ދިރިއުޅުމަށްޓަކައި ހުޅުމާލެ ދެވަނަ ފިޔަވަހިން ވިއްކާލާ 60 ގޯތިން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އަށް 1.2 ބިލިއަން ރުފިޔާގެ އާމްދަނީ އެއް ލިބޭނެ ކަމަށް ހިސާބުތަކުން ދައްކައިފިއެވެ.

މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގައި ވިއްކަން އިއުލާނު ކުރި މި 60 ބިމަށް ބިޑް ކުރުން ވަނީ މިހާރު ނިންމާލައިފައެވެ. އަދި ބިޑްކުރި ތަރުތީބު އެނގޭނެ ލިސްޓުވެސް އެޗްޑީސީން މިހާރު ވަނީ އާންމުކޮށްފައެވެ.

އެޗްޑީސީން އިއުލާނުކޮށްފައިވާ ގޮތުން ހުޅުމާލެ ދެވަނަ ފިޔަވަހިން ވިއްކާފައިވަނީ 1،603 އަކަފޫޓާއި 2،633.93 އަކަފޫޓާ ދެމެދުގެ ބޮޑުމިނުގެ 60 ބިމެކެވެ. މި ބިންތަކުގެ ތެރޭގައި ހިމެނެނީ ބީޗްސައިޑް ނުވަތަ އަތިރިމަތިން 26 ބިމަކާއި ބީޗްފްރަންޓް ނުވަތަ އަތިރިމައްޗާ ކައިރިން 34 ބިމެކެވެ.

މީގެ ތެރެއިން ބީޗްފްރަންޓް ބިމަކަށް ހުށަހަޅާފައިވާ އެންމެ ބޮޑު އަގަކީ އަކަފޫޓަކަށް 10 މިިލިއަން ރުފިޔާއެވެ. ނަމަވެސް އެ އަގު ހުށަހެޅި ފަރާތުން އެއީ އޮޅުމެއް ކަމަށް އެންގުމުން އެޗްޑީސީން ވަނީ ބިޑް ހުށަހެޅި ފަރާތަށް ހެދުނު "ޖެނުއިން މިސްޓޭކެއް" ކަމަށް ބަލައި އެ ބިޑް ޑިސްކޮލިފައިކޮށްފައެވެ.

ބީޗް ފްރޮންޓް 26 ބިމަށް ކުރި ބިޑްތަކުގެ ތެރެއިން އެންމެ ބޮޑު އަގެއް ކަމަށް މިހާރު އޮތީ އަކަފޫޓަކަށް 10،220ރ. އެވެ. އަދި ބީޗް ސައިޑުން ވިއްކި 34 ބިމަށް ކޮށްފައިވާ ބިޑް ތަކުގެ ތެރެއިން އެންމެ ބޮޑު އަގަކީ އަކަފޫޓަކަށް 9،700 ރުފިޔާއެވެ.

ބީޗް ފްރަންޓަށް ކޮށްފައިވާ އެންމެ ބޮޑު 26 ބިޑު، 2،633.93 އަކަފޫޓޫން ބަލާއިރު 508 މިލިއަން ރުފިޔާ އެޗްޑީސީއަށް ލިބޭނެއެވެ. އަދި ބީޗް ސައިޑަށް ކޮށްފައިވާ އެންމެ ބޮޑު 34 ބިޑު، 2،633.93 އަކަފޫޓޫން ބަލާއިރު 694 މިލިއަން ރުފިޔާ ލިބޭނެއެވެ. މި 60 ބިމުގެ ޖުމްލަ އާމްދަނީއަށް ބަލާއިރު 1.2 ބިލިއަން ރުފިޔާ އެޗްޑީސީއަށް ލިބޭނެކަމަށް ބެލެވެއެވެ.

އެޗްޑީސީގެ މީޑިއާ އޮފިސަރު، އަލީ މަޝާރު އިއްޔެ "ވަން" އަށް ވިދާޅުވީ ބިޑް ކާމިޔާބު ކުރި ފަރާތްތަކުގެ މެދުގައި ޕްލޮޓް ސެލެކްޓް ކުރުމުގެ ބައްދަލުވުން ބާއްވާނެ ތާރީހެއް ފަހުން އިއުލާނު ކުރާނެ ކަމަށެވެ. ޕްލޮޓް ސައިޒު އިހުތިޔާރު ކުރުމުގެ ފުރުސަތު އޮންނާނީ އެންމެ ބޮޑު އަގެއް ހުށަހަޅާފައިވާ ތަރުތީބުންނެވެ.