްބަރު 2021 ގައި ކުރިމިނަލް ކޯޓުން އަޑުބަރޭއަށް އެންގިއެވެ. ނަމަވެސް އެ މުއްދަތުގައިވެސް އަލީ ވަހީދު ކޯޓަށް ހާޒިރު ނުކުރުމުން އެއީ ކޯޓުގެ އެންގުމަކާ ހިލާފުވެ، ކޯޓުގެ ހުރުމަތް ކެނޑުން ކަމަށް ކަނޑައަޅައި، 15 ދުވަހަށް ޖަލަށް ލާން ކުރިމިނަލް ކޯޓުން މިމަހުގެ ދެ ވަނަ ދުވަހު ހުކުމްކުރިއެވެ.

އެ ހުކުމް ކުރި އިރު، އަޑުބަރޭ ރާއްޖޭގައި ނެތުމުން އެ ހުކުމް ތަންފީޒުކުރުމަށް އޭނާ ކަރެކްޝަނަލް ސާވިސްއާ ހަވާލުކޮށްދޭން ފުލުހުންގެ ކިބައިން އެދުނެވެ. ނަމަވެސް އޭގެ 15 ދުވަސް ފަހުން، ފުލުހުން ވަނީ އަޑުބަރޭ ރާއްޖޭގައި ނެތްކަން ކަރެކްޝަނަށް އަންގައިފައެވެ.

އަޑުބަރޭ މިރޭގެ ވަގުތެއްގައި ރާއްޖެ އައިކަން ކަރެކްޝަންސް އިން "ވަން" އަށް ކަށަވަރު ކޮށްދިނެވެ.

އެކަމާ ގުޅޭ އިތުރު ތަފުސީލު ދެއްވަމުން ކޮމިޝަނަރު އޮފް ޕްރިޒަންސް އަހުމަދު މުހައްމަދުފުޅު މިރޭ ކުރެއްވި ޓުވިޓެއްގައި ވިދާޅުވީ، އަސްހަދު އެނބުރި ރާއްޖެ ވަޑައިގެން އަމިއްލައަށް ކަރެކްޝަންސްއާ ހަވާލުވެފައިވާއެވެ.

"އޭނާ އެއާޕޯޓުން ކަރެކްޝަންސްގެ ބެލުމުގެ ދަށަށް ގެނައުމުގެ މަސައްކަތް ދަނީ ކުރަމުން،" އަހުމަދު މުހައްމަދު ވިދާޅުވިއެވެ.

އަޑުބަރޭ އެނބުރި ރާއްޖެ އައިސް، ކަރެކްޝަންސްއާ ހަވާލުވި ނަމަވެސް، އަލީ ވަހީދު ގެނެވޭނެ ގޮތެއް އަދިވެސް ނުވެއެވެ. ސުޕްރީމް ކޯޓުގައި އޮތް އަޑުއެހުމަކަށް އަލީ ވަހީދު ހާޒިރުނުވުމުން އޭނާވެސް ކޯޓުގެ ހުރުުމަތް ކެނޑީ ކަމަށް ބަލައި ދެ މަހާއި 12 ދުވަހަށް ޖަލަށްލާން ވަނީ ހުކުމްކޮށްފައެވެ. އަދި އޭނާ އަނބުރާ ރާއްޖެއަށް ގެނައުމަށް ބޭރުގެ އެޖެންސީތަކަށް ދޭން ޖެހޭ މައުލޫމާތު ދީފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.