(7 ފެބުރުއަރީގެ އަދަދާ ގުޅޭ)
الخــلفــاء الــرّاشــدون ގެ ޒަމާނުގައި ސަރުކާރަށް ފާޑުކިޔުމާއި ޚިޔާލު ފާޅުކުރުމުގެ ފުރިހަމަ މިނިވަންކަން ރައްޔިތުންނަށްވަނީ ލިބިފައެވެ. ޚަލީފާއިން އަބަދުވެސް ތިއްބެވީ ރައްޔިތުންގެ އަތްފޯރާ ހިސާބުގައެވެ. عـمــر رضى اللّــه عنــه އެއްފަހަރަކު އެކަލޭގެފާނުގެ މަޖްލިސެއްގައި ސުވާލުކުރެއްވިއެވެ. "އަހަރެން ބައެއް ކަންކަމުގައި ކުށްގޮތެއް ނުވަތަ ފަރުވާކުޑަގޮތެއް ޚިޔާރުކުރާނަމަ ތިޔަބައިމީހުން ހަދާނީ ކިހިނަކުންހެއްޔެވެ؟" އެވަގުތު ޞަޙާބީންގެ ބޭކަލެއް ތެދުވެވަޑައިގެން ޖަވާބު ދެއްވިއެވެ. "އަޅުގަނޑުމެން ކަލޭގެފާނު ތީރެއްފަދައިން ސީދާކޮށްލާނޫއެވެ." عـمــر ގެފާނު ޖަވާބު ދެއްވިއެވެ. "ކަލޭގެފާނަކީ ބޭނުންތެރި ބޭކަލަކީމުއެވެ." الخــلفــاء الــرّاشــدون ގެ ތެރެއިން އެންމެބޮޑަށް ފާޑުކިޔުން އަމާޒުވީ أميـــرالمـؤمـنــيـن عـثمـان رضى اللّــه عنــه އަށެވެ. ނަމަވެސް އެކަލޭގެފާނުވެސް ބާރުގެ ބޭނުންކުރައްވައިގެން މީހުންގެ ދޫ ބަންދުކުރައްވާކަށެއް މަސައްކަތްޕުޅެއް ނުކުރައްވައެވެ. އެކަލޭގެފާނަށް ފާޑުކިޔާ މީހުންނަށާއި އިޢުތިރާޟުކުރާ މީހުންނަށް ޢާންމު އެއްވުންތަކުގައި އެކަލޭގެފާނުގެ ސިޔާސަތާއި ކަންކުރައްވާގޮތް ވިދާޅުވެދެއްވައެވެ. މުސްލިމުންގެ ޚަލީފާއާއި ރައްޔިތުންނާ ދެމެދު އެއްވެސްކަމެއްގައި ޚިލާފެއް އުފެދިއްޖެކަމުގައިވާނަމަ އެކަމެއްގައި ޙަކަމަކަށް ހަދާންޖެހޭނީ މާތް اللّــه ގެ ފޮތާއި އެކަލާނގެ ރަސޫލާގެ ސުންނަތެވެ. ޚަލީފާ ނުވަތަ މުސްލިމުންގެ އެއްވެސް އަމީރަކު ޝަރްޢީ ޙައްދުތަކުގެ އިމުން ބޭރުވެވަޑައިގެންފިނަމަ އެބޭކަލަކަށް އެއްބާރުލުން ދިނުން ހުއްދަވެގެންނެއް ނުވެއެވެ. ޝައްކެއްނެތެވެ. މުސްލިމުންނަށް އަމުރުވެވިގެންވަނީ އަމީރަށް ކިޔަމަންވުމަށެވެ. އެކަމަކު ޝަރުޠަކާ އެކުގައެވެ. އަމީރަކު އުރެދުމަކަށް އަމުރުކުރައްވައިފިނަމަ އެބޭފުޅަކަށް އަހައި ކިޔަމަންވުމެއް ނޯންނާނެއެވެ. މުސްލިމުންގެ އަމީރު ނުވަތަ އަމީރަކު މާތް اللّــه ގެ ފޮތް ޤާއިމު ނުކުރައްވާނަމަ ނުވަތަ ޝަރީޢަތުގެ ޙުކުމްތައް ތަންފީޒު ނުކުރައްވާނަމަ ޖާއިޒުވެގެންވަނީ އެބޭފުޅަކު މަޤާމުން ދުރުކުރުމެވެ. އެހެނީ ޙާކިމުންނަށް ކިޔަމަންވާން އަމުރުކުރައްވައިފައިވާ ޙަދީޘްފުޅުގައިވަނީ މުސްލިމުންގެ މެދުގައި މާތް اللّــه ގެ ފޮތާ ޤާއިމުކުރައްވާހައިހިނދަކު އަމީރަށް ކިޔަމަންވުމަށެވެ. (ބުޚާރީ)
