އިންޑިޔާގެ ދެކުނުބިތުގެ ސްޓޭޓެެއް ކަމަށްވާ ކަރުނާޓަކާގެ ކޮލެޖުތަކާއި ޔުނިވަރސިޓީތަކުގައި ބުރުގާ މަނާކުރި މައްސަލަ މިހާރުވަނީ އިންޑިޔާގެ އެންމެ މަތީ ދަރަޖައިގެ ގައުމީ މައްސަލައަކަށްވެފައެވެ. މިއީ މުސްލިމުން އަޅުކަންކުރާ ތަންތަނާއި އިސްލާމްދީން ރަމްޒުކޮށްދޭ ހަމަ ކޮންމެ އެއްޗަކާ ދެކޮޅުވެ އިސްލާމީ އަސަރުތައް ފަނޑުކޮށް ހިންދޫވަންތަކަން އިތުރުކުރުމަށްޓަކައި ހަރުކަށި ހިންދޫން ރާވާފައިވާ ރޭވުމެއް ތަންފީޒުކުރުމެއް ކަމަށް ވަނީ ތުހުމަތު ކުރެވިފައެވެ. އިންޑިޔާގެ 200 މިލިޔަން މުސްލިމުން ގަބޫލުކުރާ ގޮތުގައި މިއީ ގާނޫނުއަސާސީން ކަށަވަރުކޮށްދޭ ފަރުދީ ހައްގުތަކާއި ދީނީ މިނިވަންކަމުގެ ހައްގުތަކަށް ހުރަސްއެޅުމެކެވެ. މިހެން ބުނަނީ މުސްލިމުން އެކަންޏެއް ނޫނެވެ.

ބައިނަލްއަގުވާމީ މުޖުތަމައުންވެސް ދައްކަމުންދަނީ މިވާހަކައެވެ. ބުނަމުންދަނީ ހަމަ މިހެންނެވެ. އިންސާނީ ހައްގުތަކަށް ވަކާލާތުކުރާ މީހުންނާއި ޖަމިއްޔާ ޖަމާއަތްތަކުންވެސް ބުނަމުންދަނީ މިހެންނެވެ. އެކަމަކު އިންޑިޔާގެ ބަހާރަތިޔާ ޖަނަތާ ޕާޓީ ނުވަތަ ބީޖޭޕީން ވަނީ ބުރުގާ މަނާކުރި ކުރުމަށް ތާއީދުކޮށްފައެވެ. އެކަން ތަންފީޒުކުރުމަށް ބާރުއަޅައި ހިތްވަރުވެސް ވަނީ ދީފައެވެ. ބީޖޭޕީއަކީ ކަރުނާޓަކާ ސްޓޭޓުގެ ވެރިކަން ކުރާ ޕާޓީއެވެ. އިންޑިޔާގެ މަރުކަޒީ ވެރިކަންވެސް މިވަގުތު އޮތީ އެ ޕާޓީއަށެވެ. އެއީ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ޕާޓީއެވެ. ބުރުގާ މަނާކުރުމާއި ބުރުގާޔާއި ދެކޮޅު ހެދުމަކީ ބީޖޭޕީގެ ފަރާތުން ފެނުނު އައު ކަމެއް ނޫނެވެ. އެއީ ބީޖޭޕީގެ ޒަމާންވީ ވިސްނުމެކެވެ.

އިންޑިޔާގައި އިންޑިޔާވަންތަ ޔުނިފޯމް ސިވިލް ކޯޑެއް ގާއިމު ކުރުމުގެ ނަމުގައި ބީޖޭޕީން ބުރުގާޔާއި ދެކޮޅު ކެމްޕޭނެއް ހިންގާތާ ލައްކަ ގިނަ ޒަމާންތަކެއް ވަނީ ވެފައެވެ. ބީޖޭޕީގެ އަމާޒަކީ ހިންދޫންގެ އުސޫލުތަކާއި ހިންދޫންގެ އަމިއްލަ ގާނޫނުތައް އެހެން ދީންތަކަށް ތަބާވާ މީހުންގެ މައްޗަށްވެސް ހިންގުމެވެ. މިއީ ސިއްރިޔާތުގައި ކުރާ ކަމެއް ނޫނެވެ. ހަމަފާޅުގައި އެންމެނަށްވެސް މޭރުންވާނެ ބީދަޔަކުން ކުރާ ކަމެކެވެ. އެހެންވީމާ ކަރުނާޓަކާ ސްޓޭޓްގެ ކޮލެޖުތަކާއި ޔުނިވަރސިޓީތަކާއި ސްކޫލްތަކުގައި އުޅޭ މުސްލިމް އަންހެން ކުދީންނަށް ބުރުގާ އަޅައިގެން މިހާރު އެއިން ތަނަކަށް ނުވަދެވެއެވެ. ބުރުގާ ނަގަން ދެކޮޅު ހަދައިފިއްޔާ ނުވައްދައި ގެޔަށް ފޮނުވައިލަނީއެވެ.

