ހުޅުމާލެ ދެވަނަ ފިޔަވަހި ބީޗް ސައިޑް ނުވަތަ އަތިރިމަތި ކައިރިން ބިން ގަންނަން ޝައުގުވެރިވާ ފަރާތްތަކުގެ މެދުގައި މިއަދު ކުރިއަށްދިޔަ ބީލަން ހުށަހެޅުމުގެ ބައްދަލުވުމުގައި އެންމެ ބޮޑު އަގަކަށް އަކަފޫޓަކަށް 9،700 ރުފިޔާ ހުށަހަޅައިފިއެވެ.

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އިއުލާނުކޮށްފައިވާ ގޮތުން ހުޅުމާލެ ދެވަނަ ފިޔަވަހި ބީޗް ސައިޑުން ވިއްކަނީ 1،603 އަކަފޫޓާއި 2،633.93 އަކަފޫޓާ ދެމެދުގެ ބޮޑުމިނުގެ ބިންތަކެވެ. މިއަދު ހުށަހެޅި އެންމެ ބޮޑު ބީލަން 1،603 އަކަފޫޓަށް ބަލާއިރުވެސް ޖުމުލަ އަގަކަށް 15,449,100 (ފަނަރަ މިލިއަން ހަތަރުލައްކަ ސާޅީސް ނުވަހާސް އެއްސަތޭކަ) ރުފިޔާ ޖެހެއެވެ.

ބީޗް ސައިޑުގެ ބިމަކަށް ދެވަނައަށް އެންމެ ބޮޑު އަގަކަށް ހުށަހަޅާފައިވަނީ އަކަފޫޓަކަށް 9،233.33 ރުފިޔާއެވެ. އަދި ތިންވަނައަށް އެންމެ ބޮޑު އަގު އަކަފޫޓަކަށް 9،200 ރުފިޔާއަށް ހުށަހަޅާފައިވާ އިރު، މިއަދު ހުށަހަޅާފައިވާ ބިޑްތަކުން ބިޑެއް ކާމިޔާބު ކުރެވުނު އެންމެ ކުޑަ އަގަކީ އަކަފޫޓަކަށް 7،157 ރުފިޔާއެވެ. އެ ފަރާތުން ހުށަހެޅި އަގުން ބަލާއިރު 1603 އަކަފޫޓުގެ ބިމެއްގެ އެންމެ ކުޑަ އަގުވެސް 11,472,671 (އެގާރަ މިލިއަން ހަތަރު ލައްކަ ހަތްދިހަ ދެހާސް ހަސަތޭކަ ހަތްދިހަ އެކެއް) ރުފިޔާއަށް އަރައެވެ. އެއީ ބީޗް ފްރަންޓުގެ ބިމެއް އެންމެ ދަށްކޮށް ވިކުނު އަގަށް ވުރެ ބޮޑު އަދަދެކެވެ.

ހުޅުމާލެ ދެވަނަ ފިޔަވަހިން ވިއްކަން އިއުލާނުކުރި 60 ބިމުގެ ތެރެއިން އަތިރިމައްޗާ ކައިރިން ވިއްކާ 34 ބިމަށް މިއަދު ޖުމުލަ 179 ފަރާތަކުން ޝައުގުވެރިކަން ފާޅުކޮށް ބިޑް ކުރިއެވެ. މިއަދު ހެނދުނު 10:00 އިން މެންދުރު 12:00 އަށް ވައިލެޓްމަގުގައި ހުންނަ ހ. މީރުމާ، ދެވަނަ ފަންގިފިލާގައި ހުންނަ އިވެންޓްސް ހޯލުގައި ކުރިއަށް ދިޔަ ބީލަން ހުށަހެޅުމުގެ ބައްދަލުވުމުގައި އެންމެ ކުޑަ އަގަކަށް ބިޑް ކޮށްފައިވަނީ އަކަފޫޓަކަށް 3،500 ރުފިޔާއެވެ. އެއީ ބިޑް ފެށޭނެ އަގު ކަމަށް އެޗްޑީސީން ކަނޑައަޅާފައިވާ އަގެވެ.

ބީޗް ފްރަންޓް 26 ބިމަށް ބިޑްކުރުން މިމަހުގެ ނުވަވަނަ ދުވަހު ނިންމާލާފައިވާ އިރު، އެ ބިންތަކަށްވެސް 211 ފަރާތަކުން ބީލަން ހުށަހަޅާފައިވެއެވެ. އެ ބިންތައް ކާމިޔާބުކުރި ބީލަންތައް އެވްރެޖްކޮށް އުޅެނީ އަކަފޫޓެއް 6،000 ރުފިޔާއާއި 10،000 ރުފިޔާއާ ދެމެދުގައެވެ. ނަމަވެސް ބީޗް ފްރަންޓުން ބިމެއްގެ ބީލަން އެންމެ ކުޑަ އަގަކުން ކާމިޔާބު ކުރި މީހާ ހުށަހެޅީ އަކަފޫޓަކަށް 6،000 ރުފިޔާއެވެ.

އެޗްޑީސީން ބުނީ ހުޅުމާލެ ދެވަނަ ފިޔަވަހިން ބިން ގަތް ފަރާތްތަކުގެ މެދުގައި ޕްލޮޓް ސެލެކްޓް ކުރުމުގެ ބައްދަލުވުން ބާއްވާނެ ތާރީހެއް ފަހުން އިއުލާނު ކުރާނެ ކަމަށެވެ.