ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ނަމުގައި އޮޅުވާލައިގެން، ފައިސާގެ މުއާމަލާތްތައް ހިންގުވަން ކުރާ ކޯލުތައް މިދުވަސްވަރު އިތުރުވެފައިވާތީ ސަމާލުވުމަށް އެ ކުންފުނިން އެދިއްޖެއެވެ.

އެޗްޑީސީން މިއަދު ބުނީ އެކިއެކި ނަންބަރުތަކުން ގުޅައި، އެޗްޑީސީ ކަމަށް ބުނެ، އޮޅުވާލައިގެން ފައިސާގެ މުއާމަލާތް ހިންގަން އުޅޭ ކަމުގެ ޝަކުވާތައް ލިބެމުންދާ ކަމަށެވެ.

އެޗްޑީސީން ބުނީ، ފައިސާގެ މުއާމަލާތްތަކުގައި އެ ކޯޕަރޭޝަނުން ނުގުޅާނެ ކަމަށާއި އެފަދަ މުއާމަލާތްތައް ކުރެވޭނީ ލިޔެކިޔުމުން ކަމަށެވެ. އަދި އެފަދަ ކޯލެއް ލިބިއްޖެ ނަމަ، އެ ކޯޕަރޭޝަނުގެ ކޯލް ސެންޓަރު، 1516 އަށް ގުޅައި އެކަމެއް ސާފުކުރުމަށް ވެސް އެޗްޑީސީން އެދިފައިވެއެވެ.

އެޗްޑީސީގެ ނަމުގައި އެކިއެކި ނަންބަރުތަކުން މި ދުވަސްވަރު ބައެއް މީހުންނަށް ގުޅައި ހުޅުމާލޭ ދެވަނަ ފިޔަވަހިން ފްލެޓު ދޭނެ ކަމަށް ބުނެ ފައިސާ ހޯދުމަށް މަސައްކަތްކުރާ މައްސަލަތައް ވަނީ އިތުރުވެފައެވެ.