މި ސިލްސިލާގައި ބަޔާންކުރަމުން އަންނަ ފަދައިން އަމީރަކު ޢައްޔަންކުރުމަކީ މުސްލިމުންގެ މައްޗަށް ވާޖިބު ކަމެކެވެ. އެކަން ވާޖިބުވުމުގެ އެންމެ ބޮޑު އެއް ޙިކުމަތަކީ ޝަރީޢަތުގެ ޙުކުމްތައް ތަންފީޒުކުރުމެވެ. ޙާކިމުންނާއި އަމީރުން ޝަރީޢަތް ތަންފީޒުކުރެއްވުމެއްނެތި ރާޚާނާތައް ހުޅުއްވައިގެން އުޅުއްވާނަމަ އިސްލާމްދީނުގައި އަމީރެއްގެ މަގާމު ޝަރުޢުވުމުގެ މަޤްޞަދާ ޚިލާފުވީއެވެ. އެހެންކަމުން އެފަދަ އަމީރަކާ ތަބާވުން ހުއްދައެއް ނޫނެވެ. އެފަދަ އަމީރުން ޢަޒުލުކުރެވޭނެއެވެ. މިދެންނެވިފަދަ ވެރިޔަކަށް އެއްބާރުލުންދީ އޭނާގެ އަނިޔާވެރިކަން ޙިމާޔަތްކޮށްފި މީހަކީ މުސްލިމުންގެ ތެރެއިން ހިމެނޭ މީހެއް ނޫނެވެ. ކައުސާހިބާ صلّــى اللّــه عليـه وسلّـم އެފަދަ މީހުނާ ބެހޭގޮތުން ޙަދީޘްކުރައްވައިފައިވެއެވެ. "އެފަދަ މީހުންނަކީ އަހުރެންގެ ޖަމާޢަތުގެ ބައެއް ނޫނެވެ. އަދި އަހުރެންނާ އެއްވެސް ގުޅުމެއްހުރި ބައެއްވެސް ނޫނެވެ." (ތިރުމިޒީ، ނަސާޢީ)
7. ސީރަތުގެ ރީތިކަމާއި ޝަޚްޞިއްޔަތުގެ ހަރުދަނާކަމަކީވެސް މުސްލިމުންގެ އަމީރެއްގެ ގައިކޮޅުގައި ހުރުން މުހިންމު ސިފަތަކެވެ. މާތް اللّــه ގެ ރަސްކަންފުޅަށް ވަރަށްބޮޑަށް ބިރުވެތިވާ ނުހަނު ތަޤްވާވެރި މީހުންވެސް މުސްލިމުންގެ ޖަމާޢަތުގައި ތިބެއެވެ. ކުރިޔަށް ނެރޭންވީ އެފަދަ މީހުންނެވެ. މާތް اللّــه ގެ ޙަޟްރަތުގައި އެންމެ މާތް މީހަކީ އެންމެ ތަޤްވާވެރި މީހެކެވެ. ތަޤްވާއަކީ އިންސާނުންގެ ދޫ ރައްކައުތެރިކޮށްދޭ ސިފައެކެވެ. ތަޤްވާގެ ސަބަބުން މީހުންގެ މިޒާޖު މެދުމިންކޮށްދެއެވެ. ތަޤްވާވެރިޔަކީ ރުޅިއިސް މީހެއްނޫނެވެ. އޭނާއަކީ އިސްނާނުންގެ ޤަދަރު ދަންނަ މީހެކެވެ. އޭނާގެ ތަވާޟުޢުވެރިކަން އޭނާ ބޮޑާވިޔަކަ ނުދެއެވެ. ތިމާއަކީ އެހެންމީހުންނަށްވުރެ މަތިވެރި މީހެއްކަމަށާއި، މޮޅުމީހަކު ކަމުގައި ދެކޭކަށެއް ޖާގައެއް ނުދެއެވެ.
8. ޒަކާތުގެ އިޖްތިމާޢީ ނިޒާމު ޤާއިމުކުރެއްވުމަކީވެސް މުސްލިމުންގެ އަމީރެއްގެ ޒިންމާއެކެވެ. އަމީރަކު މުސްލިމުންގެ އެތައްބަޔެއްގެ ނަފަޤާތާ ޙަވާލުވެވަޑައިގަންނަވާންޖެހެއެވެ. އެކިގޮތްގޮތުން މާލީ އެހީ ބޭނުންވާ މީހުންނެވެ. ތަނަވަސްކަމުގެ ވަސީލަތްތަކުން މަޙްރޫމުވެފައިވާ މީހުންނެވެ. ސަރުކާރުގެ ހުރިހައިކަމެއް ރާއްވަވައި އިންތިޒާމުކުރައްވައި ސަރުކާރު ހިންގަވަން ބޭނުންވާ ވަސީލަތްތައް ހޯއްދަވައި ތައްޔާރުކުރެއްވުމަކީވެސް އަމީރެއްގެ މައްޗަށް ލާޒިމު ކަމެކެވެ. އެއީ ވަގުތީކަމެއް ނޫނެވެ. ދުވަހުން ދުވަހަށް ހަމަޖައްސަވަމުން ގެންދަވާން ޖެހިވަޑައިގަންނަވާ ކަންކަމެވެ. އެހެންކަމުން އަމީރަކީ މުއްސަނދިފުޅު ބޭފުޅަކު ކަމުގައިނުވާނަމަ ބައިތުލްމާލުން މުސާރަފުޅެއް ނެންގެވިދާނެއެވެ. އެބޭފުޅެއްގެ ދުވަހު ޚަރަދަށް ފުދޭވަރަށެވެ. އަމީރަކީ ބައިތުލްމާލުގެ ހަވާލުދާރެވެ. ބަނޑޭރިއެވެ. ވެރިޔާއެއް ނޫނެވެ. އެހެންކަމުން ބައިތުލްމާލަކީ އަމިއްލަފުޅު މިލްކިއްޔާތެއްކަމުގައި ބައްލަވައިގެން ބައިތުލްމާލުން ޚަރަދެއް ނުކުރެއްވޭނެއެވެ. އަމިއްލަފުޅު މަޖަލާއި އަރާމާއި އުފާފުޅުތަކަށް ބައިތުލްމާލުން ހޭދަކުރެއްވުމަކީ ހުއްދަ ޙަލާލުކަމެއް ނޫނެވެ. މުސްލިމުންގެ އަމީރަކު އެގޮތަށް ޢަމަލުކުރައްވާކަމުގައިވާނަމަ އެބޭފުޅެއްގެ ކިބައިން އެވަނީ މުސްލިމު އަމީރެއްގެ ސިފައެއް ނެތިގެންގޮސްފައެވެ.
9. މުސްލިމުންގެ އަމީރު ނުވަތަ ޚަލީފާއަށް ވަނީ ޤާނޫނުއަސާސީއާއި ޤާނޫނުތައް ހެއްދެވުމުގެ ޙައްޤު ލިބިވަޑައިގެންފައެވެ. ޝޫރާގެ ޒަރީޢާއިންނެވެ. ޤައުމުގެ ކަމުވޮށީންގެ ބައިވެރިވެވަޑައިގެންނެވުމާ އެކުގައެވެ. ދުސްތޫރާއި (ޤާނޫނުއަސާސީ) ޤާނޫނުތަކުގެ ތަރަހައަކަށް ވާންޖެހޭނީ ޤުރްއާނާއި ސުންނަތެވެ. ޞަޙާބީން ޢަމަލުކުރެއްވި ގޮތްކޮޅާއި އިޖުމާޢަކީވެސް ޤާނޫނު ހެދުމުގައި އަސްލުތަކެއްކަމުގައި ބެލެވޭނެއެވެ. ޤާނޫނާ ނުލައެއް އެއްވެސް ސަރުކާރެއް ނުހިންގޭނެއެވެ. އަމީރު ނުވަތަ ޚަލީފާއަށް ޤައުމުގެ ކަމުވޮށީންނާއި ޝޫރާގެ ޒަރީޢާއިން ޤައުމުގެ ވަރަށްގިނަ ކަންކަމަށް ޤާނޫނު ހެއްދެވިދާނެއެވެ. ޤާނޫނު ހެއްދެވުމަށްޓަކައި ކޮމެޓީތަކެއްވެސް އުފެއްދެވިދާނެއެވެ. އެކޮމެޓީތަކުގެ ހައިސިއްޔަތަކަށްވާނީ ލެޖިސްލެޓިވެއްގެ ހައިސިއްޔަތެވެ. ޝަރީޢަތާ ޚިލާފަށް އެއްވެސް ޤާނޫނެއް ނުހެއްދެވޭނެއެވެ. ޤާނޫނުތައް ހައްދަވަންވާނީ ކީރިތި ޤުރްއާނާއި ސުންނަތުގެ އަލީގައެވެ. ކީރިތި ޤުރްއާނުގައި ޞަރީޙަ ބަސްފުޅުން ވަޙީކުރައްވައިފައިވެއެވެ.
"އަދި اللّــه އާއި، އެކަލާނގެ ރަސޫލާ ކަމަކަށް ނިޔާކުރައްވައިފިހިނދު، މުއުމިނު ފިރިހެނަކަށްވެސް އަދި މުއުމިނު އަންހެނަކަށްވެސް އެކަމުގައި އެއުރެންނަށް އިޚްތިޔާރެއް އޮތުމަކީ ނެތްކަމެކެވެ." (الأحــزاب: 36)
ކީރިތި ޤުރްއާނާއި ސުންނަތުން ކަމެއްގެ ޙުކުމް ނުފެނިއްޖެކަމުގައިވާނަމަ އިޖްތިހާދު ކުރެއްވުމަކީ އެކަމުގެ އަހުލުވެރި ޢިލްމުވެރީންނަށް ލިބިވަޑައިގެންފައިވާ ބާރެކެވެ. ކައުސާހިބާ صلّــى اللّــه عليـه وسلّـم އެމާތް ސާހިބާގެ ޢިލްމުވެރި ޞަޙާބީއެއްކަމުގައިވާ مـعــاذ بــن جـبــل رضى اللّــه عـنــه ޔަމަންކަރައިގެ ގަވަރުނަރުކަމުގައި ފޮނުއްވުމުގެ ކުރީން އެކަލޭގެފާނު އިމްތިހާނު ކުރެއްވިއެވެ. އިތުރު ސާހިބާ ސުވާލުކުރެއްވިއެވެ. "ކަލޭގެފާނު ޢަމަލުކުރައްވަނީ ކޮންގޮތަކަށްތޯއެވެ؟" مـعــاذ ޖަވާބުދެއްވިއެވެ.
"އަޅުގަނޑު ކަންކަން ނިންމަމުން ގެންދަނީ މާތް اللّــه ގެ ފޮތާ އެއްގޮތަށެވެ." އިތުރު ސާހިބާ ސުވާލުކުރެއްވިއެވެ. "މާތް اللّــه ގެ ފޮތުން އެކަމެއްގެ ޙުކުމް ފެނިވަޑައިނުގެންފިނަމަ ދެން ހައްދަވާނީ ކިހިނަކުންތޯއެވެ؟" مـعــاذ ޖަވާބުދެއްވިއެވެ. "މާތް اللّــه ގެ ރަސޫލާގެ ސުންނަތާ އެއްގޮތަށެވެ." އިތުރު ސާހިބާ ޙަދީޘްކުރެއްވިއެވެ. "ސުންނަތުންވެސް ފެނިވަޑައިނުގެންފިނަމަ ދެން ހައްދަވާނީ ކިހިނަކުންތޯއެވެ؟" مـعــاذ ވިދާޅުވިއެވެ. "އެފަދަ ކަންކަމުގައި އަޅުގަނޑު އިޖްތިހާދު ކުރާނީއެވެ."
ޤައުމުގެ ދާޚިލީ ދާއިރާގައިވެސް ޤާނޫނުތަކަށް ބޭނުންވާނެއެވެ. ބައިނަލްއަޤްވާމީ ގުޅުންތަކުގެ ދާއިރާގައިވެސް ޤާނޫނުތަކަށް ބޭނުންވާނެއެވެ. އެހެންކަމުން ކޮންމެ ސަރުކާރެއްގައިވެސް ޤާނޫނު ހަދާ މަޖިލީހެއް އޮވެއެވެ. އެޑްމިނިސްޓްރޭޝަން ނުވަތަ ހިންގުމުގެ ދާއިރާއެއް އޮވެއެވެ. ޢަދުލިއްޔާ ނުވަތަ ނިޔާކަނޑައެޅުމުގެ ބާރެއް (ދާއިރާއެއް) އޮވެއެވެ. އަމީރު މިތިން ދާއިރާވެސް އުފައްދަވާންވާނީ ޝޫރާއާ ސިންތާކުރައްވައިގެންނެވެ. ޝޫރާގެ ލަފަޔާ އެއްގޮތަށެވެ.
ނިޔާކަނޑައެޅުމުގެ ދާއިރާ އެންމެފުރިހަމަޔަށް މިނިވަންކުރެއްވުން ލާޒިމެވެ. އެންމެ ޢާންމު ފަރުދުންނަށްވެސް ކުޑަވެސް ފަސްޖެހުމެއްނެތި ވަލިއްޔުލްއަމުރުގެ މައްޗަށް ދަޢުވާ އުފުލޭވަރަށެވެ. ކުޑަވެސް ތެހުމެއް ފަސްޖެހުމެއްނެތި ޢަދުލިއްޔާއަށް އެދަޢުވާއެއްގެ ނިޔާކަނޑައެޅޭ ވަރަށެވެ. أميـــرالمـؤمـنــيـن عـلــى رضى اللّــه عـنــه ގެ ޚަލީފާކަމުގައި އެކަލޭގެފާނު އެކިފަހަރުމަތީން ފަނޑިޔާރުގެއަށް ހާޒިރުވެވަޑައިގެންނެވިއެވެ. ޚަސްމެއްގެ ހައިސިއްޔަތުންނެވެ. ނިޔާކަނޑައެޅުމުގެ ބާރު މިނިވަންވެފައިނުވާނަމަ ޢަދުލުއިންޞާފު ޤާއިމެއް ނުކުރެވޭނެއެވެ. އިސްލާމީ ދައުލަތެއް އުފެއްދުމުގެ މަޤްޞަދުތަކުގެ ތެރެއިން އެއް މަޤްޞަދަކީ ޢަދުލުއިންޞާފު ޤާއިމުކުރުމެވެ.
އިސްލާމީ ދައުލަތެއްގެ އަމީރަށް އޭނާގެ ސަރުކާރަކީ ޕާލަމެންޓްރީ ނިޒާމުގެ ސަރުކާރެއް ކަމުގައިވެސް ހެއްދެވިދާނެއެވެ. ރިޔާސީ ނިޒާމުގެ ސަރުކާރެއްވެސް ހިންގެވިދާނެއެވެ. މިއިން ކޮންމެ ނިޒާމެއްގެ ސަރުކާރެއް އުފެއްދެވިކަމުގައިވިޔަސް އެސަރުކާރެއް ބިނާކުރައްވާން ޖެހިވަޑައިގަންނަވާނީ މަޝްވަރާގެ ބިންގަލުގެ މަތީގައެވެ. އެހެން ނުހައްދަވައިފިނަމަ އެސަރުކާރަކީ އިސްލާމީ ސަރުކާރަކަށް ނުވާނެއެވެ.
10. އުންމަތުގެ މޮހުމާއި ބަނުމުގެ އަހުލުވެރީންނާއި ކަމުވޮށީންގެ މަޝްވަރާއާ ނުލައި ބާރުގެ ބޭނުންކޮށްގެން ނުވަތަ ޑިޕްލޮމަސީގެ ޗާލާކީއަކުން ނުވަތަ މަކަރުވެރިކަމުގެ އެހެންވެސް އުކުޅަކުން މީހަކު ވެރިކަމަށް އައިކަމުގައިވިޔަސް އިސްލާމްދީނުގެ ނަޒަރުގައި އެއީ ޞައްޙަ ވެރިކަމެއް ނޫނެވެ. އެ އަމީރަކީ ޣަސްބުން ވެރިވެހުރި މީހެކެވެ. ކަންހުރިގޮތުގެ ޙަޤީޤަތަކީ މިއީކަމުގައިވިޔަސް އިސްލާމީ އުންމަތުގެ ތާރީޚުގައި މިފަދަ ގޮތްގޮތުން ވެރިކަމަށް އަރައިފައިވާ މީހުން ވަރަށްގިނައެވެ. މިއަދު އިސްލާމީ ޤައުމުތަކުގައި ތިއްބެވި ވެރީންގެ މައްޗަށް ކަޅިހިންގައިލާއިރުވެސް އޭގެތެރެއިން ބައެއް ބޭފުޅުންގެ ކާބަފައިކަލުން ވެރިކަން ހޯއްދެވީ ޢަސްކަރީ ބާރުގައެވެ. އެއަށްފަހު ވެރިކަމާއި ދައުލަތުގެ މިލްކިއްޔާތު ޚާންދާނީ ވާރުތަޔަކަށް ހެއްދެވީއެވެ. ސަޢޫދީ އެރެބިޔާފަދަ ޤައުމުތަކުގައެވެ. ބަންގްލާދޭޝްގައި އޮތް ވެރިކަމުގެ އަސްލަކީ އިސްލާމީ އުންމަތާ ދެކޮޅަށް އިންޑިޔާގެ ހިންދީން ހިންގި މުއާމަރާއެކެވެ. މިސުރުގެ ވެރިކަމުގައި އެހުންނެވީ ކަނޑައެޅިގެންހުރި ޣާސިބެކެވެ. އެހެންކަމުން އެސަރުކާރުތަކަކީ އިސްލާމީ ސަރުކާރުތަކެކޭ ބުނެވޭނެ ހަމައެއްނެތެވެ. ކައްޗަށްއެޅި ބިންގަލެއްގެ މަތީގައި ކެއްޗާ ހަމަޔަށް ނެގިޔަސް ސީދާކަމެއް ނުހުންނާނެއެވެ.
ޝައްކެއްނެތެވެ. އަނިޔާއާއި ގަދަބަދަވިކަމުން ވުޖޫދަށް ގެންނަ ސަރުކާރުތަކަށްވެސް ވަކިހިސާބަކުން އުންމަތް ބޯލަނބާން މަޖުބޫރުވެއެވެ. ދުނިޔެ އެފަދަ ސަރުކާރުތައް ގަބޫލު ކުރެއެވެ. ކޮންމެ ސިފައެއްގައިވެސް ސަރުކާރަކީ އިންސާނީ ބޭނުމަކަށް ވާތީއެވެ. ޖާއިޒުކަމުގައިވިޔަސް ނާޖާއިޒުކަމުގައިވިޔަސްވެހެވެ. ޤައުމެއްގެ މޮހުމާއި ގޮށްޖެހުމުގެ ވެރީންގެ މަޝްވަރާއާނުލައި ވުޖޫދަށް ގެނެވޭ ސަރުކާރަކީ ވެރިކަން ޤާއިމުކުރުމުގެ އިސްލާމީ ނިޒާމުން ޞައްޙަކަމުގައި ބަލައިގަންނަ ސަރުކާރެއް ނޫނެވެ.
عــمــر رضى اللّــه عـنــه އެކަލޭގެފާނުގެ ޙަޔާތްޕުޅުގެ ފަހު ދައުރުގައި ކުރެއްވި ޙައްޖު ދަތުރުފުޅެއްގައި މީހަކު ބުނިބުނުމެއްގެ ވާހަކަ އިވިވަޑައިގެންނެވިއެވެ. އޭނާ ބުނެފައިވެއެވެ. "މިއަދު عــمــر ގެފާނު އަވަހާރަވެއްޖެކަމުގައިވާނަމަ އަހަރެން ވަގުތުން އެވެނި ބޭކަލަކަށް ބައިޢަތު ހިފާނަމެވެ. އެގޮތުން އެބޭކަލަކު ޚަލީފާކަމަށް ޢައްޔަންވާނެއެވެ. أبــوبكــر ގެފާނުގެ ޚަލީފާކަން ޤާއިމުވީވެސް އެފަދައިން ކުއްލިގޮތަކަށެވެ. މުސްލިމުން އެކަން ޤަބޫލުކުރިއެވެ." عــمــر رضى اللّــه عـنــه އެވާހަކަޔާމެދު ވަރަށްބޮޑަށް ހިތްޕުޅާ ހަމަނުކުރައްވައި ވިދާޅުވިއެވެ. "އަހުރެން މިއަދު ހަވީރު ތިޔަ މައްސަލަޔާ ބެހޭގޮތުން ތަޤްރީރުކުރާނަމެވެ. ތިޔަފަދަ ނިންމުންތަކުގެ ރަނގަޅު ނޫންކަން މީސްތަކުންނަށް އަންގައިދޭނަމެވެ." އެވަގުތު عبـدالــرّحمــن بــن عــوف رضـى اللّــه عنـه މަޝްވަރާ އެރުއްވިއެވެ. "މިތާނގައި އާންމުންގެ ހުޖޫމެއްގައި ތަޤްރީރު ނުކުރައްވާށެވެ. މަދީނާއަށް ވަޑައިގެން ރަނގަޅު މާހޫލެއްގައި ވާހަކަފުޅު ދައްކަވާށެވެ." عــمــر رضى اللّــه عـنــه އެ މަޝްވަރާ ޤަބޫލުކުރެއްވިއެވެ. މަދީނާއަށް އެނބުރިވަޑައިގެން މުނާސަބު ވަގުތެއްގައި އެއްދުވަހެއްގެ ހުކުރު ޚުޠުބާގައި ވަރަށް އަސަރުގަދަ ބަޔާނެއް ދެއްވިއެވެ. އެބަޔާނުގެ ތެރޭގައި ވިދާޅުވެފައިވެއެވެ.
ތިޔައިގެ ތެރެއިން މީހަކު މިހެން ބުނިކަން އަހަރެންނަށް އެނގިއްޖެއެވެ. "މާތް اللّــه އަށްޓަކައި ބުނަމެވެ. عــمــر އަވަހާރަވެއްޖެނަމަ އަހަރެން މިވެނިމީހަކަށް ބައިޢަތު ހިފާނަމެވެ." ފަހަރެއްގައިވެސް އެކަކުވެސް އޭނާގެ ވާހަކައިން ކެހިލިބިނުގަންނާށެވެ. أبــوبكــر ގެފާނަށް ބައިޢަތު ހިފެވުނީ ކުއްލިގޮތަކަށް ކަމަށާއި، އެކަމަކު އެބައިޢަތު ކާމިޔާބުވިކަމުގައި އޭނާ ބުނިކަމުގައިވިޔަސްވެހެވެ. ޝައްކެއްނެތެވެ. އެކަލޭގެފާނަށް ބައިޢަތު ހިފެވުނީ ކުއްލިގޮތަކަށެވެ. އެކަމަކު މާތް اللّــه އެއަވަސް ޢަމަލުގެ ގެއްލުމުން މުސްލިމުން ރައްކާތެރިކުރެއްވިއެވެ. ތިޔަބައިމީހުންގެ ތެރޭގައި أبــوبكــر ގެފާނުފަދަ މީހަކު ނެތެވެ. އެމީހެއްގެ މާތްކަމަށް އެތައް ހިސާބެއްގެ ދުރުއްސުރެ އިޢުތިރާފުވާފަދަ މީހަކު ނެތެވެ. ޚަބަރުދާރެވެ! މީހަކު މުސްލިމުންގެ މަޝްވަރާއާ ނުލައި މީހަކަށް ބައިޢަތު ހިފިކަމުގައިވިޔަސް ތިޔަބައިމީހުން އެކަން ބަލައިނުގަންނާށެވެ. ބައިޢަތު ނުހިފާށެވެ."
އިސްލާމީ ސިޔާސީ ނިޒާމުގައި ވެރިޔަކު އިންތިޚާބުކުރެވޭނީ ކޮންގޮތަކަށްތޯއެވެ؟ އަމީރެއްގެ ކިބައިގައި ހުރުން އިސްލާމީ ސިޔާސީ ނިޒާމުގައި ލާޒިމުކަމުގައި ބަލާ ސިފަތަކާއި ޤާބިލިއްޔަތުތަކަކީ ކޮބައިތޯއެވެ؟ މެކިޔާވެލީ (ވިހެއީ 1469މ. ގައި) ހުށަހަޅާ ސިފަތަކާ އެކަންކަމާ އަޅައިބަލައިލަމާ ހިންގަވާށެވެ. މެކިޔާވެލީއަކީ އިޓަލީއަށް އުފަން މީހެކެވެ. ޔޫރަޕުގެ ލާދީނީ ފިކުރިއްޔާތުގެ އިމާމުންކުރެ އެންމެއިސް އެކަކީ އޭނާއެވެ. އޭނާއަކީ އިންސާނީ ފިޠުރަތުތަކާމެދު ކުށްހީތަކެއްގައި ހައްޔަރުވެފައިހުރި މީހެކެވެ. ސަރުކާރުވެސް ޙާކިމުވެސް އެއްވެސްކަހަލަ އަޚްލާޤީ އަގެއް ގަބޫލުކުރާކަށެއް އޭނާ ބޭނުމެއް ނުވެއެވެ. އޭނާ ދުރުމީއެޅީ އިންސާނީ ޙަޔާތުގެ އަނދިރިފަރާތަށެވެ. އޭނާއަކީ މާޔޫސްވެފައިހުރި މީހެކެވެ. އުންމީދު ގެއްލިފައިހުރި މީހެކެވެ. އޭނާ ބުނާގޮތުގައި ސަރުކާރުވެސް ޙާކިމުވެސް އަޚްލާޤީ އުސޫލެއް ހިފެހެއްޓުމަކީ މޮޔަކަމެކެވެ. އޭނާގެ ގާތުގައި އަސްލު އެއްޗަކީ ސިޔާސީ ބާރެކެވެ. އަޚުލާޤީ އުސޫލަކާ އެއްގޮތަށް ހިނގުމުން ސިޔާސީ ބާރަށް އެއްވެސްވަރެއްގެ ލޮޅުމެއްއަރައި ނުގުސާނެއް ފޯރުމުގެ އެކަށޭނަކަށް އޮތްކަމުގައިވާނަމަ އަޚްލާޤީ އުސޫލުތައްވާނީ ދޫކޮށްލާށެވެ. ފުރަގަހަށް އެއްލައިލާށެވެ. ސިޔާސީ މަކަރާއި ހީލަތާއި މުނާފިޤު ޑިޕްލޮމެސީގެ އިމާމެއްކަމުގައި ބެލެވެނީ މެކިޔާވެލީއެވެ. މެކިޔާވެލީގެ ސިޔާސީ ފަލްސަފާ ޔޫރަޕުގައިވަނީ ވަރަށްބޮޑަށް މަޤްބޫލުވެފައެވެ. ޔޫރަޕުގެ ސިޔާސީ ނަޒަރިއްޔާތަކާއި ބައިނަލްއަޤްވާމީ ގުޅުންތަކާބެހޭ ނަޒަރިއްޔާތައް ވަރަށްބޮޑަށްވަނީ މެކިޔާވެލީގެ ތައްގަނޑަށް ފެތިފައެވެ. މެކިޔާވެލީ ވަނީ ދީން ސިޔާސަތުން ބޭރުކޮށްފައެވެ.
(ނުނިމޭ)
އިސްލާމީ ތާރީޚު
އިސްލާމީ ތާރީޚު
އިސްލާމީ ތާރީޚު
އިސްލާމީ ތާރީޚު