އިސްލާމީ އުންމަތުގެ އެއްބައިވަންތަކަން ކީރިތި ޤުރްއާނުގައިވަނީ ވަރަށް ފުރިހަމަ ސިފަކުރުމަކުން ސިފަ ކުރައްވާފައެވެ. އެ މަފުހޫމް ވަރަށް ފައުޅުކަން ބޮޑު ގޮތެއްގައި އަންނަނިވި އާޔަތުން ހާމަކޮށް ދެއްވާފައިވެއެވެ. ﴿إِنَّ هَٰذِهِ أُمَّتُكُمْ أُمَّةً وَاحِدَةً وَأَنَا رَبُّكُمْ فَاعْبُدُونِ ﴾ މާނައީ:"ހަމަކަށަވަރުން، މިއީ، އެއް أمّة އެއް ކަމުގައިވާ ތިޔަބައިމީހުންގެ أمّة އެވެ. އަދި ތިމަންރަސްކަލާނގެއީ، ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ އެވެ. ފަހެ، ތިޔަބައިމީހުން ތިމަންރަސްކަލާނގެއަށް އަޅުކަންކުރާށެވެ!
ކީރިތި ޤުރްއާން ޔަޤީންކޮށްދޭ ގޮތުގައި އުންމަތުގެ އެއްބައިވަންތަކަމުގެ މާނައަކީ އެންމެން ގުޅިލާމެހިގެން އެއްހިތްވެގެން އުޅުމެވެ. މިއަދު އިސްލާމީ އުންމަތަށް މިވަނީ މި މަފުހޫމު އިތުރަށް ޙަރަކާތް ކުރުވުމަށް ޖެހިފައެވެ. އެންމެ މަތިވެރި ލަނޑުދަނޑި އާއި ހަމައަށް ވާޞިލުވުމައި އަޅުގަނޑުމެންގެ މެދުގައި ތަފާތު ތަކެއް ހުރި ކަމުގައި ވިޔަސް މުސްލިމުން އެއްވަލަކަށް މަހާލަދިނީ ތައުޙީދުގެ ކަލިމައެވެ.
އިސްލާމީ އެއްބައިވަންތަކަން މިހެން ބުނުމުން އެއިން ދަލާލަތު ކޮށްދޭ ޢިލްމީ އެތައް ދަރަޖަތަކެއް ވެއެވެ. އެއީ އެއްވެސް ޙާލެއްގައި ބޭނުމެއް ނުވަތަ ޣާޔަތެއް ނޫނެވެ. އެއާއި ޚިލާފަށް އެއީ އިސްލާމްދީނުގެ ސަފުތައް އެއްބައިވަންތަ ކޮށްދޭ ޖައުހަރެވެ. އިސްލާމްދީނަށް ވަންނަ ކޮންމެ މީހަކަށް އެކަލިމަ ދަސްކޮށްދެނީ އަހަރެންގެ ބަދަލުގައި އަހަރެމެންގެ މޮޓޯއެވެ.
އިސްލާމީ އެއްބައިވަންތަކަމޭ ބުނުން މިހާރު ބައެއް މީހުންނަށް ވިސްނިފައި އޮންނަނީ އެއީ އަވާ މެންދުރެއް ކަމުގެ ޚިޔާލެވެ. އެއީ މުސްލިމުންގެ ތެރޭގައި މިހާރު އޮތް ބައިބައިވުމާއި ޚިޔާލު ތަފާތުވުންތަކުގެ ސަބަބުން މުސްލިމުން އެއްގަލަކަށް އެރުވުމަކީ ވަރަށް އުނދަގޫ ކަމެއް ކަމުގައި ވާތީއެވެ.
އިސްލާމީ ވަޙްދަތު ގެ ބަހަވީ މާނައަކީ އެކަތި އަނެކައްޗާ ވަކިނުވުމެވެ. ނުވަތަ ބައިބައިވެގެން ނުދިއުމެވެ. މިސާލަކަށް ދައުލަތެއްގެ އެއްބައިވަންތަކަން، ޖަމާޢަތެއްގެ އެއްބައިވަންތަކަމެވެ. ނުވަތަ ޖަޢާއަތެއް ނުވަތަ އަފުރާދުންތަކެއް ދިރިއުޅުމުގެ ހުރިހާމެއް އެކުގައި ކުރުމެވެ."
