ބްރެޒިލްގެ ފިރިހެނަކު މިފެބްރުއަރީ މަހުގެ ތިންވަނަ ދުވަހު އޭނާގެ 121 ވަނަ އުފަންދުވަސް ފާހަގަކޮށްފިއެވެ. އަޕެރަސީޑާ ސިޓީއަށް ނިސްބަތްވާ އަންދްރެލީނޯ ޑަސިލްވާ އޭނާގެ 121 ވަނަ އުފަންދުވަސް ފާހަގަކުރީ އާއިލާޔާއެކު ގޭގައެވެ. މިއެންމެންނަށްވެސް ކޮވިޑު ޖެހިފައިވުމާއެކު އުފަންދުވަސް ފާހަގަކުރީ ކޮވިޑުގެ ބަލިމަޑުކަންވެސް ތަހައްމަލް ކުރަމުންނެވެ.
ޑަސިލްވާގެ އައިޑީ ކާޑުގައި އޭނާ އުފަންވިކަމަށް ލިޔެފައި އޮންނަ ތާރީޚަކީ 3 ފެބްރުއަރީ 1901 އެވެ. އެހެންނަމަވެސް މި ތާރީޚުގެ ސައްހަކަން ރަސްމީ ފަރާތްތަކުން ކަށަވަރުކޮށެއް ނުދެއެވެ. މި ތާރީޚު ސައްހަކަމަށްވެއްޖެނަމަ ޑަސިލްވާ އަކީ މިވަގުތު މުޅި ދުނިޔޭގައިވެސް ހުރި އުމުރުން އެންމެ ދުވަސްވީ މީހާއެވެ.
ޑަސިލްވާއަށް ހަތް ދަރީން ލިބިފައިވާއިރު އޭގެތެރެއިން ފަސްދަރީން އަދިވެސް ދުނިޔޭގައި އެބަތިއްބެވެ. ކާފަކިޔާ 13 ކުދިން ތިބިއިރު މުނިކާފަކިޔާ 16 ކުދިން އެބަތިއްބެވެ. މުނިކާފަ ކިޔާ ކުދީންގެ ތެރެއިންވެސް އެއްކުއްޖަކަށް މިހާރު ކުއްޖަކު ލިބިއްޖެއެވެ.
އާއިލާ ކިތަންމެ ބޮޑުވިޔަސް ޑަސިލްވާޔާއި އޭނާގެ ކުދީންނާއި ކާފަކުދީންނާއި މުނިކާފަކުދީންވެސް ދިރިއުޅެމުންދަނީ އެއްގޯއްޗެއްގައެވެ. ގޯތީގެ ސައިޒް ބޮޑުވީމާ އެއް އިމާރާތަށްވުރެ ގިނަ އިމާރާތްތައް ވަނީ ހަދައިފައެވެ. ޑަސިލްވާ ދިރިއުޅެނީ މިތަނުން އެއްގޭގައި މުޅިން ވަކިންނެވެ. އޭނާގެ އަމިއްލަ ހުރިހާކަމެއްވެސް ކުރަނީ ކުދީންނާއި ބެއްސުމެއްނެތި އަމިއްލައަށެވެ. ކިތަންމެ އުމުރުން ދޮށްޓަކަސް ކުރަން ބޭނުންވާ ހުރިހާ ކަމެއް ކުރެއެވެ.
ޑަސިލްވާގެ 121 ވަނަ އުފަންދުވަސް އޭނާ ފާހަގަކުރީ ބްރެޒިލްގެ ޕެންޝަނާބެހޭ އިދާރާއަށް ފާޑުކިޔައި ކުށްވެރިކުރަމުންނެވެ. ޑަސިލްވާ ބުނާގޮތުގައި ޕެންޝަނަރުންނަށް އެހީވުމުގެ ބަދަލުގައި އެއިދާރާއިން ކުރާ ކަމަކީ ޕެންޝަނަރުންނަށް އެހީވުމުގެ ނަމުގައި ވައްކަން ކުރުމެވެ. މިކަން ބްރެޒިލްގެ އެންމެހައި ރައްޔިތުންގެ ސަމާލުކަމަށް ގެންނަން ބޭނުންވާކަމަށްވެސް ބުންޏެވެ.
ލުއި ޚަބަރު
ލުއި ޚަބަރު
ލުއި ޚަބަރު
ލުއި ޚަބަރު