އައިޖީއެމްއެޗުން ފަރުވާ ހޯދުމަށް ހަ މަސްދުވަސް ކުރިން ދަތުގެ ހާއްސަ ޑޮކްޓަރަށް ދެއްކުމަށް އެޕޮއިންޓްމަންޓެއް ލިބޭތޯ ނަން ނޯޓު ކުރި ޒުވާނެކެވެ. މާފަންނު ގެއަކަށް ނިސްބަތްވާ 33 އަކަށް އަހަރުގެ މި ޒުވާނާ ނަން ނޯޓު ކުރީ އޭނާގެ އަނގައިގެ އެންމެ އެތެރޭގައި ހުރި ހިކުމަތުގެ ދަތުގައި ވަރަށް ގަދައަށް ރިއްސާތީވެއެވެ. ދަތުގެ ހާއްސަ ޑޮކްޓަރަކަށް ނަން ނޯޓު ކުރުމުގެ ކުރިން އައިޖީއެމްއެޗުގެ ޓްރައޭޖު، އަވަސްފަރުވާއަށް އެދި ޑޮކްޓަރަށް ދައްކާ ތަނުން ނަން ނޯޓުކޮށް ޑޮކްޓަރަށް ދެއްކިއެވެ. އާންމު ބަލިތަކުގެ އެ ޑޮކްޓަރަކީ އައިޖީއެމްއެޗުގެ ޓްރެއިނީއެކެވެ. އިންޓާންގައި ތަޖުރިބާ ހޯދަމުން އަންނަ އެ ޑޮކްޓަރު ލިޔެދެއްވި ބޭހުން ވަގުތީ ގޮތަކަށް ތަދު ކެނޑުނަސް އަނެއްކާވެސް ރިއްސައިގަނެއެވެ.
މާލީ ހާލަތު ހުރި ގޮތުން ދަތުގެ ކުލިނިކަކަށް، ނޫނީ ފައިސާ ދީގެން ޑޮކްޓަރަށް ދެއްކޭނެ ގޮތެއް ނެތެވެ. އެހެންކަމުން އެ ޒުވާނާއަށް އައިޖީއެމްއަޗަށް ނޫނީ ދެއްކޭކަށް ނެތެވެ. ދަތެއްގައި ރިއްސުމަކީ ކިހާ ވޭނެއް އަޅާ ކަމެއްކަން އެނގޭނީ ހަމަ އެ އިހުސާސް ތަޖުރިބާކޮށްފައިވާ މީހަކަށެވެ. ގައިގެ ކޮންމެ ތަނެއްގައި ރިއްސިޔަސް އެއީ ވޭނެކެވެ. އެހެންނަމަވެސް ދަތުގައި ރިއްސުމަކީ އެހެން ވޭންތަކަށްވުރެ މާބޮޑަށްވެސް ތަކުލީފު ބޮޑު ވޭނެކެވެ. އަންހެނުން ބުނާ ގޮތުގައި ދަތުގެ ރިއްސުމާ އެންމެ ގާތްކުރަނީ ދަރިއަކު ވިހެއުމުގެ ވޭންވަރާއެވެ. އެހެނީ ދަތެއްގެ ރިހުމުން ބޮލާއި ލޮލަށްވެސް އަސަރު ކުރާތީއެވެ. ބޮލުގައި ރިއްސުމާއެކު ލޮލަށް ތަދުވެ ލޯފުސްވާ ގޮތްވެސް ދިމާވެއެވެ. ސިއްހީ ލަފާދޭ ދިރާސާކުރާ ފަރާތްތަކުން ނަސޭހަތްތެރިވަނީ ދަތެއްގައި ރިއްސާތާ އެންމެ ގިނަވެގެން 48 ގަޑިއިރުތެރޭ ދަތުގެ ހާއްސަ ޑޮކްޓަރަކަށް ދެއްކުމަށެވެ. އަދި ހަމަ އެހެންމެ ދަތެއްގައި ރިއްސުމާއެކު ހުން އައިސް، ކަންފަތުގައި ރިއްސައި، އަނގަ ހުޅުވަން ދަތިވެ ބޮޑަށް ހުޅުވާލައިފިނަމަ ކަތުރުކަށިގަނޑަށާއި މުޅި އަނގައިގައި ރިއްސާނަމަ ލަސްކުރުމެއްނެތި ހާއްސަ ޑޮކްޓަރަކަށް ދެއްކުމަށް ނަސޭހަތްތެރިވެއެެވެ.
