ރައީސުލްޖުމްހޫރިއްޔާ، އިބްރާހީމް މުހައްމަދު ސޯލިހު ޅ. ހިންނަވަރު ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއާ ބައްދަލުކުރައްވައިފިއެވެ.
ހިންނަވަރު ޒުވާނުންގެ މަރުކަޒުގައި ރޭ ބޭއްވި ބައްދަލުކުރެއްވުމުގައި ހިންނަވަރު ކައުންސިލަރުން ވަނީ ރަށުގައި ގިނަ މަޝްރޫއުތަކެއް ސަރުކާރުން ކުރިއަށްގެންދާ ފާހަގަކުރައްވައިފައެވެ.
ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި ކައުންސިލާއި ރައްޔިތުން ގެންނަން ބޭނުންވާ ބަދަލުތައް ރައީސްއާ ހިއްސާކުރެއްވުމާއި ސްކޫލުގެ އިމާރާތް ޒަމާނީ ފެންވަރަށް ތަރައްގީކުރުމަށް ބޭނުންވާކަމާއި ސްކޫލަށް ބޭނުންވާ އިންސާނީ ވަސީލަތްތައް ހަމަޖެއްސުމުގައި ހުރި ދަތިތަކާއި ރަށުގައި ބޭންކުގެ ބްރާންޗެއް ގާއިމުކުރުމާއި އަދި މަޝްރޫއުތައް ފެށުމަށްފަހު ހުއްޓުމެއް ނެތި ކުރިއަށް ގެންދިއުމަށް ރައީސަށް ދެންނެވުން ހިމެނެއެވެ.
މި ބައްދަލުކުރެއްވުމުގައި ހިންނަވަރު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީން ވަނީ އެ ކޮމިޓީން ކުރިއަށްގެންދަން ބޭނުންވާ ބައެއް މަސައްކަތްތައް ކުރިއަށްގެންދިއުމަށް އިމާރާތެއްގެ މުހިންމުކަމާއި މާބަނޑު މީހުން އަތޮޅު ހޮސްޕިޓަލަށް ފަސޭހައިން ދަތުރުކުރެވޭނެ ފެރީއެއްގެ މުހިންމުކަން ފާހަގަކުރައްވައިފައެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސް ވަނީ އެމަނިކުފާނު ހިންނަވަރަށް ވަޑައިގެންނެވުމުން ރަށުގެ ރައްޔިތުން ވިދާޅުވި ހޫނު މަރުހަބާއަށް ޝުކުރު އަދާކުރައްވައިފައެވެ.
ކައުންސިލު ބައްދަލުކުރެއްވުމަށްފަހު ހިންނަވަރު ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި ރައީސް ވަނީ ހިންނަވަރުގެ ތަރައްގީގެ މަޝްރޫއުތަކުގެ އިތުރު ތަފްސީލުތައް ރައްޔިތުންނާ ހިއްސާކުރައްވައިފައެވެ. އެގޮތުން ހިންނަވަރުގެ ހޮސްޕިޓަލުގެ މަސައްކަތް މިހާރު އޮތީ ޓެންޑަރިންގެ މަރުހަލާގައި ކަމަށާއި ބަނދަރު ބޮޑުކުރުމާއި އައު ބަނދަރެއް ހެދުމުގެ މަސައްކަތް ކުރިއަށްދާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން ކައުންސިލުގެ އިމާރާތް ހެދުމުގެ މަސައްކަތް ބަޖެޓުގައި ހިމެނޭ ކަމަށާއި މަގު ހެދުމާއި ޔުނިވާސިޓީގެ ކެމްޕަހެއް ގާއިމުކުރުމާއި ކަރަންޓުގެ ވިއުގަ ރަނގަޅުކުރުމާއި 100 ހައުސިން ޔުނިޓް ގާއިމުކުރުމުގެ މަސައްކަތް ވެސް ކުރިއަށްދާނެ ކަމުގައި ރައީސް ފާހަގަކުރެއްވިއެވެ. އަދި ކައުންސިލާއި ރައްޔިތުންގެ ބައްދަލުވުމުގައި ފާހަގަކުރެއްވި ބޭންކް ބްރާންޗެއް ހިންނަވަރުގައި ގާއިމުކުރުމަށް އެދިފައިވާތީ އެކަމާ ބެހޭގޮތުން ކަމާބެހޭ އިދާރާތަކާ މަޝްވަރާކުރައްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ޅ. އަތޮޅަށް ކުރައްވާ މި ދަތުރުފުޅުގައި މަޑިވަރާއި ހިންނަވަރުގެ އިތުރުން ފެލިވަރު، ނައިފަރު، އޮޅުވެލިފުށި، އަދި ކުރެންދުއަށް ވަޑައިގެންނެވުމަށް ވަނީ ހަމަޖައްސައިފައެވެ. މި ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި ވަޒީރުންނާއި ސަރުކާރުގެ ބައެއް އިސްވެރިން ބައިވެރިވެވަޑައިގަންނަވައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު