އެންމެ އެދެވޭ ގޮތުގައި ޅ. އަތޮޅު ތައުލީމީ މަރުކަޒު ހިންގުމަށް އިތުރު ތިން ބުރީގެ އިމާރާތެއް ބޭނުންވާ ކަމަށް އެ މަރުކަޒުގެ ވެރިން ވިދާޅުވެއްޖެއެވެ.
އެ ސްކޫލުގެ ވެރިން އެފަދައިން ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއެކު މިއަދު ހެނދުނު އެ މަރުކަޒުގައި ބޭއްވި ބައްދަލުކުރެއްވުމުގައެވެ.
އެ ބައްދަލުކުރެއްވުމުގައި ޅ. އަތޮޅު ތައުލީމީ މަރުކަޒުގެ އިސްވެރިން ވަނީ އެ މަރުކަޒުގެ ބައެއް އިމާރާތްތަކުގައި ހުރި މައްސަލަތަކާއި މަރުކަޒުގައި ގާއިމުކޮށްފައިވާ ވަސީލަތްތަކުގެ ފެންވަރު މަތިކޮށް ޒަމާނީ ފެންވަރަށް ގެނައުމާއި އަދި ތައުލީމީ މަރުކަޒު އެންމެ އެދެވޭގޮތަށް ހިންގުމަށް އިތުރު ތިން ބުރީގެ އިމާރާތެއް ބޭނުންވާކަން ފާހަގަކުރައްވައިފައެވެ. މީގެ އިތުރުން ތައުލީމީ މަރުކަޒަށް އިތުރަށް އިންސާނީ ވަސީލަތް ބޭނުންވާކަން އެ ސްކޫލުގެ އިސްވެރިން ފާހަގަކުރެއްވިއެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސް ވަނީ ތައުލީމީ މަރުކަޒުގެ އިސްވެރިން އެދިވަޑައިގެންނެވި ކަންކަމުގައި މަސައްކަތްކޮށްދެއްވާނެ ކަމަށް ވިދާޅުވެފައެވެ.
މި ބައްދަލުކުރެއްވުމަށްފަހު ރައީސް ވަނީ ޅ. އަތޮޅު ތައުލީމީ މަރުކަޒުގެ ހާލަތު ބައްލަވައިލައްވައިފައެވެ. އަދި ހިންނަވަރު ސިއްހީ މަރުކަޒަށް ޒިޔާރަތްކުރައްވައި އެތަނުގެ ހާލަތު ބައްލަވައިލެއްވުމުގެ އިތުރުން ހިންނަވަރު ބަނދަރު ހެދުމުގެ މަސައްކަތް ކުރިއަށްދާ ގޮތް ވެސް އެމަނިކުފާނު ބައްލަވައިލެއްވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު