(16 ފެބުރުއަރީގެ އަދަދާ ގުޅޭ)

ކްރިސްޓިއަނުންގެ ޢަޤީދާގައިވާގޮތުން ޢީސާޢަލައިހިއްސަލާމް ޞަލީބަށް އެރުވުނެވެ. އެކަލޭގެފާނު އަވަހާރަވީ ޞަލީބުގައެވެ. އަވަހަރާވީތާ ތިންވަނަޔަށްވީ ދުވަހު އަނެއްކާ ދިރިވަޑައިގަތެވެ. "ކައްފާރާއާއި، ދިންނެވުމުގެ" ޢަޤީދާގެ ވާހަކައިގެ ތެރޭގައި އަޅުގަނޑުވަނީ މިޢަޤީދާގެ ފަހަތުގައިވާ ފަލްސަފާގެ ވާހަކަ ބަޔާންކޮށްފައެވެ. ކްރިސްޓިއަނުން ޢީސާގެފާނަކީ ކަލެއްކަމުގައްޔާއި ކަލާނގެ ދަރިކަލުން ކަމުގައި ޤަބޫލުކުރެއެވެ. ނަމަވެސް އަނެއްކޮޅުން ޢީސާގެފާނު ޞަލީބަށް އެރުވުނު މަންޒަރު ސިފަކޮށްފައިވަނީ ވަރަށް އާރެއްބާރެއް ނެތް ނިކަމެތިފަރާތެއްގެ ގޮތުގައެވެ. ކަލަކު ނުވަތަ ކަލެއްގެ ދަރިކަލަކު އެހާ އާރެއްބާރެއްނެތް ނުކުޅެދޭ ފަރާތަކަށެއް ނުވާނެއެވެ. ބައިބްލްގައިވާ ގޮތުން ޢީސާގެފާނު ޞަލީބުގައި ހުންނެވިއިރު މީހުން އެކަލޭގެފާނަށް ގޮންޖަހަމުން ގެންދިޔައެވެ. "ކަލޭގެފާނަކީ ކަލާނގެ ދަރިކަލުންކަމުގައި ވާނަމަ ނިކަން ސަލީބުން ފައިބައިވަޑައިގެންބައްލަވާށެވެ!" (މެތިވް 40:27) "މިހާރު ޞަލީބުން ފައިބައިވަޑައިގެންފިނަމަ އަޅުގަނޑުމެން އެކަމަށް (ކަލޭގެފާނު ގެންނެވި ކަންކަމަށް) އީމާންވާނޫއެވެ." (މެތިވް 42:27) މިފަދަ ބަސްތަކުންނެވެ. މާކްއާއި ލޫކުގެ ބައިބްލްގައިވެސް މިފަދަ ޢިބާރާތްތަކުން މިމަންޒަރު ސިފަކޮށްފައިވެއެވެ.

ބައިބްލައަށްވަނީ ވަރަށް ގިނަ ބަދަލުތަކެއް ގެނެސްފައެވެ. އެހެންކަމުން އެފޮތުގައި ވަރަށް ބޮޑެތި ޚިލާފުތައް އެބަހުއްޓެވެ. އެޚިލާފުތައްވަނީ ވަރަށް ގިނަ ކަންތަކާމެދު ވިސްނަން މަޖުބޫރުކޮށްފައެވެ. މީގެ އިތުރަށް ބައިބްލްގައި ނަބީބޭކަލުންނާއި، އެނޫންވެސް މަތިވެރި މާތް ޝަޚްޞިއްޔަތްތަކުގެ ރީތި ނަން ކިލަނބުކޮށް ޝަޚްޞިއްޔަތު ބޭއަދަބީ ގޮތްގޮތަށް ލިޔެފައި ހުރެއެވެ. ބައެއްފަހަރަށް އެކަލާނގެ ރަސްކަންފުޅު ސިފަކޮށްފައިވަނީ އެއްވެސް އާރެއްބާރެއްނެތި ޚުދް އެކަލާނގެ މަޚްލޫޤުންގެ އަތުން ވަތަކުތޯޖެހިފައިވާ ފަރާތެއްގެ ގޮތުގައެވެ.