މީގެ އިތުރުން ޖަމާޢަތް ނުވަތަ ދީނެވެ. ކީރިތި ޤުރްއާނުގައި މިކަމަށް އިޝާރަތް ކުރައްވައި ވަޙީ ކުރައްވާފައިވަނީ މިފަދައިންނެވެ. ﴿بَلْ قَالُوا إِنَّا وَجَدْنَا آبَاءَنَا عَلَىٰ أُمَّةٍ وَإِنَّا عَلَىٰ آثَارِهِم مُّهْتَدُونَ﴾ މާނައީ:"އަދި ކިއެއްތަ! އެއުރެން ބުނޫއެވެ. ތިމަންމެންގެ ކާބަފައިން دين އެއްގެ މަތީގައި ވަނިކޮށް ތިމަންމެން ހަމަކަށަވަރުން، ދުށީމުއެވެ. އަދި ހަމަކަށަވަރުން، އެއުރެންގެ أثر ތަކުގެ މަތީގައި ތިމަންމެން ހިނގަނީއެވެ."
އެހެން ހުރިހާ ދީން ތަކާއި ޚިލާފަށް ޙައްޤު ދީންމަތީގައި ތިބޭ މީހުންނަކީ ވެސް އުންމަތުގެ މީހުންނެވެ. މިގޮތުން ޤައުމަކަށް ނިސްބަތްވާ އަދި އެ ނިސްބަތް ވުމުގެ ތެރޭގައި ހިމެނޭ މީހުންނަކީ އުންމަތެކެވެ. އަދި ހަމައެފަދައިން ޖީލެއްގެ ކޮންމެ މީހަކީ ވެސް އުންމަތެކެވެ. މިކަމަށް އިޝާރަތް ކުރައްވައި ވަޙީ ކުރައްވާފައިވެއެވެ. ﴿كَانَ النَّاسُ أُمَّةً وَاحِدَةً فَبَعَثَ اللَّهُ النَّبِيِّينَ مُبَشِّرِينَ وَمُنذِرِينَ وَأَنزَلَ مَعَهُمُ الْكِتَابَ بِالْحَقِّ لِيَحْكُمَ بَيْنَ النَّاسِ فِيمَا اخْتَلَفُوا فِيهِ وَمَا اخْتَلَفَ فِيهِ إِلَّا الَّذِينَ أُوتُوهُ مِن بَعْدِ مَا جَاءَتْهُمُ الْبَيِّنَاتُ بَغْيًا بَيْنَهُمْ فَهَدَى اللَّهُ الَّذِينَ آمَنُوا لِمَا اخْتَلَفُوا فِيهِ مِنَ الْحَقِّ بِإِذْنِهِ وَاللَّهُ يَهْدِي مَن يَشَاءُ إِلَىٰ صِرَاطٍ مُّسْتَقِيمٍ ﴾ މާނައީ:"މީސްތަކުން އެއް أمّة އެއްގެ ބަޔަކު ކަމުގައިވިއެވެ. ދެންފަހެ، اللَّه، އުފާވެރިކަމުގެ خبر ދޭ ބަޔެއްގެ ގޮތުގައްޔާއި އަދި إنذار ކުރަނިވި ބަޔެއްގެ ގޮތުގައި ނަބީބޭކަލުން ފޮނުއްވިއެވެ. އަދި މީސްތަކުން އެއުރެންގެ މެދުގައި خلاف ވި ކަންތައްތަކުގައި حكم ކުޅައުމަށް، އެބޭކަލުންނާ އެކުގައި حق ގޮތުގައި ފޮތް ބާވައިލެއްވިއެވެ. އެފޮތް ލިބިގެންވާ މީހުން މެނުވީ، އެ ފޮތާ މެދުގައި خلاف އެއް ނުވިއެވެ. (އެއީ) އެއުރެންގެ ގާތަށް بيان ވެގެންވާ ހެކިތައް އައުމަށްފަހުގައެވެ. އެއުރެންގެ މެދުގައިވާ عداوة ތެރި ކަމާއި حسد ވެރި ކަމުގެ ގޮތުންނެވެ. ދެން އެއުރެން خلاف ވެފައިވާ ކަންތަކާމެދުގައި إيمان ވި މީސްތަކުންނަށް، اللَّه، އެކަލާނގެ إذن ފުޅުން حق ތެދުމަގު ދެއްކެވިއެވެ. އަދި اللَّه، އެކަލާނގެ އިރާދަކުރައްވާ ބަޔަކަށް ސީދާވެގެންވާ ތެދުމަގަށް މަގު ދައްކަވަތެވެ."
އަދިވެސް ވަޙީ ކުރައްވާފައިވެއެވެ. ﴿إِنَّ إِبْرَاهِيمَ كَانَ أُمَّةً قَانِتًا لِّلَّهِ حَنِيفًا وَلَمْ يَكُ مِنَ الْمُشْرِكِينَ ﴾ މާނައީ:"ހަމަކަށަވަރުން، إبراهيم ގެފާނީ، اللَّه އަށް ކިޔަމަންތެރިވެވަޑައިގެން، باطل މަގުން އެއްކިބާވެ، ސީދާމަގުގައި ހުންނެވި، ހެޔޮކަމުގެ ހުރިހާކަމެއް އެކުލެވިގެންވާ أمّة އެއް ކަމުގައިވިއެވެ. އަދި شريك ކުރާމީހުންގެ ތެރެއިން، އެކަލޭގެފާނު ނުވެތެވެ."
މާނައަކީ ތެދުމަގު ދައްކާ އިމާމެއްގެ ގޮތުގައެވެ. އެއީ އިޖުތިމާޢީ ސަބަބެކެވެ. އަދި ފަހަރެއްގައި އެއީ ޢިލްމުވެރިންގެ ޖަމާޢަތަކަށް ވެސް ވެދާނެއެވެ." މާތް الله ވަޙީ ކުރައްވާފައިވަނީ މިފަދައިންނެވެ. ﴿وَلْتَكُن مِّنكُمْ أُمَّةٌ يَدْعُونَ إِلَى الْخَيْرِ وَيَأْمُرُونَ بِالْمَعْرُوفِ وَيَنْهَوْنَ عَنِ الْمُنكَرِ وَأُولَٰئِكَ هُمُ الْمُفْلِحُونَ﴾ މާނައީ:" ހެޔޮކަމުގެ މަގަށް ގޮވާ، އަދި ހެޔޮކަންތަކަށް أمر ކުރާ، އަދި ނުބައިކަންތައް ނަހީކުރާ ބަޔަކު ތިޔަބައިމީހުންގެ ތެރެއިން ވާހުށިކަމެވެ! އެއުރެންނަކީ ހަމަ، ދިންނަވާނޭ މީހުންނެވެ."
އުންމަތުގެ އަޞްލަކީ އެއް މަޤްޞަދެއް އޮންނަ ޖަމާޢަތެކެވެ. ހަމައެފަދައިން އިސްލާމީޝަރިޢަތް އެ އުންމަތަށް ނިސްބަތްވާ އެންމެންނަކީ އެއްއުންމަތެއް ކަމުގައި ކަނޑައެޅިއެވެ. އެއީ އެމީހުން އެ އެއް ބޭނުމެއްގައި އެއްތަން ވާތީއެވެ." ހުރިހާ ޒަމާނެއްގައި ވެސް އެއްއުންމަތެއްގެ މީސްތަކުންނަކީ އެއް ދީނެއްގެ މީހުންނެވެ. ނުވަތަ އެއް ދުވަސްވަރެއްގައި ދިރިއުޅެމުންދާ މީހުންނެވެ."
އުންމަތުގެ އެއްބައިވަންތަކަން މިބަހުގެ މާނައަކީ ގުޅިލާމެހުމާއި ޢަޤީދާއެވެ. އިންސާނުންގެ ތެރެއިން މުއުމިނުން ޢަޤީދާގެ ގޮތުން ގުޅުވާލަ ދިނީ އިސްލާމީ ރިސާލަތެވެ. އެ ރިސާލަތުގެ ސަބަބުން އެހެން ހުރިހާ ވައްތަރެއްގެ ގުޅުންތައް ނެތިކޮށްލިއެވެ. އެއީ ބަހުގެ ގޮތުންނާއި ނަސްލުގެ ގޮތުންނާއި، މިނޫނަސް މިފަދަ ގުޅުންތަކެވެ. މި އިންސާނީ ޖަމާޢަތުގެ ދެމެދުގައިވާ ގުޅުމަކީ ޢަޤީދާ އާއި ދިރިއުޅުމުގެ ޙަޔާތުގެ ނިޒާމެވެ."
މިގޮތުން ޔޫރަޕުގެ މީހުން ގެ މަފުހޫމާއި އިސްލާމީ މަފުހޫމު ތަފާތުވެގެންދަނީ އެމީހުން ގުޅުވާލަދެނީ ނަސްލުގެ އެއްބައިވަންތަކަން ކަމުގައިވާތީއެވެ.
އިސްލާމީ އުންމަތް އެއްބައިވަންތަކަން ޙަޤީޤަތަކަށް ހެދީ، ތިންކަމެއް އެކުވެގެންނެވެ. ޝުޢޫރުތަކާއި އިޙްސާސްތައް ބަޔާން ކޮށްދެނީ އިސްލާމްދީނުގެ ގޮތުން އަހަރެމެންނަކީ އަޚުންތަކެއް ކަމުގައެވެ. ދެވަނަ ކަމަކީ ޘަޤާފީ ގޮތުންނާއި ބަހަވީ ގޮތުންނާއި އިޙްސާސްތަކުގެ ގޮތުން އިސްލާމްދީނުގައި މަތިވެރިކަމާއި، ޢިޒަތްތެރިކަން ޝާމިލުވެއެވެ. އިސްލާމީ ޤައުމުތަކުގައި، އެއްޤައުމު އަނެއް ޤައުމާއި ދެމެދުގައި ހަނގުރާމައެއް އޮވެގެން ނުވާނެއެވެ. އެއީ އިޤްތިޞާދީ ގޮތުން ވިޔަސް އަދި ކަނޑި ބަޑި ހިފައިގެން ވިޔަސް މެއެވެ. އެކަމުގެ ސަބަބުން އިސްލާމްދީނުގެ ހައިބަތާއި ބާރުވެރިކަން ބަލިކަށިވެގެން ދެއެވެ."
ނަބަވީ ސުންނަތުގެ މަފުހޫމުގައި އިސްލަމީ އެއްބައިވަންތަކަމަށް ބަލާއިރު، ކީރިތި ރަސޫލާ صلى الله عليه وسلم ގެ ބަސްފުޅު ތަކުގައި އެއްބައިވަންތަކަމުގެ މުހިންމުކަމާއި، އިސްލާމީ އުންމަތުގެ އަފުރާދުންނަކީ އެއްހަށިގަނޑެއް ފަދަ ބައެއްކަމާއި ބައިބައިވުމާއި ދެކޮޅުވެރިން އޮވެގެން ނުވާނެކަން އަންގަވާފައިވެއެވެ. ކީރިތި ނަބިއްޔާ صلى الله عليه وسلم ޙަދީޘް ކުރައްވާފައިވެއެވެ. (مثلُ المؤمنين في تَوادِّهم، وتَرَاحُمِهِم، وتعاطُفِهِمْ مثلُ الجسَدِ إذا اشتكَى منْهُ عضوٌ تدَاعَى لَهُ سائِرُ الجسَدِ بالسَّهَرِ والْحُمَّى) މާނައީ:"އޯގާތެރިކަމާއި ރަޙުމްކުރުމާއި އެކަކު އަނެއްކަކަށް އަޅާލުމުގައި މުއުމިނުންގެ މިސާލަކީ އެއް ހަށިގަނޑެއްގެ މިސާލެވެ. އެ ހަށިގަނޑުގެ އެންމެ ގުނަވަނެއްގައި ވޭނެއް އެޅިކަމުގައި ވިޔަސް، ހުންއައުމުންނާއި ހޭލާހުރުމުން މުޅި ހަށިގަނޑު އެވޭނުގައި ބައިވެރިވެއެވެ."