އައިޖީއެމްއެޗުން ޑޮކްޓަރަށް ދެއްކޭނެ އެއްވެސް ގޮތެއް ނުވެގެން އަމިއްލަ ފަރުވާދީ، ރިއްސާތީ ކާ ބޭހެއް ކައިގެން އެގޮތް މިގޮތަށް ތަދު ކެނޑުވޭތޯ މަސައްކަތް ކުރާތާ އެތައް ދުވަހެއް ވެގެން ދިޔައިރުވެސް އެޕޮއިންޓްމެންޓެއް ލިބޭ ގޮތެއް ނުވިއެވެ.
ނިޔާޒު ބުނިގޮތުގައި އެކިއެކި ފަރުވާ ދެމުން ދަތުގެ ރިހުމާ ކުރިމަތިލާ ހަނގުރާމައިގައި، ބައެއް ފަހަރު ތަދު މެދުކެނޑުނަސް މުޅީން ރިހުމެއް ނުފިލައެވެ. ބައެއް ފަހަރު ދެތިން ދުވަހަކު ރިހުންބޮޑު ނުވެ އެއްވަރެއްގައި ހިފެހެއްޓިފައި ހުރެއެވެ. އެކަމަކު އެ ރިހުމެއް މުޅިން ނުކެނޑެއެވެ. އެންމެ ފަހުން މީގެ މަހެއްހާ ދުވަސްކުރިން ނިޔާޒަށް ދިމާވީ ބުނެދޭންވެސް ނޭނގޭފަދަ ބޮޑުވޭނެކެވެ. އަދި އެވޭނުން ސަލާމަތްވުމަށް ކުރި ކަމެއް އޭނާ ކުރީ ގައިގައި އަޅަމުންދިޔަ ގަދަ ވޭނާ ހެދި ހަމަ ހޭގައި ހުރެގެނެއް ނޫނެވެ. އޭގެ ނަތީޖާއެއްގެ ގޮތުން މިއަދު ނިޔާޒަކީ ކުޅެދޭ މީހަކަށް ނުވެއެވެ.
"ހެނދުނުއްސުރެ އުޅުނީ އެގޮތް މިގޮތް ހަދައިގެންވެސް ހަމަ އެއްވެސް ވަރަކަށް ތަދެއް ނުކެނޑުުނު. އައިޖީއެމްއެޗަށް ގުޅިން. އެންމެ ފަހުން އިމަޖެންސީއަށް ދާންވެސް ދިޔައިން،"
ނިޔާޒު ކިޔައިދިން ގޮތުގައި ޓްރައޭޖުން ކުރީ ދުވަހެކޭ އެއްގޮތަށް ތަދުކަނޑުވާ ބޭހެއް ދީފައި އިރުޝާދު ދިނީ ދަތުގެ ހާއްސަ ޑޮކްޓަރަކަށް ދެއްކުމަށެވެ. އެޕޮއިންޓްމެންޓެއް ނުލިބިގެން އުޅޭތާ އެތައް ދުވަހެއް ވެއްޖެ ކަމަށާއި ކައުންޓަރުން އަބަދު އެއް ޖަވާބެއް ދިނުމަށްފަހު ދުވަހަކުވެސް ފޯނަށް ޖަވާބު ނުދޭ ޑިޕާޓްމަންޓަކަށް 'ޕާސް' ކުރުމުން އެތަނުން ފޯނު ނުނަގާ އެންމެ ފަހުން ފޯނު ކެނޑޭ ވާހަކަ ޑޮކްޓަރަށް ކިޔައިދީފައި، ތި ޑޮކްޓަރުގެ އެހީގައި ދަތުގެ ހާއްސަ ޑޮކްޓަރަކަށް ރިފަރެލްއެއް ހަދައިދޭށޭ ކިޔައި އާދޭސް ކުރި ވާހަކަވެސް އޭނާ ކިޔައިދިނެވެ. އެ އާދޭސްތަކަށް ޑޮކްޓަރު ދެއްވީ ވަރަށް މަޑުމައިތިރި ދެކޮޅުން ކުރެ ކޮޅެއް ފެންނަން ނެތް 'ވަރިހަމަ' ޖަވާބެކެވެ.
