ޅ. ހިންނަވަރުގައި ސަރުކާރުން ތަރައްގީކުރަން ނިންމާފައިވާ ހޮސްޕިޓަލް އިމާރާތްކުރުމުގެ މަސައްކަތް އަންނަ މަހުގެ ތެރޭގައި ބަޔަކާ ހަވާލުކުރެވޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ހިންނަވަރުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް ސޯލިހު ރޭ ވިދާޅުވީ، ހިންނަވަރުގައި ހޮސްޕިޓަލް އެޅުމަށް ބޭނުންވާ ފައިސާ މިހާރު ހަމަޖެހިފައިވާ ކަމަށާއި އެ މަޝްރޫއަށް ފައިސާގެ އެއްވެސް ދަތިކަމެއް ނެތް ކަމަށެވެ.
ހިންނަވަރުގައި ސަރުކާރުން ތަރައްގީކުރުމަށް ނިންމާފައިވަނީ 30 އެނދުގެ ހޮސްޕިޓަލެކެވެ.
ރައީސް ވިދާޅުވީ، ހިންނަވަރުގައި ހޮސްޕިޓަލު އެޅުމަށް މިހާރު ޓެންޑާކުރެވިފައިވާ ކަމަށާއި ޓެންޑަރިން މަރުހަލާ މިމަހު 28 ގައި ނިމޭނެ ކަމަށެވެ. އަދި އިވެލިއޭޝަންގައި މައްސަލަތަކެއް ނުޖެހި ކުރިއަށް ދެވިއްޖެނަމަ އަންނަ މާޗު މަހުގެ ތެރޭގައި ހޮސްޕިޓަލުގެ މަސަައްކަތް ބަޔަކާ ހަވާލުކުރެވޭނެ ކަމަށް ވިދާޅުވިއެވެ.
"ހޮސްޕިޓަލް ނިންމަން އަޅުގަނޑަށް އޮތީ ދެ އަހަރު ލިބިފައި. އެކަމަކު އަޅުގަނޑަށް ދިގު އެވަރުގެ ހޮސްޕިޓަލެއް ނިންމަން އޮތް މުއްދަތު. މި ދައްކަނީ 30 އެނދުގެ ވާހަކަ. އެވަރުގެ ހޮސްޕިޓަލެއް ނިންމަން ދިގު މުއްދަތެއް ކަމަށް ގަބޫލުކުރެވެނީ. ޕްލޭނިން މިނިސްޓަރާ ވާހަކަ ދައްކާފައިވާނެ މަޝްރޫއު އަވަސްކުރަން،" ރައީސް ވިދާޅުވިއެވެ.
ރާއްޖޭގެ ސިއްހީ ނިޒާމު ލާމަރުކަޒުކޮށް، ރާއްޖޭގެ 60 ރަށެއްގެ ހޮސްޕިޓަލުތަކާއި ސިއްހީ މަރުކަޒުތައް ޒަމާނީ ފެންވަރަށް ތަރައްގީކުރަން މިއަހަރުގެ ބަޖެޓުގައި 448 މިލިއަން ރުފިޔާ ހިމަނާފައިވެއެވެ.
ސިއްހީ ދާއިރާއަށް ސަރުކާރުގެ އެންމެ ބޮޑު އަމާޒަކީ ރާއްޖޭގެ ފަސް ސަރަހައްދެއްގެ ހޮސްޕިޓަލް ޓާޝަރީ ފެންވަރަށް ތަރައްގީކުރުމުވެ.
ޚަބަރު
ޚަބަރު
ޚަބަރު