ބައެއް ފަހަރަށް ހިންދޫ ޒުވާނުންގެ ތެރޭގައި ހަރަކާތްތެރިވާ ވިޔާނުދާ ގޭންގުތައް ބޭނުންކޮށްގެން ގަދަކަމުން ވެސް ބުރުގާ ބާލުވައެވެ. ބުރުގާ ބާލުވަނީ ސްކޫލުތަކުން ބޭރުގައި މަގުމަތީގައެވެ. މިކަމަކީ މުސްލިމް އަންހެން ކުދީންގެ ކަރާމާތާއި އިއްޒަތާއި އަބުރު ވެއްޔާއި މޮޑެލުމެކެވެ. މިކަންކަމުން ހަނދާން އައުވެގެންދަނީ މީގެ އަހަރުތަކެއް ކުރިން ފަރަންސޭސިވިލާތުގެ އަތިރިމަތީގެ ސަރަހައްދުތަކުގައި ހަށިގަނޑު ނިވާކޮށްގެން ތިބޭ މުސްލިމް އަންހެނުންގެ ފޭރާން ކަޝްފު ކުރުމަށް އެތާގެ ފުލުހުން ގަދަކަމުން ހިންގާފައިވާ އަމަލުތަކެވެ. މާކަބޮޑު ފަރަގެއް ނެތެވެ. މުސްލިމް އަންހެންކުދިން ނިކަމަތިކޮށް ފުރައްސާރަކުރުން މިބީދައިން ވަނީ އާއްމުވެފައެވެ.

މަގުމަތީގައި ބުރުގާ ބާލުވާ މަންޒަރާއި މުސްލިމް އަންހެނުންގެ ކަރާމާތް ނަގައިލެވޭ މަންޒަރު ފެންނަ އެތައް ވީޑިއޯއެއް ކޮންމެ ދުވަހަކު މީސްމީޑިޔާއަށް އިތުރުވަމުން ދައުރުވަމުންދެއެވެ. ސްކޫލްތަކުގެ މެނޭޖްމަންޓުން އިސްނަގައިގެން މިކަހަލަ ވިޔާނުދާ އައިރުގާނޫނީ ކަންކަން ކުރާތީ ދުނިޔޭގެ އެކި ކަންކޮޅުތަކުން އެފަދަ ޕްރިންސިޕަލުންނަށް ފާޑުކިޔުމާއި ބުރުގާއަށް ތާއީދުކުރުމުގެ ޝުއޫރުތައް ދަނީ ބަންޑުންވަމުންނެވެ. އައިރު މުސްލިމުންގެ ތެރޭގައިވެސް ގިނައީ މިކަމާ ދެކޮޅު ހަދާ މީހުންނެވެ. މިކަހަލަ ފާޑުކިޔުންތަކުގެ ރައްދުގައި ހުރިހާ ޕްރިންސިޕަލުންވެސް ބުނަނީ އެއްވާހަކައެކެވެ. ސަރުކާރުން އަމުރެއް ނެރެ ތަންފީޒުކުރާށޭ ބުނީމާ ތަންފީޒު ކުރަނީއެވެ. ސްކޫލްތަކަށް މިކަމުގައި އިޚުތިޔާރެއް ނެތެވެ.

މިހާރު ހައިކޯޓަށް ހުށައެޅިފައިވާ މައްސަލައިގައި ވަކިގޮތެއް ނިންމީމާ އެ ނިންމުމަކަށް އިހުތިރާމް ކުރާނެކަމަށް ވެސް ސްކޫލްތަކުން ބުނެއެވެ. ބުރުގާ މަނާކުރި މައްސަލަ މުސްލިމް ދަރިވަރުންގެ ފަރާތުން ވަނީ ކަރުނާޓަކާ ސްޓޭޓްގެ ހައިކޯޓަށް ހުށަހަޅައިފައެވެ. މީގެ ދެ މައްސަލައެއް އެކޯޓުގައި ވަނީ ތާވަލްކޮށްފައެވެ. އެހެންނަމަވެސް އަދި ހުކުމަކާ ހަމަޔަށް ނުދެއެވެ. ދާނެ އިރެއްވެސް ނޭނގެއެވެ. ހުކުމަކާ ހަމަޔަށް ނުގޮސް މިމައްސަލާގައި ހައިކޯޓުން ނެރެފައިވާ ވަގުތީ އަމުރެއްގެ މައްސަލަވެސް ވަނީ ބޮޑުވެފައެވެ. ވަގުތީ އަމުރުގައި ބުނަނީ ކޯޓުން ވަކި ނިންމުމެއް ނިންމަންދެން ސްކޫލްތަކުގައި އެއްވެސް ބަޔަކު ދީނީ ރަމްޒެއް ފާޅުވާ އެއްވެސް އެއްޗެއް ބޭނުންކޮށްގެން ނުވާނެ ކަމަށެވެ.

މި އަމުރުގެ ދަށުން ބުރުގާވެސް މަނަލެވެ. އެއީ ދީން ރަމްޒުކުރާ އެއްޗަކަށް ވެގެންނެވެ. އެހެންވީމާ ހައިކޯޓުގެ ވަގުތީ އަމުރުންވެސް އެއޮތީ މުސްލިމް އަންހެންކުދިންގެ އަސާސީ ހައްގެއް ހިފަހައްޓައިފައެވެ. މިއީ ގާނޫނީ ދާއިރާގެ މާހިރުން ކަންބޮޑުވުން ފާޅުކުރަމުންދާ މައްސަލައެކެވެ. ގިނަބައެެއްގެ ނަޒަރުގައި ވަގުތީ އަމުރަކީވެސް ބީޖޭޕީ ރުއްސުމަށްޓަކައި ސިޔާސީ ކުލަ ޖައްސާފައިވާ އަމުރެކެވެ. އިންޑިޔާގެ ފެޑެރަލް ގާނޫނުއަސާސީ އާއި އޭގެ ރޫހަށް ރިއާޔަތްކުރުމެއް ނެތިއެވެ. އެހެންވީމާ ދެން ވާންހުރި ކަންކަން އެހެރަދަނީ ވަމުންނެވެ. ދީނީ ތަޅާފޮޅުންތަކާއި ލޭއޮހޮރުވުންތަކަށް މަގުފަހިވެ އެބާވަތުގެ އަމަލުތައް އެދަނީ އިންޑިޔާގެ ހުރިހާ ކަންކޮޅުތަކަށް ފެތުރެމުންނެވެ.