މި ޙަދީޘް ގައި ކީރިތި މާތް ނަބިއްޔާ صلى الله عليه وسلم އީމާންކަން ސިފަކުރައްވާފައިވަނީ ހަށިގަނޑާއި އެ ހަށިގަނޑުގެ ގުނަވަންތަކުގެ މިސާލުގައެވެ. އެއީ އީމާންކަމަކީ އަޞްލެވެ. ފަރުޢަކީ ތަކްލީފުތަކެވެ. މީހާގެ ކިބައިން ތަކުލީފުތަކުގެ ބައެއް އުނިކުރެވިއްޖެނަމަ، އަޞްލުން ވަކިވެގެން ދާނެއެވެ. އެހެން ކަމުން ގަހުގެ އަޞްލަކީ ގަސްގަނޑެވެ. އެގަހުގެ އެންމެ ގޮތްޕެއް ޝަކުވާއެއް ކުރާ ކަމުގައިވާނަމަ، އެކަމުގައި މުޅިގަސް ބައިވެރިއެވެ. ގަހެއްގެ ގޮތްޕެއް ޙަރަކާތް ކޮށްފިނަމަ އެ ޙަރަކާތުގެ އަސަރު ގަހުގެ އެހެން ގޮފިތަކަށް ކުރާނެއެވެ. އެހެންކަމުން ކީރިތި މާތް ނަބިއްޔާ صلى الله عليه وسلم މުސްލިމުންނަށް ބާރު އަޅުއްވާފައިވަނީ އެއްބަޔަކު އަނެއް ބަޔަކަށް އޯގަތެރިވުމަށެވެ."
د.محمد أبو زهرة ބަޔާން ކުރައްވާފައިވާ ގޮތުގައި އިސްލާމީ އެއްބައިވަންތަ ކަމަކީ، ބަލިކަށިކަމާއި ނިކަމެތިކަމުގެ މައްޗައް އަރައިގެން ދިޔަ އިރެކެވެ. އެހެން ކަމުން އަހަރެމެން އެއްވެސް ބަޔަކު ކުށްވެރި ކުރުމެއް ނެތެވެ. އެއްބައިވަންތަކަމަށް ބަޔަކު ކަރު ހިއްކައިގަތަސް އެކަން މެދުވެރިވެގެން ދިޔައީ ޖާހިލުކަމާއި، ފަހަތުކޮޅަށް ބުރަބޮޑުވުމުގެ ސަބަބުންނެވެ. މުސްލިމުންގެ ތެރޭގައި އޮތް ބައިބައިވުމުގެ ސަބަބުން، ބަލިކަށި ކަމަކީ، އިސްލާމީ މަބާދިގެ މައްޗަށް އޮތް ޙުއްޖަތެއްކަމުގައި ބައެއް މީހުން ދެކެއެވެ. އެހެންކަމުން އިސްލާމްދީނުގެ ޢަދުއްވުން ބުނަމުން ދަނީ އިސްލާމް ކަމުގައި ހެޔޮކަމެއް އެކުލެވިގެންވާނަ، މުސްލިމުންގެ ތެރޭގައި ބައިބައިވުމާއި ހަމަނުޖެހުން ނުއޮތީހެވެ."
د. محمد الدسوقي ބަޔާން ކުރައްވާފައިވާ ގޮތުގައި އިސްލާމީ އެއްބައިވަންތަ ކަމުގެ މަންޠިޤަކީ ތައުޙީދުގެ ޢަޤީދާއެވެ. އެ ޢަޤިދާ ވަރުގަދަ ވާގަނޑަކުން މުއުމިނުންގެ ހިތްތައް ބަނދެލިއެވެ. އެއްބައިވަންތަކަމުގެ މަގުތައް ތަނަވަސްކޮށް ދިނެވެ. އިންސާނާ ބިންމުގައި ލައްވާފައިވާ މުހިންމަތުގެ ބޭނުމާއި މަޤްޞަދު ބަޔާންކޮށް ދިނެވެ. ޢަޤީދާގެ ސަބަބުން އެ އުންމަތަކީ ބާރުވެރިކަމުގެ ގޮތުންނާއި އެއްބައެއްވަންތަ ކަމުގެ ގޮތުން މީސްތަކުންގެ ތެރެއަށް ނެރެވުނު އެންމެ ހެޔޮ އުންމަތް ކަމުގައި ވިއެވެ. މާއްދީ ގޮތުންނާއި މަޢްނަވީ ގޮތުން ވެސް މެއެވެ."
د.أحمد السايح ވިދާޅުވާ ގޮތުގައި ފިކުރީ މަދަރުސާތައް ތާފަތު ވީކަމުގައި ވިޔަސް އެއް އަސާސެއްގެ މައްޗަށް ޖަމަޢަވެއެވެ. މިއީ ދީނީ ގޮތުންނާއި ފޮތުގެ ގޮތުންނާއި ފޮނުއްވި ރަސޫލާގެ ގޮތުން މިއީ އެއް އުންމަތެކެވެ."
އިސްލާމީ އެއްބައިވަންތަ ކަމުގެ މިޙްވަރަކީ ކީރިތި ޤުރްއާނާއި ކީރިތި ނަބިއްޔާގެ ސުންނަތެވެ. އިސްލާމްދީނުގެ ބިންގަލަކީ، މި ދެ މަޞްދަރުގައި ކަނޑައަޅުއްވާފައިވާ ޝަރުޢީ ޙުކުމްތަކެވެ.
***********
އެޑިޓަރުގެ ނޯޓު: ޑރ. މޫސާ އަންވަރު ޙަސަން ވަނީ ”ޑޮކްޓަރ އޮފް ފިލޯސަފީ އިން އިސްލާމިކް ޖުޑިޝަލް ސައިންސަސް އެންޑް ލެޖިސްލޭޓީވް ޕޮލިސީ“ އިން 2021 ވަނަ އަހަރު ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވަރސިޓީ އިން ޕީއެޗް.ޑީ ހާޞިލު ކުރައްވާފައެވެ. މަޢްހަދުއް ދިރާސާތިލް އިސްލާމިއްޔާއިން ޝަހާދާ އިޢުދާދިއްޔާ އަދި ޝަހާދާ ޘާނަވިއްޔާ ނިންމެވުމަށްފަހު، 2002 ވަނަ އަހަރު މިޞްރުގެ ޖާމިޢަތުލް އަޒްހަރުން އިސްލާމިކް ސިވިލައިޒޭޝަން އިން ފަސްޓް ޑިގްރީ ހާޞިލް ކުރެއްވިއެވެ. އަދި އެއަށްފަހު ވަނީ 2013 ވަނަ އަހަރު މެލޭޝިއާގެ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީން ”އިސްލާމިކް ރިވީލްޑް ނޮލެޖް އެންޑް ހެރިޓޭޖް ފިޤުހު، އުޞޫލް ފިޤުހު“ އިން މާސްޓާރސް ޙާޞިލް ކުރައްވާފައެވެ. ދިވެހިރާއްޖޭގައި ދީނީ ހޭލުންތެރިކަން އިތުރުކުރެއްވުމުގެ މަސައްކަތް ޑރ. މޫސާ އަންވަރު ޙަސަން ފެއްޓެވީ އިސްލާމީ ކަންތައްތަކާބެހޭ އެންމެ މަތީ މަޖިލީހުގެ މުޝްރިފް މުސާޢިދެއްގެ ގޮތުގައެވެ. ފަހުން އެ މަޖިލީހުގެ ޑިރެކްޓަރެއްގެ ގޮތުގައިވެސް މަސައްކަތް ކުރައްވާފައިވެއެވެ. މިވަގުތު އަދާކުރައްވަމުން ގެންދަވަނީ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ވާޢިޡެއްގެ މަޤާމެވެ. މީގެ އިތުރުން ޑރ. މޫސާ އަންވަރު ޙަސަން އަކީ، ދިވެހިރާއްޖޭގެ އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުގެ މެންބަރަކެވެ.
އިސްލާމްދީނަށް ހޭލުންތެރިކަން އިތުރު ކުރުމާއި، ދީނީ ޢިލްމު އުނގަންނައިދިނުމުގެ ދާއިރާއިން ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޤައުމީ ހިތްވަރުދިނުމުގެ އިނާމު 2017 ވަނަ އަހަރު ވަނީ ޑރ. މޫސާ އަންވަރު ޙަސަންއަށް ލިބިވަޑައިގެންފައިވެއެވެ.
ދީން
ދީން
ދީން
ދީން