ލުއި ޚަބަރު

ބައްޕީ ލަހިރީގެ މަރާއެކު ހުރިހާ ޒިންމާތަކެއް ދަރިފުޅު ބައްޕާ ލަހިރީއަށް

އިންޑިޔާގެ މިއުޒިކް އިންޑަސްޓްރީގައި ޑިސްކޯ ރަސްގެފާނުގެ ނަމުން މަޝްހޫރުވެފައިވާ ފަންނާނު ބައްޕީ ލަހިރީ ވަނީ މިހަފުތާގެ އަންގާރަ ދުވަހު އުމުރުން 69 އަހަރުގައި މަރުވެފައެވެ.

ބައްޕީ ލަހިރީގެ މަރާއި ގުޅިގެން މިހާރު އޭނާގެ ސަޕޯޓަރުންގެ އުއްމީދުތައް ގުޅިފައިވަނީ ބައްޕީގެ ދަރިފުޅު ބައްޕާ ލަހިރީއާއެވެ. ބައްޕީ ލަހިރީ ފަދައިން ބައްޕާ ލަހިރީއަކީ ވެސް މިއުޒިކްގެ ފަންނާނެކެވެ. އެކަމަކު މިހާތަނަށް އެދާއިރާގައި މަސައްކަތް ކުރަމުން އައީ ބައްޕަ ބައްޕީ ލަހިރީގެ ހިޔަނީގައި ހުރެގެންނެވެ. ބައްޕާގެ ކޮނޑުގައި އެޅިފައިވާ އެންމެ ބޮޑު ޒިންމާޔަކީ ބައްޕީ ފަށައިފައި އަދި ނުނިމިހުރި ބައެއް މަސައްކަތްތައް އެފެންވަރުގައި ކޮށް ނިންމުމެވެ.

އިންޑިޔާގެ ބޮމްބޭގެ ހަސްފަތާލެއްގައި ބައްޕީ ލަހިރީ އަންގާރަ ދުވަހު މަރުވިއިރު ދަރިފުޅު ބައްޕާ ލަހިރީ ހުރީ ކުރު ދަތުރެއްގައި އެމެރިކާގައެވެ. އެހެންވީމާ ބައްޕާ ލަހިރީއަށް ބޮމްބޭއަށް އާދެވެންދެން ބައްޕީ ލަހިރީގެ ޖަނާޒާ ވަނީ ބުރާސްފަތި ދުވަހަށް ލަސްކޮށްފައެވެ.

ބައްޕީ ލަހިރީއަކީ ލަވަކިޔުމުގެ އިތުރުން މިއުޒިކް ތައްޔާރުކުރުމާއި ލަވަ ހެދުމުގައިވެސް ވަރަށް ކުޅަދާނަ ފަންނާނެކެވެ. އޭނާގެ ތިބީ ދެ ކުދިންނެވެ. އެއީ ބައްޕާ ލަހިރީޔާއި ރީމާ ލަހިރީއެވެ. ބައްޕީގެ ކާފަ ދަރިފުޅު ސުވާސްޓިކް ލަހިރީއަކީ ވެސް މިއުޒިކާއި ލަވައިގެ ދާއިރާއިން ކުރިއަރަމުން މަޝްހޫރުވަމުން އަންނަ ޒުވާނެކެވެ.

ގިނަބަޔަކު ބައްޕީ ލަހިރީ ފާހަގަކުރަނީ ރޭގަނޑުވެސް އަވިއައިނު އަޅައިގެން ހުންނަ މީހެއްގެ ގޮތުގައެވެ. އަދި ކަރުގައި ރަނުގެ ބޮޑެތި ޗޭނުޗޭނު އަޅައިގެން އުޅޭ މީހެއްގެ ގޮތުގައެވެ. ހުރިހާ ވަގުތެއްގައި ވެސް އަވިއައިނު އަޅައިގެން އުޅުމުގެ ފެޝަން ބޮލީވުޑަށް ތައާރަފުކުރީވެސް ބައްޕީ ލަހިރީއެވެ.

ބައްޕީ ލަހިރީގެ ދެފަރާތުގެ އާއިލާގައި ތިބީ ވެސް މިއުޒިކްގެ ފަންނާނުންނެވެ. މަޝްހޫރު ލަވަކިޔުންތެރިޔާ އަމީތު ކުމާރާއި ބައްޕީއަކީ ދެބެއިންގެދެދަރިންނެވެ. ކިޝޯރު ކުމާރަކީ މަންމަގެ ފަރާތު ބޮޑު ބޭބެއެވެ. ކިޝޯރު ކުމާރު މަރުވުމުގެ އެއްދުވަސް ކުރިން އޭނާ އެންމެ ފަހުން ރިކޯޑްކޮށްފައިވާ ލަވަޔަށްވެސް މިއުޒިކް ތައްޔާރުކޮށްދީފައިވަނީ ބައްޕީ ލަހިރީއެވެ.