"އެގޮތަށް ރިފާކޮށް ނުދެވޭނެ. ނަންބަރު ތަރުތީބުން އެޕޮއިންޓްމަންޓު ލިބޭނީ،" ޑޮކްޓަރުގެ ޖަވާބަކީ އެއީއެވެ.
ކޮންމެއަކަސް ގެއަށް އައިސް ބޭސް ކެއުމުން ހަމަ އެންމެ ބައި ގަޑިއެއްހާ އިރަށް ގަދަރިހުން އާދައިގެ ތަދަކަށް ވެފައި ހުއްޓެވެ. ދެން އަނެއްކާވެސް ރިއްސައިގަތީއެވެ. ދަތުގެ ކުލިނިކަކަށް ދައްކަންޏާ އެޕޮއިންޓްމެންޓަށް ދެތިންސަތޭކަ އަދި ދަތަށް ދޭންޖެހޭ ފަރުވާ ކަނޑައެޅުނީމަ އެ ފަރުވާއަކަށްވެސް އަގު ދައްކަން ޖެހެއެެވެ.
ކޮންމެ މީހަކީ ފައިސާގެ ގޮތުން ހަމަ އެންމެ ފުދޭ މީހާއެއް ނޫނެވެ. މާލޭގައި ދިރިއުޅެން ޖެހެނީ ބޯފެންފޮދަށްވެސް އަގު ދީގެންނެވެ. ކުއްޔާއި ގޭގެ ބިލުތައް ދެއްކުމަށްފަހު މަހުގެ ތިރީސް، އެއްތިރީސް ދުވަހަށް ވާވަރަށް ކެއުމަށް ފައިސާ ހަރަދު ކުރަން ޖެހެއެވެ. މަހެއްގެ ދިހައަކާ ހަމައަށް ދާއިރު އަތުގައި އެއްވެސް ފައިސާއެއް ނުހުރެއެވެ. އެހެންކަމުން އެންމެންނަކަށް ކިރިޔާ ތަދެއް ވެލާއިރަށް ނޫނީ ބައްޔެއް ވެލާއިރަށް ދުވެފައި ކުލިނިކަކަށް ނޫނީ ފެންވަރު ރަނގަޅު ހޮސްޕިޓަލަކަށް ނުދެވޭނެއެވެ.
ނަންބަރު ތަރުތީބުން ނޫނީ އެއްވެސް ކަމެއް ކުރެވޭކަށް ނޯވެއެވެ. ޑޮކްޓަރަށް ދެއްކުމުން ފެށިގެން ބޭސްފިހާރައިން ބޭސްދޫކުރުމާ ހަމައަށްވެސް ނަންބަރު ތަރުތީބުން ހިދުމަތް ދިނުމަށް އޮންނަނީ އުސޫލު ކަނޑައެޅިފައެވެ. އެއީ ވަރަށްވެސް ރަނގަޅު ގަވާއިދެކެވެ. އެހެންނަމަވެސް އެ ގަވާއިދަށް އަމަލު ކުރުމުގައި އެންމެ އިންސާފުވެރި ގޮތަށް ކަންތައް ކުރެވޭބާވައެވެ. އަނެކުންގެ ހައްގުތައް ބަރާބަރަށް އަދާ ކުރެވޭބާވައެވެ.
