އެމްޑީޕީ އަންހެނުންގެ ރޫހުގެ ރައީސް ކަމަށް ވާދަކުރެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް ފޯމު ހުށަހަޅުއްވައިފިއެވެ.
ރޮޒެއިނާ އަންހެނުންގެ ރޫހުގެ ރައީސްކަމަށް ވާދަކުރެއްވުމަށް ހުށަހަޅުއްވާފައިވަނީ މިއަދު ހަވީރެވެ. އެ މަގާމަށް ކުރިމަތިލެއްވުމަށް ރޮޒެއިނާގެ އިތުރުން ވުމެން އިން ޑިމޮކްރަސީ (ވީއައިއެމް)ގެ ޖަމިއްޔާގެ ފައުންޑާ ސަފާތު އަހުމަދު ޒާހިރު ވެސް ވަނީ ފޯމު ހުށަހަޅުއްވައިފައެވެ.
އެމްޑީޕީގެ އަންހެނުންގެ ރޫހުގެ ރައީސްކަމުގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލާފައިވަނީ މިމަހުގެ 13 ވަނަ ދުވަހުއެވެ. ހަމަ އެދުވަހު ރޮޒެއިނާ ވަނީ އަންހެނުންގެ ރޫހުގެ ރައީސްގެ މަގާމަށް ކުރިމަތިލެއްވުމަށް ނިންމަވައިފައެވެ. ރޮޒެއިނާއަކީ މިހާރު ވެސް އެމްޑީޕީގައި ވަރަށް ހަރަކާތްތެރިކޮށް އުޅުއްވާ ކަނބަލެކެވެ. އަދި ރާއްޖޭގެ ސިޔާސީ މައިދާނުގައި ވެސް ރޮޒެއިނާއަކީ ވަރުގަދަ ނަމެކެވެ.
މީގެ އިތުރުން ރޮޒެއިނާއަކީ ބައިނަލްއިގުވާމީ ވުމެން ޕޮލިޓިކަލް އޯގަނިޒޭޝަންގެ ރާއްޖޭގެ އެމްބެސަޑަރެވެ. އަދި ޕާލިމެންޓް ފޯ ގްލޯބަލް އެކްޝަން ޖަމިއްޔާގެ ބޯޑު މެމްބަރުގެ މަގާމުވެސް ރޮޒެއިނާ ވަނީ ފުރުއްވައިފައެވެ.
އަންހެނުން ރޫހުގެ ރައީސަކު ހޮވުމުގެ އިންތިހާބު ބާއްވާނީ އަންނަ އެޕްރީލް މަހުގެ 16 ވަނަ ދުވަހުއެވެ. އެ ދުވަހު އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް ބޭފުޅަކު އިންތިހާބު ކުރުމާއި ޒުވާނުގެ ހިތްވަރުގެ ރައީސް އާއި ނައިބު ރައީސް ހޮވުމުގެ އިންތިހާބު ވެސް އޮންނާނެއެވެ.
މިއަދު ވަނީ އެމްޑީޕީގެ ޕާލިއަމެންޓްރީ ގްރޫޕްގެ ލީޑާޝިޕް ހޮވުމަށް އިންތިހާބު ބާއްވައިފައެވެ. އެ އިންތިހާބުގެ ވަގުތީ ނަތީޖާ މިހާރު އާއްމުކޮށްފައިވާއިރު އެމްޑީޕީގެ ޕީޖީ ލީޑަރަކަށް އިންތިހާބުވެވަޑައިގަތީ ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމެވެ. ޑެޕިއުޓީ ޕީޖީ ލީޑަރުގެ މަގާމު ކާމިޔާބު ކުރައްވާފައިވަނީ އަލިފުށި ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު ހުސެއިން (ބިގޭ) އެވެ.
ޕީޖީ ޑެޕިއުޓީ ލީޑަރުގެ މަގާމަށް ދެ ބޭފުޅުން އައްޔަންކުރައްވަން ޖެހެއެވެ. ނަމަވެސް ދެން އެ މަގާމަށް ވާދަކުރެއްވި ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސެއިން ޝަހީމާއި ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބަށް ލިބިވަޑައިގެންނެވީ 34 ވޯޓެވެ. އެހެންކަމުން އެ މަގާމަށް ބޭފުޅަކު އައްޔަނުކުރަން ދެވަނަ ފަހަރަށް ވޯޓުލާނެއެވެ.
ޕާލިމެންޓްރީ ގްރޫޕުގެ އަމީންއާންމުގެ މަގާމަށް ފުވައްމުލަކު މެދު ދާއިރާގެ ހުސެއިން މުހައްމަދު ދީދީ ވަނީ އިންތިހާބުވެވަޑައިގެންފައެވެ. އަދި ޑެޕިއުޓީ އަމީންއާންމުގެ މަގާމަށް އިންތިހާބުވެވަޑައިގަތީ ފޭދޫ ދާއިރާގެ މެމްބަރު މުހައްމަދު ނިހާދެވެ.
މީގެ އިތުރުން އެމްޑީޕީގެ ޗީފް ވިޕްގެ މަގާމަށް ތިނަދޫ އުތުރު ދާއިރާގެ މެމްބަރު އަބްދުލް މުޣުނީ އިންތިހާބު ވެޑައިގެންނެވިއިރު އެމްޑީޕީ ވިޕުގެ މަގާމަށް އިންތިހާބު ވެވަޑައިގަތީ ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު