މިއަދަކީ ފެބްރުއަރީ މަހުގެ ސާދަވަނަ ދުވަހެވެ. ކޮންމެ އަހަރެއްގެ ފެބްރުއަރީ ސާދަޔަކީ ދުނިޔޭގެ ކަންކޮޅުތަކުގައި ނުރަސްމީގޮތުން ލޯބިވެރިންގެ ދުވަހެވެ. ލޯބިވެރިންގެ މެދުގައި ހަދިޔާބަދިޔާ ބަދަލުކުރުމާއި ތަހުނިޔާ ކިޔުމާއި ހެޔޮއެދުން ފޮނުވުމާއި މިހެންގޮސް ލައްކަ ގިނަކަންކަން މިދުވަހާ ގުޅުވައިގެން ކުރެއެވެ. މިދުވަސް މަޝްހޫރުވެފައި އޮންނަނީ ވެލަންޓައިން ދުވަހުގެ ގޮތުގައެވެ. ވެލަންޓައިނަކީ ކާކުބާވައެވެ. އެއީ ސެންޓް ވެލަންޓައިނެވެ. އިހުޒަމާނުގައި ރޯމަނުންގެ ތެރޭގައި އުޅުނު ނަސާރާ ފާދިރީއެކެވެ. އެހެންވީމާ މިދުވަހަކީ ހަގީގަތުގައި ނަސާރާއިންގެ ދީނީ އީދެކެވެ. ސެންޓް ވެލަންޓައިނަކީ ލައިލާޔާއި މަޖުނޫނު ފަދަ މާބޮޑު ލޯބިވެރިޔެއްވެސް ނޫނެވެ.

ވެލަންޓައިން ދުނިޔޭގައި އުޅުނުކަމަށް ބުނެވެނީ މީލާދީން ތިންވަނަ ސައްތައިގެ ތެރޭގައި ރޯމްގައެވެ. އެދުވަސްވަރަކީ ރޯމުގައި ނަސާރާދީން އަދި މާބޮޑަށް ފެތުރި އާއްމުވެ ރަސްމީވެފައިއޮތް ޒަމާނެއް ނޫނެވެ. ވެލަންޓައިނަކީވެސް ދައުލަތުން މަރުގެ ހުކުމް އިއްވައި ނައްތާލާފައިވާ މީހެކެވެ. އޭނާއަށް ސެއިންޓެއްގެ ދަރަޖަދީ އެކިއެކި ދީނީ އިހުތިފާލުތައް އޭނާގެ ނަމާއި ގުޅުވައިގެން ބާއްވަންފެށީ މާފަހަކުންނެވެ. ޔޫރަޕުގެ ހުޅަނގުބިތުގައި ވެލަންޓައިންގެ ދުވަސް ފެބްރުއަރީ ސާދަ ވަނަ ދުވަހު ފާހަގަކުރާއިރު ޔޫރަޕުގެ އިރުމައްޗާއި މެދުއިރުމަތީގެ ނަސާރާއިން ވެލަންޓައިނާއި ގުޅުވަނީ ކޮންމެ އަހަރެއްގެވެސް ޖުލައި މަހުގެ ހަވަނަ ދުވަހެވެ. އެހެންވީމާ ކޮންމެ އަހަރަކުވެސް ވެލަންޓައިނުގެ ނަން ދެވިފައިވާ ދެ ދުވަހެއް އެބަ ފާހަގަކުރެއެވެ.

ސެންޓް ވެލަންޓައިނުގެ ހަޔާތާއި އިޝްގީ ލޯތްބާއި މާކަބޮޑު ގުޅުމެއް ނެތަސް އަދި އެކަމަށް ދެއްކޭނެ މާގިނަ ހެކިތަކެއް ނެތަސް ފަހަކަށް އައިސް ލޯތްބާއި ސެންޓް ވެލަންޓައިން ގުޅުވައިގެން ނަސާރާއިންގެ ދީނީ އީދުދުވަހެއް ލޯބިވެރިންގެ ދުވަހުގެ ގޮތުގައި ޕްރޮމޯޓްކުރެވެމުން އަންނަނީއެވެ. މިކަން މިހެން އޮތުމާއެކު ވެލަންޓައިން ދުވަސް ފާހަގަކުރުން އިސްލާމީ ދުނިޔޭގެ ބޮޑެތި ބައެއް ގައުމުތަކުގައި އޮންނަނީ މަނާކުރެވިފައެވެ. އޭގެތެރޭގައި އިންޑޮނީޝިޔާ އާއި ޕާކިސްތާނާއި ސައުދީއަރަބިޔާ ހިމެނެއެވެ. މިދުވަސް ފާހަގަކުރުން މަނާކުރުމުގެ ސިއްރަކީ އިސްލާމީވަންތަ އާދަތަކާއި ސަގާފަތާއި ފުށުއެރުންތަކެއް ހުރުމުންނެވެ.

ވެލަންޓައިން ދުވަހާ ގުޅުވައިގެން މައުމެލާމެއްޔާއި އެނޫންވެސް އެޒާތުގެ ތަކެތި ބަހައި ހެދުން އީރާނުގައިވެސް އޮންނަނީ މަނާކުރެވިފައެވެ. މިދެންނެވި ގައުމުތަކުގެ އިތުރަށްވެސް އިސްލާމީ ދުނިޔޭގެ ވަރަށް ގިނަ ގައުމުތަކުގައި ވެލަންޓައިން ދުވަހު ބައެއް ކަހަލަ ކަންކަންކުރުން މަނާކޮށްފައިވެއެވެ. މީގެ ސިއްރަކީ ލޯބީގެ ދުވަހެއްގެ ގޮތުގައި މިދުވަސް ފާހަގަކުރެވުނަސް މިދުވަސް ނިސްބަތްވަނީ ނަސާރާ ފާދިރީޔަކަށް ކަމަށްވެފައި ނަސްރާނިއްޔަކަން ފެތުރުމަށް ހިތްވަރު ލިބޭ ކަންކަން މިދުވަހާއި ގުޅުވައިގެން ކުރާތީއެވެ. ލޯބީގެ ނަމުގައި ދީނީ އިހުތިފާލަކަށް މަގު އަލިކުރެވޭތީއެވެ. ލޯބިވެރިންގެ ދުވަހުގެ ގޮތުގައި ވެލަންޓައިން ދުވަސް އިސްލާމީ ގައުމުތަކުގެ ހަފޮޅުން އެތެރެވެފައިވަނީ ދާދިފަހަކުންނެވެ.

މިއީ ކުރީއްސުރެ ދެމިގެން އައިސްފައިވާ އާދައެއް ނޫނެވެ. އެހެންވީމާ ވެލަންޓައިން ދުވަހުގެ ބައެއްކަހަލަ ހަރަކާތްތައް ހިންގުން ގާނޫނުތަކުން މަނާކުރެވިފައިވަނީ ވެސް ނިސްބަތުން ވަރަށް ފަހުންނެވެ. ޕާކިސްތާނުގެ ޕިޝާވަރުގައި ވެލަންޓައިން ދުވަސް ފާހަގަކުރުން އެތާގެ ސިޓީ ކައުންސިލުން މަނާކުރީ 2016 ގައެވެ. ވެރިރަށް އިސްލާމްއާބާދުގެ އާއްމު ތަންތަނުގައި ދުވަހާއި ގުޅޭ އެއްވެސް ހަރަކާތެއް ހިންގުން އިސްލާމްއާބާދުގެ ހައިކޯޓުން މަނާކުރީ 2017ގައެވެ. ޕާކިސްތާނުގެ މީޑިއާ ކޮމިޝަނުން އެތާގެ މީޑިއާ އޮގަނައިޒޭޝަންތަކަށް ވެލަންޓައިން ދުވަސް ޕްރޮމޯޓްނުކުރުމުގެ އެންގުމެއް އަންގާފައިވަނީ 2018 ވަނަ އަހަރުއެވެ.

މިހެން މިކަންތައް އޮތަސް ޒުވާނުންގެ މެދުގައި މިދުވަހު ލައްކަ ގިނަ މެސެޖުތައް ބަދަލުކުރެވެމުންދެއެވެ. ހަދިޔާބަދިޔާ ބަދަލުކުރުންވެސް އޮވެއެވެ. ސައުދީ އަރަބިޔާގައި 2002 ވަނަ އަހަރުން ފެށިގެން ވެލަންޓައިން ދުވަހާ ގުޅޭ ތަކެތި ވިއްކުމާއި ބެހުން އޮންނަނީ މަނާކުރެވިފައެވެ. ރަތް ފިނިފެންމަލާއި ރަތްކުލައިގެ ފުއްޕާހަމާއި ރަތްކުލައިގެ ހިތާއި މިހެންގޮސް ލޯބީގެ ނިޝާންތަކެއް ކަމަށް ހީކުރެވިދާނެ ރަތްކުލަ ހުންނަ ހުރިހާ އެއްޗެއް އެދުވަހު ވިއްކުން މަނަލެވެ. މީގެ ސިއްރަކީ ވެލަންޓައިން ދުވަހަކީ ނަސާރާއިންގެ އީދެއްކަމަށްވުމާއި ވެލަންޓައިން ދުވަސް ފާހަގަކުރުމަކީ ބޮޑުވެގެންވާ ބިދުއައެއް ކަމުގައި ސައުދީ ދަންނަބޭކަލުންވެސް ފަތުވާ ނެރުއްވާފައިވުމެވެ.

ބައެއް އަހަރުއަހަރު ސައުދީ ފުލުހުން ނެރެގެން ވެސް ފިހާރަތަކުން ރަތް ފިނިފެންމާ ހުސްކުރާން ޖެހެއެވެ. އަދި މީހުންވެސް ހައްޔަރުކުރާން ޖެހެއެވެ. މިގޮތަށް މިކަން އޮންނާތީ ވެލަންޓައިން ދުވަހު ބަދަލުކުރެވޭ ހަދިޔާތަކަށް ވަރަށް ބޮޑު ކަޅުބާޒާރެއް އޮންނަނީ އުފެދިފައެވެ. އެއީ ޒުވާނުންގެ ތެރޭގައި މިދުވަސް ފާހަގަކުރުމުގެ ރޫހު ބޮޑުކަމުންނެވެ. އިސްލާމީ ގައުމުތަކުގެ ތެރެއިން މެލޭޝިޔާ އާއި ބަނގްލަދޭޝްގައި ވެސް ވެލަންޓައިން ދުވަސް ފާހަގަކުރުމަކީ ގޯހެއް ކަމުގައި ސިޔާސީ ފަރާތްތަކުންނާއި ދަންނަ ބޭކަލުންވެސް ވިދާޅުވެ ވަކާލާތު ކުރައްވަމުން ގެންދަވައެވެ. ސަރުކާރުން މިދުވަހުގެ ހަރަކާތްތަކަށް ހިތްވަރެއް ނުދެއެވެ. އެހެންނަމަވެސް ގިނަ ޒުވާނުން ތިބެނީ މިދުވަސް ނައިސްގެންނެވެ.