ދަތުގެ ރިހުމަށް ކެތްނުވެގެން އެގޮތް މިގޮތުން ފަރުވާދީ، ތަދު ކެނޑުވުމަށް އެނގެން އޮތިއްޔާ އޮތްހާ ކަމެއް ކުރުމަށްފަހު ވެސް، އެއްވެސް ލުޔެއް ނުލިބުމުން 33 އަކަށް އަހަރުގެ ބޮޑު ފިރިހެނަކު ގިސްލަގިސްލާފައި ބާރަށް ރުއި ވާހަކަ އިވުމުން ހައިރާންވެދާނެކަން ނޭނގެއެވެ. އެެހެންނަމަވެސް މިއީ ހަމަ ތެދު ހަގީގަތެކެވެ. އެންމެ ފަހުން ހަދާނެ ގޮތް ހުސްވާހިސާބަށް ދިޔަތަނާހެން، ކޮޓަރި ތެރޭގައި އެނބުރި އެނބުރި ހުރި ނިޔާޒުގެ ލޮލުގައި އަޅައިގަތީ އޭނާ ކޮންމެވެސް މަސައްކަތެއް ކުރަން ގެންގުޅުނު ނަރުކެނޑިއެވެ. ގަޑިން މެންދަމުން އަލިވެ ދޭއް ޖަހައި ބޮޑުވެފައި ހުރި ގަޑިއަށް ބަލައިލުމެއް ނެތި ނިޔާޒުގެ ސިކުނޑިއަށް އެވަގުތު އައި ނުރައްކާތެރި ހިޔާލަށް އޭގެ އަމަލީ ސިފަ ގެންނަން އޭނާ އަވަސްވެގަތެވެ.
ދަތާ ބެހޭގޮތުން މާބޮޑު މައުލޫމާތެއް ހޯދިފައި ނުވާ ނިޔާޒަށް، ނަރުކެނޑިން ދަތުގައި ހިފުނު ގޮތެއްވެސް ނޭނގެއެވެ. އެނގޭހާވެސް ވަރަކީ ދަތް އުފުރައި މޭޒުމައްޗަށް އެއްލައިލެވުނު ކަމެވެ. ބޮލަށް އެނބުރުން އަރައިގަތުމާއެކު ލޮލުން ކުދިކޮކާ އެނބުރިގަތްހެން ހީވެގެން އަވަހަށް އެތަނުގައި ހުރި ގޮނޑިއަށް ވެއްޓިގަނެވުނީއެވެ. އަތުގައި އޮތް އޭނާގެ ގަމީސް ލެއިން ކަޅިވަމުންދިޔައެވެ. ދެން ވީ ގޮތެއް ނޭނގޭ ކަމަށާއި ފާޑެއްގެ ގޮތެއްވެފައި ގޮނޑިމައްޗަށް ދެމުނީކަމަށްވެސް އޭނާ ކިޔައިދިނެވެ.
މުޅި އުމުރަށް ގެއްލިގެން ދިޔައީ ނިޔާޒުގެ ވާތު ލޮލުގެ ފެނުމެވެ. މިކަމުގެ ޒިންމާ އުފުލާނީ ކާކު ހެއްޔެވެ. ނުވަތަ މިކަން އެނގިގެން މިކަމުގެ ހަގީގަތާ އެއްކޮޅަށް ވަކާލާތުކޮށް އިންސާފު ހޯދައިދޭނީ ކާކުގެ ފަރާތުން ކާކުބާވައެވެ. މިކަހަލަ ކިތައް ނިޔާޒު މުޖުތަމައުގައި އުޅޭބާއެވެ. ނިޔާޒުގެ މައްސަލައަކީ އޭނާގެ ހޭލުންތެރިކަން ކުޑަވުންބާއެވެެ. އެޕޮއިންޓުމެންޓު ދޫކުރަން ލިސްޓު ކުރަން ތިބޭ މުވައްޒަފުންނަށް އެންމެ ފުރިހަމައަށް ޒިންމާ އަދާ ކުރެވޭބާވައެވެ. އެޕޮއިންޓްމަންޓު ދޫކުރެވެނީ ހަމަ ތަރުތީބުންބާވައެވެ.
އައިޖީއެމްއެޗުން ހިދުމަތެއް ހޯދާނަމަ އެއްރޭ އެއްދުވާލުގެ އެހެން ހުރިހާ ކަމަކުން ޗުއްޓީ ނަގަން މަޖުބޫރުވެއެވެ. އެހެން ނޫނީ އެކަމެއް ކުރެވޭކަށް ނޯވެއެވެ. ކޮޮންމެ ހިދުމަތެއްގެ ކިޔު ލައިން އެހާ ދިގެވެ. މައި ކައުންޓަރުން ހުރިހާ ހިދުމަތެއް ދޭއިރު އެތަނުގެ ކިޔު ލައިނާއި ލެބޯޓްރީގެ ކިޔު ލައިނާއި ކުއްލި ހާލަތުގައި ޑޮކްޓަރަށް ދައްކާ ޓްރައޭޖުގެ ކިޔު ލައިނަކީ ރެއާދުވާލު ހުސްވުމެއް ނެތި އަބަދު މީހުން ހިދުމަތަށް އެދިގެން ގޮސް ތިބޭ ލައިންތަކެވެ. އެއްވެސް ގަޑިއެއްގައި މީހުން މުޅިން އެކީ ހުސްނުވާ އައިޖީއެމްއެޗުން "ފަރުވާކުޑަ" ނުރައްކާތެރި ކުށްތައް ތަކުރާރުވުން ދަނީ އިތުރުވަމުންނެވެ.
އެހެންވިޔަސް އަދިވެސް މިއަދުވެސް އައިޖީއެމްއެޗަށް ފަރުވާ ހޯދަން ދާމީހުންގެ އަދަދު ވަކި މަދެއް ނޫނެވެ. އެނޫން އަގުހެޔޮ ސިއްހީ ނިޒެއް ނެތެވެ. ޕްރައިވެޓް ތަންތަނުގައި އަގުތައް ހުރީ އެމީހަކު ހިތަށް އެރި ގޮތަކަށެވެ. އާންު ރައްޔިތު މީހާގެ އަތްފޯރާ ފަށުގައެއް ނޫނެވެ. ގައުމުގެ ވެރިކަން ކުރާ 'ކެޕިޓަލް ސިޓީ' އިން ތަފާތު އެކިއެކި ހިދުމަތް ހޯދަން ރާއްޖޭގެ އެކި ދިމާތަކުން އަންނަ މީހުން މަދެއް ނޫނެވެ. އާންމުންނަށް ފަސޭހައިން ހިދުމަތް ލިބެން އޮތް ތަނަށްވީއިރު އައިޖީއެމްއެޗްގެ ފެންވަރު ރަނގަޅު ކުރުމާއި އެންމެ ފުރިހަމައަށް އިހުލާސްތެރިކަމާއެކު ހިދުމަތް ދިނުމަކީ ކޮންމެ މުވައްޒަފެއްގެވެސް ޒިންމާއެކެވެ. ކޮންމެ މުވައްޒަފަކުވެސް ކޮންމެ ފަރުދަކުވެސް، ދިވެހި ދަރިއެއްގެ ހައިސިއްޔަތުން، ތިމާގެ ފަރުދީ ޒިންމާ އަދާކުރުމުގައި އިހުލާސްތެރިވެ ތެދުވެރިވެެރިކަމާއެކު ވާޖިބު އަދާކުރުމުން އެ ބިނާކުރެވެނީ އަމާން ރައްކާތެރި ގައުމިއްޔަތެއްކަން ޔަގީނެވެ.
ސިއްހަތު
ސިއްހަތު
ސިއްހަތު
ސިއްހަތު