ގައުމީ ޓީމަށް ކުޅުން ހުއްޓާލަން ވިސްނާ ކަމަށާއި، އެ ނިންމުން ނިންމަން ވިސްނީ ކުރިމަތިވި ބައެއް ހާލަތްތަކުގެ ސަބަބުން ކަމަށް ރާއްޖޭގެ އެއް ނަންބަރު ގޯލްކީޕަރު މުހައްމަދު ފައިސަލް ބުނެފިއެވެ.
ފައިސަލް ގައުމީ ޓީމަށް ކުޅުން ހުއްޓާލަން ގަސްދުކުރާ ކަމަށް ބުނެ ފުރަތަމަ އެ މައުލޫމާތު ހިއްސާކުރީ އޭނާގެ ފޭސްބުކް ގައެވެ. ފައިސަލް ފޭސްބުކުގައި ބުނީ ހާލަތު ހުރި ގޮތުން ގައުމީ ޓީމަށް ކުޅުން ހުއްޓާލަން ބޭނުންވާ ކަމަށާއި، އެ ނިންމުން ނިންމުމަށްފަހު ހަގީގަތްތައް ހާމަކޮށްދޭނެ ކަމަށެވެ.
އެކަމާ ގުޅޭގޮތުން މިއަދު "ވަން" އާ ވާހަކަދައްކަމުން ފައިސަލް ބުނީ ގައުމީ ޓީމަށް ކުޅުން ހުއްޓާލުމަށް ވިސްނުން އެބަހުރި ކަމަށާއި، ހާލަތު ހުރި ގޮތުން އެ ނިންމުމަށް މަޖުބޫރު ކަމެއް އެބަހުރި ކަމަށެވެ.
"ގައުމީ ޓީމަށް ކުޅުން ހުއްޓާލުމުގެ ވިސްނުން އެބަހުރި. ހަމަ ހުރެފައި ހުއްޓާލަން ބޭނުންވަނީކީ ނޫން. އެކަމަށް ސަބަބުތަކެއްވެސް އެބަހުރި. އެ ސަބަބުތައް ހާމަކުރެވެން އޮތީ ގައުމީ ޓީމަށް ކުޅުން ހުއްޓާލުމަށްފަހު. ހާލަތު ދިމާކުރާ ގޮތުން ނިންމުން ނިންމަން ބަޔަކު އެބަ މަޖުބޫރު ކުރުވާ އެފަދަ ނިންމުމަކަށް ދިއުމަށް. މިބުނީ ގައުމީ ޓީމަށް ހުއްޓާލަން ޖެހޭނެ ފަދަ ހާލަތްތަކެއް އެބަ ކުރިމަތި ކުރުވައޭ،" މިހާރު ކްލަބު ވެލެންސިއާގެ ގޯލު ބަލަހައްޓަމުން އަންނަ ކީޕަރު ފައިސަލް ބުންޏެވެ.
ފައިސަލް ބުނީ އެ ނިންމުން ނިންމާނެ ތާރީހެއް، މުއްދަތެއް އަދި ނެތް ކަމަށާއި ނިންމުމުގެ ހަގީގަތް ހާމަކުރާނީ ނިންމުން ނިންމުމަށް ފަހުގައި ކަމަށެވެ.
"ވެދާނެ ވަރަށް އަވަހަށް ކަމަށްވެސް. މިހާރު ހާލަތްތައް ހުރި ގޮތުން މާދަމާވެސް ހަމަ އެ ނިންމުން ނިންމަން ޖެހިދާނެ. އެކަމަކު އަދި ފަހުންވެސް ނިންމުން އައިސްދާނެ. އެއީ މިހާރު މިހުރި ހިސާބަކީ. ހުއްޓާލަން ބޭނުންވަނީ އެއް ނޫން، އެކަމަކު ގައުމީ ޓީމުގެ ރިޓަޔާކުރުމުގެ ވިސްނުމެއް ހުރީ ހާލަތު ހުރި ގޮތުން. ވަރަށް ބައިވަރު ތަޖުރިބާތައްވެސް ކުރެވިއްޖެ. އެ ތަޖުރިބާތަކުގެ ތެރެއިން ފުޓުބޯޅައިގެ ކަންކަން ހުރި ގޮތް ސާފުކޮށް ކިޔައިދޭން ބޭނުންވޭ. އެ ކަންކަން ކިޔައިދޭނީ ނިންމާލުމަށްފަހު،" ފައިސަލް ބުންޏެވެ.
ފައިސަލްއަކީ މިވަގުތު ގައުމީ ޓީމުގައި ހުރި އެންމެ ތަޖުރިބާކާރު، އެންމެ މުހިއްމު އެއް ކުޅުންތެރިޔާއެވެ. ގައުމީ ޓީމުގެ ގޯލު 17 އަހަރު ދުވަސް ވަންދެން ބެލެހެއްޓި އިމްރާން މުހައްމަދު (އިއްމަ) ގައުމީ ޓީމުން ރިޓަޔާކުރުމާއެކު އެއް ނަންބަރު ކީޕަރުގެ ގޮތުގައި ކުޅެމުން ދަނީ ފައިސަލްއެވެ. ފައިސަލް ވަނީ ގައުމީ ޓީމާއެކު 2018 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކޮށް، އެ މުބާރާތުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ވެސް ހޯދައިފައެވެ.
ރާއްޖޭގެ ޤައުމީ ފުޓުބޯޅަ ޓީމު
ރާއްޖޭގެ ޤައުމީ ފުޓުބޯޅަ ޓީމު
ރާއްޖޭގެ ޤައުމީ ފުޓުބޯޅަ ޓީމު