މި ސަރުކާރުގެ ދައުރު ނިންމާނީ ކޯލިޝަނާއެކު ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މިރޭ ވިދާޅުވެއްޖެއެވެ.
އުފަން ރަށް، ހިންނަވަރަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާ މިރޭ ބައްދަލުކުރައްވައި ރައީސް ވިދާޅުވީ ކޯލިޝަނަކީ 2018 ވަނަ އަހަރު އެމަނިކުފާނާ ހަވާލު ކޮށްފައިވާ މަސްއޫލިއްޔަތެއް ކަމަށެވެ.
"އަޅުގަނޑުގެ އަމާޒަކީ މި ދައުރު އަޅުގަނޑު ނިންމާނީ އަޅުގަނޑާ ހަވާލު ކުރި މަސްއޫލިއްތު، ކޯލިޝަނާއެކު،" ރައީސް ސޯލިހު ވިދާޅުވިއެވެ.
ސަރުކާރު ހިންގާ ކޯލިޝަންގައި އެމްޑީޕީ ފިޔަވައި ދެން ހިމެނެނީ ޖުމްހޫރީ ޕާޓީ އާއި އަދާލަތު ޕާޓީ އަދި މޯލްޑިވިއަން ރީފޯމް މޫމަންޓް (އެމްއާރްއެމް) އެވެ.
ކޯލިޝަންގެ ތެރޭގައި މައްސަލަތަކެއް އުޅޭ ކަމުގެ އަޑުތައް އަބަދުވެސް ފެތުރެއެވެ. އެންމެ ފަހުން ބޭއްވި ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީގެ ކެންޑިޑޭޓަށް ސަރުކާރު ކޯލިޝަންގެ އެމްއާރްއެމުން ތާއީދުކޮށްފައެއް ނުވެއެވެ.
މީގެ އިތުރުން އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވަނީ ކޯލިޝަނަކާ ނުލައި ވެރިކަމަށް އާދެވޭ ގޮތަށް ގާނޫނަށް އިސްލާހު ގެންނަން ހުށަހަޅުއްވަން ނިންމަވައިފައެވެ. އެއީ ރިޔާސީ އިންތިހާބުގައި 30 ޕަސަންޓަށް ވުރެ ގިނައިން ވޯޓު ލިބޭ ކެންޑިޑޭޓަށް ވެރިކަން ލިބޭ އިސްލާހެވެ. އަދި ރައީސް ނަޝީދު ވަނީ ބަރުލަމާނީ ނިޒާމެއް ރާއްޖެއަށް ގެންނަން ނިޒާމީ ވޯޓެއް ނަގާނެ ތާރީހެއް އެމްޑީޕީގެ ކޮންގްރެސްގައި ނިންމުމަށްވެސް ހުށަހަޅުއްވައިފައެވެ.
މި ދައުރު ނިންމަންވާނީ ކޯލިޝަނާއެކުގައި ކަމަށް ރައީސް ސޯލިހު ވިދާޅުވިއިރު، މީގެ ކުރިންވެސް އެކި ފަހަރު މަތިން ރައީސް ވަނީ ކޯލިޝަން ދަމަހައްޓާނެ ކަމުގެ ޔަގީންކަން ރައްޔިތުންނަށް ދެއްވައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު