އެމްޑީޕީ ޕާލިމަންޓަރީ ގުރޫޕްގެ ލީޑަރަކަށް ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް އިންތިހާބުކޮށްފިއެވެ.

އެމްޑީޕީގެ ޕީޖީގެ ލީޑަރުކަމަށް ދެ މެމްބަރަކު ވަނީ ވާދަކުރައްވައިފައެވެ. އެއީ އަސްލަމް އާއި މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމެވެ. އެމްޑީޕީގެ ޕީޖީ ލީޑަރުކަމުގައި ކުރިން ހުންނެވީ އަލީ އާޒިމެވެ.

އަސްލަމް ޕީޖީގެ ލީޑަރުގެ މަގާމަށް އިންތިހާބުވެޑައިގަތީ 40 މެމްބަރުންގެ ވޯޓުންނެވެ. އާޒިމަށް ލިބިވަޑައިގެންނެވީ 25 ވޯޓެވެ. އެމްޑީޕީގެ ޕީޖީ ގްރޫޕުގައި ޖުމްލަ ތިއްބަވަނީ 65 މެމްބަރުންނެވެ.

އެމްޑީޕީގެ ޑެޕިއުޓާ ޕީޖީ ލީޑަރުގެ މަގާމު ކާމިޔާބު ކުރައްވާފައިވަނީ އަލިފުށި ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު ހުސެއިން (ބިގޭ)އެވެ. ބިގޭ އެ މަގާމަށް އިންތިހާބުވެޑައިގަތީ 49 މެމްބަރުންގެ ވޯޓުންނެވެ. އެ މަގާމަށް ދެން ވާދަކުރެއްވި ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސެއިން ޝަހީމާއި ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބަށް ވެސް ލިބިވަޑައިގެންނެވީ 34 ވޯޓެވެ.

ޕީޖީ ޑެޕިއުޓީ ލީޑަރުގެ މަގާމަށް ދެ ބޭފުޅުން އައްޔަންކުރައްވަން ޖެހެއެވެ. އެހެންކަމުން އެ މަގާމަށް ބޭފުޅަކު އައްޔަނުކުރަން ދެވަނަ ފަހަރަށް ވޯޓުލާނެއެވެ.

ޕާލިމެންޓްރީ ގްރޫޕުގެ އަމީންއާންމުގެ މަގާމަށް ފުވައްމުލަކު މެދު ދާއިރާގެ ހުސެއިން މުހައްމަދު ދީދީ އިންތިހާބުވެވަޑައިގެންފައިވަނީ 63 މެމްބަރުންގެ ވޯޓުންނެވެ. އަދި ޑެޕިޔުޓީ އަމީންއާންމުގެ މަގާމަށް ފޭދޫ ދާއިރާގެ މެމްބަރު މުހައްމަދު ނިހާދު އިންތިހާބުވެޑައިގަތީ 35 ވޯޓުންނެވެ. ނިހާދުއާ ވާދަކުރެއްވި ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އިބްރާހީމު މުއިއްޒުއަށް ލިބިވަޑައިގަތީ 29 ވޯޓެވެ.

މީގެ އިތުރުން 34 މެމްބަރުންގެ ވޯޓާއެކު އެމްޑީޕީގެ ޗީފް ވިޕްގެ މަގާމަށް ތިނަދޫ އުތުރު ދާއިރާގެ މެމްބަރު އަބްދުލް މުއުނީ ވަނީ އިންތިހާބުވެޑައިގެންފައެވެ. ޗީޕް ވިޕްގެ މަގާމަށް ދެން ވާދަކުރެއްވި މަކުނުދޫ ދާއިރާގެ މެމްބަރު މުހައްމަދު ރާއީއަށް ލިބިވަޑައިގެންނެވީ 31 ވޯޓެވެ.

އެމްޑީޕީ ވިޕުންނަށް އިންހާބުވެވަޑައިގެންނެވީ ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖާއި ވައިކަރަދޫ ދާއިރާގެ މެމްބަރު ހުސެއިން ޒިޔާދާއި ކޮމަންޑޫ ދާއިރާގެ މެމްބަރު މުހައްމަދު ރާޝީދު (ރާޑޯ) އާއި އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝިފާއު އަދި މައްޗަންގޮޅި ދެކުނު ދާއިރާގެ މެމްބަރު އަހުމަދު ހައިތަމެވެ. އެމްޑީޕީގެ ޕީޖީގައި ހަ ވިޕުން ތިއްބަވާއިރު، އެމަގާމަށް ކުރިމަތިލެއްވީ ފަސް ބޭފުޅުންނެވެ. އެހެންވެ އަދި އިތުރު ބޭފުޅަކު އިންތިހާބު ކުރަންޖެހެއެވެ.