އިންޑިއާގެ ސުކޫލު މަދަރުސާތަކުގައި ބުރުގާ އެޅުމުގެ މައްސަލަ ބޮޑުވެފައިވާއިރު ބުރުގާއާ ދެކޮޅަށް އަޑުއުފުލަމުން ދިޔަ ހިންދޫންގެ ބަޔަކާ ކުރިމަތިލައި އިސްލާމްދީން ދިފާއުކުރި މުސްކާން އަށް ވަނީ ގިނަބައެއްގެ ސަމާލުކަން މިދިޔަ ހަފުތާގެ ތެރޭގައި ލިބިފައެވެ.
އިންޑިއާގައި މި މައްސަލަ ހޫނުވެފައިވަނީ ކަރްނަޓާކާގައި ސަރުކާރުން ހިންގާ ކޮލެޖެއްގައި ބުރުގާ އެޅުމުގެ ސަބަބުން ހަ ކުއްޖަކު ކިޔެވުމުން ބާކީކުރި މައްސަލައިގެ އަޑު ގަދަވި ހިސާބުންނެވެ.
ބުރުގާ އެޅުމުގެ ސަބަބުން ކިޔެވުމުން މަހުރޫމުވެގެން ނުވާނެކަމަށް ބުނެ އަޑު އުފުލުމުން ހިންދޫން ގިނަ އިންޑިއާގައިވަނީ ކޮލެޖުތަކުގައި ހިންދޫން ރަމްޒުކުރާ ޝޯލް ކަރުގައި އަޅައިގެން ބުރުގާއާ ދެކޮޅަށް އަޑު އުފުލަން ފަށާފައެވެ. މި މައްސަލަ ހޫނުވެ ކަރްނާޓަކާގެ ގިނަ ސުކޫލުތަކާއި ކޮލެޖުކުގައި ކިޔަވައިދިނުން ވަނީ މެދުކަނޑާލާފައެވެ. ކަރްނަޓާކާގެ ސަރުކާރުން ހިންގާ ސުކޫލު މަދަރުސާ ތަކުގައި ބުރުގާ އެޅިދާނެތޯ ނުވަތަ ނޫންތޯ ނިންމުން އޮތީ މިހާރު ކޯޓު މަރުހަލާގައެވެ.
ކިޔަވައިދޭ ގިނަ ތަންތަން ބަންދުކޮށްފައި އޮތުމަށްފަހު މިއަދު އަލުން ކިޔަވައިދޭން ފަށަން ވަނީ ހަމަޖެހިފައެވެ. އަނބުރާ ކިޔަވަން ނުކުންނައިރު ދަރިވަރުންގެ މެދުގައި ވަނީ ދީނުގެ މައްސަލައިގެ ސަބަބުން ބައިބައިވުން އުފެދުމުގެ ބިރު އިންތިހާއަށް ކުރިމަތިވެފައެވެ.
އިންޑިއާގެ ޕްރައިވެޓް ކޮލެޖެއްގައި ތައުލީމު ހާސިލުކުރަމުން އަންނަ މުސްލިމު ދަރިވަރު ސައިމާ (އަސްލު ނަމެއް ނޫން) ބީބީސީއަށް މައުލޫމާތު ހިއްސާކުރަމުން ބުނެފައިވަނީ ދީނީ ބައިބައިވުމުގެ ސަބަބުން ކުލާހުގައި ރަށްޓެހިން ހަތުރުންނަށް ވުމުގެ ބިރު ހީވެފައިވާ ކަމަށެވެ. ސައިމާ ކިޔަވާ ކޮލެޖުގައި ބުރުގާ އެޅުން މަނާ ނުކުރި ނަމަވެސް ސައިމާއަކީ އޭނާގެ ކުލާހުގައި ހިމެނޭ ހަމައެކަނި މުސްލިމް ދަރިވަރެވެ. އަދި އޭނާ ބުނިގޮތުގައި ހިންދޫން ހިންގި މުޒާހަރާގައި ގިނަ އަދަދަކަށް އޭނާގެ ކްލާސްމޭޓުން ވަނީ ބައިވެރިވެފައެވެ.
އެހެން ޕްރައިވެޓު ކޮލެޖެއްގައި ތައުލީމު ހާސިލުކުރަމުން އަންނަ ހިންދޫ ދީނަށް ނިސްބަތްވާ ރަޝްމިތާ ޝެޓީ ބުނެފައިވަނީ އޭނާ ކިޔަވާ ކޮލެޖުގައި ގިނަ މުސްލިމު ދަރިވަރުން ހިމެނޭ ކަމަށެވެ. އަދި ބުރުގާ އެޅުން މަނާކޮށްފައި ނުވާ އެ ކޮލެޖުގައި އެކަން މީގެ ކުރިން މައްސަލައަކަށް ވެފައި ނުވާ ކަމަށެވެ. ރަޝްމިތާ ބުނިގޮތުގައި މިކަންތައް ބޮޑުވެފައިވަނީ ސިޔާސީ ކުޅިގަނޑަކަށް އެކަން ހެދުމުން ކަމަށާއި އޭނާގެ މުސްލިމު ރަށްޓެހިންނާ އެއްކޮޅުގައި ހުރި ކަމަށެވެ. އަދި އެއީ އެކުދިންނަށް ލިބެންޖެހޭ ހައްގެއް ކަމުގައި އޭނާ ގަބޫލުކުރާކަމަށް ވަނީ ބުނެފައެވެ.
ކަރްނަޓާކާގައި ކިޔަވައިދޭ ތަންތަނުގައި ބުރުގާ އެޅުން މައްސަލައަކަށް ހަދާފައިވާއިރު ދުނިޔޭގެ ސަމާލުކަން ވަނީ މިކަމަށް ހުއްޓިފައެވެ. އަދި ގިނަ ބަޔަކު މުސްލިމު ކުދިންގެ ހައްގުގައި އަޑު އުފުލާފައިވާއިރު އެކަމާ ދެކޮޅަށްވެސް އަޑުތައް ވަނީ ގަދަވެގެން ގޮސްފައެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