ޖެނެސިސްގެ 32 ގެ ބާވީސް ވަނަ އާޔަތުން ފެށިގެން ބައްތިރިީސް ވަނަ އާޔަތާ ހަމަޔަށް ހުރި އާޔަތްތަކުގައި ބަޔާންކޮށްފައިވާ ގޮތުގައި ޔަޢުޤޫބުގެފާނު އެއްރެޔަކު މާތް ﷲ އާ ބަނޑުމުސާރައަށް ބެއްދެވިއެވެ. ޔަޢުޤޫބުގެފާނު އެދިވަޑައިގެންނެވީ ﷲ ގެ ރަޙްމަތަށެވެ. ރަޙްމަތްނުލައްވަނީސް ދޫކޮށް ނުލައްވަންވެގެން އެރޭގެ އިރުއަރަންދެން ﷲ ބައްދަވައި ހިފެހެެއްޓެވިއެވެ. (ނައުޛުބި ﷲ)

ޖެނެސިސްގައި ވާގޮތުން އަރަހުށި މާތް ﷲ، އިބްރާހީމް ޢަލައިހިއްސަލާމަށް ވަޙީކުރެއްވިއެވެ. "ކަލޭގެފާނު ތިމަންރަސްކަލާނގެ ޢަހްދު ޤަބޫލުކުރައްވާށެވެ. ކަލޭގެފާނަށްފަހު ކަލޭގެފާނުގެ ނަސްލު، ދަރިފަސްކޮޅަކަށްފަހު ދަރިފަސްކޮޅެއް އެ ޢަޙްދު ފުއްދާހުށިކަމެވެ. ތިމަންރަސްކަލާނގެ ޢަހްދަކީ ތިމަންރަސްކަލާނގެއާ ކަލޭގެފާނާ ދެމެދުގައިވާ ޢަހްދެކެވެ. ކަލޭގެފާނަށްފަހު ކަލޭގެފާނުގެ ދަރިފަސްކޮޅާއި ތިމަންރަސްކަލާނގެ އާ މެދު ވާ ޢަހްދެކެވެ. އެ ޢަހްދު ފުއްދާހުށިކަމެވެ. އެ ޢަހްދަކީ ތިޔަބައިމީހުންގެ ތެރެއިން ކޮންމެ ފިރިހެން ކުއްޖަކު ޚިތާނުކުރުމެވެ! ތިމަންރަސްކަލާނގެ ޢަހްދުވާނީ ތިޔަބައިމީހުންގެ ހަށިތަކުގައި އަބަދަށްޓަކައި ލެއްވިގެންވާ ޢަހްދަކަށެވެ. ޚިތާނުކުރެވިފައި ނުވާ ކޮންމެ ފިރިހެން ކުއެްޖަކު ކަލޭގެފާނުގެ މީހުންގެ ތެރެއިން ކަނޑުއްވައި (ވަކިކޮށް) ލައްވާށެވެ. އެހެނީ އޭނާ ތިމަންރަސްކަލާނގެ ޢަހްދު އުވައިލައިފިއެވެ." (ޖެނެސިސް 1:17 ން 14 އަށް)

ސަލާމްލެއްވި މޫސާގެފާނާ މުޚާޠަބުކުރައްވައި މާތް ﷲ ވަޙީ ކުރެއްވިއެވެ. "އަށްވަނަޔަށްވާ ދުވަހު ފިރިހެން ކުދިން ޚިތާނުކުރާހުށިކަމެވެ!" (ލެވިޓިކަސް 3:12)

ޚުދު ޢީސާޢަލައިހިއްސަލާމްވެސް ޚިތާނުކުރެއްވުނު ކަމަށް ބައިބްލްގައިވެއެވެ. ލޫކުގެ ބައިބްލްގެ ބާބު: 2 ގެ 21 ވަނަ އާޔަތުގައިވެއެވެ. "އަށްވަނަ ދުވަސް ފުރިހަމަވީހިނދު އެކަލޭގެފާނު ޚިތާނުކުރުމުގެ ވަގުތު އަތުވެއްޖެއެވެ. އެކަލޭގެފާނަށް ޔޫޝަޢު އެވެ ނަންދެވުނެވެ."

އެކްޓަސް އޮފް ދަ އެޕޯސްލްސްގެ ބާބު ފަނަރައިގެ އެއްވަނަ އާޔަތުގައިވެއެވެ. "މޫސާގެފާނުގެ ރަސްމާއެއްގޮތަށް ތިޔަބައިމީހުން ޚިތާނު ނުކޮށްފި ނަމަ ތިޔަަބައިމީހުންނަކަށް ފަލާޙެއް ނުލިބޭނެއެވެ." ކްރިސްޓިއަނުން އެ އަމުރުފުޅަކަށް ބޮލެއް ނުލަނބައެވެ. އެއާޚިލާފަށް މުސްލިމުންވަނީ ޚިތާނުކުރުމުގެ އިލާހީއަމުރުފުޅު ޤަބޫލުކޮށްފައެވެ. ޚިތާނުކުރުމުގެ އަމުރުފުޅަށް ބޯނުލެނބުމަކީވެސް ކްރިސްޓިއަނިޓީގައިވާ ވަރަށްބޮޑު ޚިލާފެކެވެ. އަޅުގަނޑު ކްރިސްޓިއަނިޓީއާ ދުރުކުރުވީ މިދެންނެވި ބާވަތުގެ ޚިލާފުތަކާއި އުނިކަންތަކެވެ.

  • އިސްލާމްދީނުން ކަލާއަށް ފެނިވަޑައިގެންނެވި ރަނގަޅުކަންތައްތަކަކީ ކޮބައިތޯއެވެ؟ ހުރިހާ ދީންތަކެއްގެ ތެރެއިން ކަލާ އިސްލާމްދީން ޚިޔާރުކުރެއްވީ ކީއްވެގެންތޯއެވެ؟

އަޅުގަނޑު ވަރަށް ކުރުކޮށް ދަންނަވާނަމެވެ. އަޅުގަނޑު އެންމެ ބޮޑަށް އަސަރުކުރުވީ އެއްކައުވަންތަކަމުގެ ޢަޤީދާއެވެ. އިޚްލާޞް ސޫރަތަކީ ތައުހީދުގެ ޖައުހަރެވެ. އެ ޢަޤީދާއިން ޓްރިނިޓީގެ މޫތައް ކޮށައިލައެވެ. ދެވަނަކަމަކީ މިސްކިތްތަކުގައި އިމްތިޔާޒުގެ ބަދަލުގައި ހަމަހަމަކަން އޮތުމެވެ. މިސްކިތުގައި ސާހިބާއާއި ނޯކަރު ހުއްޓި ތިބެންޖެހެނީ އެއްސަފެއްގައެވެ. ސާހިބާއަށް ވަކިޖާގައެއް ޚާއްޞަކޮށެއް ނުދެއެވެ. ނޯކަރު އެންމެ ކުރީ ސަފުގައި ހުއްޓައި އެއްވެސް މީހަކަށް އޭނާ ފަހަތު ސަފަކަށް ފޮނުވައެއްނުލެވޭނެއެވެ. މިއާޚިލާފަށް ޗާޗުތަކުގައި އޮންނަނީ އިމްތިޔާޒެވެ. ތިންވަނަކަމަކީ އިސްލާމްދީނުގައިވާ ދިންނެވުމުގެ ޢަޤީދާއެވެ. އާޚިރަތްދުވަހު އަޒާބާއި ޘަވާބު ބިނާވެފައި އޮންނަނީ އިންސާނުންގެ ޢަމަލުގެ މައްޗަށެވެ. އިސްލާމްދީނުގައި ޤިޔާމަތުގެ ޢަޤީދާއާއި، ކައްވަޅުގެ އަޒާބާއި، ބަރުޒަޚުގެ ދިރިއުޅުމާބެހޭގޮތުން އައިސްފައިވާ ފުރިހަމަ ތަފްޞީލުތަކުންވެސް އަޅުގަނޑުގެ ހިތަށް ވަރަށް ބޮޑަށް އަސަރުކުރިއެވެ. އިސްލާމްދީނުގެ ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމައަކީ "އަލްއަމީން" ކަމުގައި މައްކާގެ ކާފަރުންވެސް ޤަބޫލުކުރިކަމީ އިސްލާމްދީނަކީ ތެދުވެރިދީންކަމުގެ ވަރަށް މުހިންމު ދަލީލެކެވެ.

ކުރީންވެސް އަޅުގަނޑުވަނީ ބައިބްލްގައި ވަރަށް ގިނަ ޚިލާފުހުރި ވާހަކަ ދަންނަވައިފައެވެ. އޭގެ ސަބަބަކީ ޔަހޫދީ ޢިލްމުވެރީން މެދުކެނޑުމެއްނެތި އެފޮތަށް ބަދަލުގެންނަމުން އައުމެވެ. އެފޮތް ކިޔާއިރު އިލާހީ ކަލާމުފުޅުވެސް އެތަންމިތަނަށް ވިހުރައިލައިފައިހުއްޓައި ކޮންމެވެސްވަރަކަށް ފެނެއެވެ. ނަމަވެސް އިންސާނީ ވާހަކަތައް އެފޮތުގައި ހިމަނައިފައިވާގޮތުން ޢާންމުކިޔުންތެރިޔަކަށް ﷲ ގެ ކަލާމްފުޅާއި އިންސާނުންގެ ވާހަކަތަކުގެ ތަފާތު ފާހަގަކޮށް ދަނެގަނެވޭ ވަރެއްނޫނެވެ. ސަލާމްލެއްވި ލޫޠުގެފާނާއި އެނޫންވެސް ބައެއް ނަބީބޭކަލުންގެ ވާހަކަ އެފޮތުގައި ގެނެސްފައިވާގޮތުން އެބޭކަލުންވަނީ އިންތިހާދަރަޖައަށް ބަދުނާމުކުރެވިފައެވެ.

ޖެނެސިސް ނަވާރައިގެ އެއްތިރީސްވަނަ އާޔަތުން ފެށިގެން ތިރީސް ހަވަނަ އާޔަތާ ހަމަޔަށް ހުރި އާޔަތްތަކުގައި ލޫޠުގެފާނު ރާފޮދުހިއްޕަވައިގެން އެކަލޭގެފާނުގެ ދެ ދަރިކަނބަލުންނާ އެއްދާން ކުރެއްވިކަމަށާއި އެދެބޭފުޅުން ލޫޠުގެފާނަށް ބޭފުޅުން ރައްކާވިކަމަށް ލިޔެފައިވެއެވެ. (ނަޢޫޛު ބިﷲ)

ބައިބްލް ގައި ނޫޙުއަލައިހިއްސަލާމުގެ އިސްތަށިފުޅުގައި އިލްޒާމު އަޅުވައިފައިވާގޮތުގައި އެކަލޭގެފާނު ތޫފާނުން ސަލާމަތްވެވަޑައިގެން ބިމުގައި އާބާދުވެވަޑައިގަތުމަށްފަހު ދަނޑުވެރިކަންކުރެއްވިއެވެ. މޭބިސްކަދުރު ހެއްދެވިއެވެ. އެއިން ރާހައްދަވައިގެން ރާފޮދުހިއްޕެވިއެވެ. އެކަލޭގެފާނުގެ ހަށިކޮޅުގައި ފޭރާންކޮޅެއް ނެތެވެ... އިތުރަށް ދެންހުރިވާހަކަތައް ލިޔަންވެސް އަޅުގަނޑު ބިރުވެތިވަމެވެ. ބައްލަވަންބޭނުންފުޅު ފަރާތްތަކުން ބައިބްލް ސޮސައިޓީ އަނާރުކަލީ ލާހޫރުން ޗާޕުކޮށްފައިވާ ބައިބްލްގެ އެގާރަވަނަ ސަފްޙާ ބެއްލެވުން އެދެމެވެ.

ސަލާމްލެއްވި އިބްރާހީމްގެފާނަކީ މުސްލިމުންނެކޭ އެއްގޮތަށް ޔަހޫދީންނާއި ކްރިސްޓިއަނުންވެސް އިޙްތިރާމްކުރާކަމުގައި ދައުވާކުރާބޭކަލެކެވެ. ނަމަވެސް ބައިބްލް ގައި އެކަލޭގެފާނަށް "އިޙްތިރާމްކޮށްފައިވާ" ވަރުވެސް އަމިއްލަފުޅަށް ބައްލަވައިލައްވާށެވެ. އާދެ، ބައިބްލްގައިވާގޮތުން އިބްރާހީމްއަލައިހިއްސަލާމުވަނީ މުދަލާހުރެ ލޫޠު އަލައިހިއްސަލާމާ އަރާރުންވެވަޑައިގަތުމަށްފަހު ލޫޠުގެފާނު ބޭރުކޮށްލައްވައިފައެވެ. މިފަދަ ދޮގު އެތައް އިލްޒާމުތަކެއް އިބްރާހީމްގެފާނުގެ އިސްތަށިފުޅުގައި ވަނީ އަޅުވާފައެވެ. މިއީ ބައިބްލްގެ ޞަފްޙާތައް ފުރިފައިވާ މިބާވަތުގެ އެތައް ވާހަކަތަކެއްގެ ތެރެއިން ދައްކައިލި ދެތިން ނަމޫނާއެވެ.

ދެކުނު އޭޝިއާގައި ކްރިސްޓިއަނިޓީ ފެތުރުމުގެ ސަބަބަކީ ކޮބައިތޯއެެވެ؟

ފަޤީރުކަމާއި ތަޢުލީމެއް ނެތުމާއި މުސްލިމް ޢިލްމުވެރީންނަށް ރަނގަޅު ގޮތުގައި އިސްލާމްދީން ހުށަހަޅައިނުދެވުމެވެ.

އަޅުގަނޑު ލަފާކުރާގޮތުގައި މިޝަނަރީ މީހުންނަށް އެބަޔަކާ ހަމައަށް ދެވޭ މީހުންގެ ތެރެއިން ސަތޭކައަކުން ހަތަރު ފަސް ޕަސެންޓް މީހުން ދަލުގައި ޖެއްސުމުގައި އެބައިމީހުން ކާމިޔާބު ހޯދައެވެ. އެމީހުން ދިންނެވުމުގެ ޢަޤީދާ ހުށަހަޅާ ޖާދޫވީ ގޮތުން މަސައްކަތަކާ ނުލައި ސުވަރުގެދާން އެދޭމީހުން ވިސްނުމެއް ފިކުރެއްނެތި އެ މަގުގައި ހިނގައިގަނެއެވެ.

މުޙްތަރަމް ގުލްޒާރުއަޙްމަދުގެ އަނބިކަނބަލުން، އަޅުގަނޑުމެންގެ އުޚުތު މުސައްރަތަކީވެސް މިހާރު އިސްލާމިއްޔާތުން ބީ.އޭ ފާސްކުރައްވައިފައިވާ ބޭކަނބަލެކެވެ. މުސްލިމް ސްކޫލެއްގެ އިސްލާމް މުދައްރިސާއެކެވެ. ނުހަނު ރޯފިލައިފައިވާ ހަރުދަނާ ބޭކަނބަލެކެވެ. އިސްލާމްވެވަޑައިގަތުމުގެ ކުރީން އޭނާއަކީވެސް ރޯމަން ކެތަލިކެކެވެ.

އޭނާ ބަޔާންކުރައްވާގޮތުގައި ތުއްޕުޅުއިރުއްސުރެވެސް އޭނާގެ ހިތްޕުޅުގައިވާ މާތް ﷲ ގެ ތަޞައްވުރު އެހެނިހެން ރޯމަން ކެތަލިކުންނާ ތަފާތެވެ. އޭނާ ވިދާޅުވިއެވެ. "އަޅުގަނޑުގެ ޢުމުރުން ހަތްއަހަރުގައި އެއްދުވަހަކު ބުނެވުނުއެއްޗެއް އަޑުއިވިފައި NUNS ބުންޏެވެ. މިކުއްޖާ ކޮންމެވެސް ދުވަހަކުން އިސްލާމްވާނެއެވެ. އެދުވަހު ބުނެވުނީ ކީކޭކަމެއްވެސް މިހާރަކު ހަނދާނެއްނެތެވެ. އަޅުގަނޑުގެ ގާތްތިމާގެ މީހުންވެސް އަޅުގަނޑާމެދު ދެކެނީ އެގޮތަށެވެ. އަޅުގަނޑުގެ ފިރިކަލުން އިސްލާމްވެވަޑައިގަންނަވާން ޤަޞްދުކުރެއްވުމާ ވިދިގެން އަޅުގަނޑާ އެވާހަކަ ދެއްކެވިއެވެ. ދެމީހުންގެމެދުގައި ވަރަށްދިގުކޮށް ޚިޔާލުބަދަލުކޮށް މަޝްވަރާކުރެވުމަށްފަހު އިސްލާމްވާން ކަނޑައެޅީއެވެ.

އަޅުގަނޑުމެން އެދެނީ އަރަހުށި މާތް ﷲ މި މުސްލިމް ޢާއިލާއަށް ސާބިތުކަން ދެއްވުމެވެ. އެބައިމީހުންގެ ހުރިހާ ފިކުރުތަކެއް ދުރުކޮށްދެއްވުމެވެ. އުނދަގޫތަކެއް ފަސޭހަކޮށްދެއްވުމެވެ.

(ނިމުނީ)