ލ. ގަމު ހޮސްޕިޓަލުގައި މިދިޔަ ބުރާސްފަތި ދުވަހު ސިޒޭރިއަން ހެދި އަންހެނެއް ހާލު ސީރިއަސްވެ ފަރުވާ ދޭން ފަށައިފި އެވެ.

ނަން ނުޖެހުމަށް ޝަރުތުކޮށް އާއިލާގެ ފަރާތުން "ވަން" އާ ވާހަކަ ދެއްކި މީހަކު މިއަދު ބުނީ އަންހެން މީހާއަށް މިހާރު އައިޖީއެމްއެޗްގެ އައިސީޔޫގައި ފަރުވާ ދެމުން އަންނަ ކަމަށެވެ. އެ އަންހެންމީހާ ސިޒޭރިއަން ހެދުމުގެ ތެރޭގައި ދިމާވި ކަމަކުން ލޭ މަދުވެ ސިކުނޑިއާއި ލިވާ އަދި ކިޑްނީއަށް އަސަރު ކޮށްފައިވާ ކަމަށް އާއިލާއިން ބުންޏެވެ. ނަމަވެސް މިހާރު ލިވާ އަދި ސިކުނޑީގެ ހާލަތު ރަނގަޅު ކަމަށާއި ކިޑްނީ މަސައްކަތް ކުރުން ދުވަހެއް ދުވަހަކަށް ދަށްވަމުންދާ ކަމަށް އޭނާ ބުންޏެވެ.

"ހެނދުނު 10:30ގަ އޭނަ ސިޒޭރިއަން އަށް ވެއްދީ. 12 ޖެހި އިރު ނެރުނު އިރު ހެޔެއް ނާރާ. އިރުކޮޅެއްފަހުން މަޑު މަޑުން ހޭވެރިކަން އައި. އެކަމަކު ވަރަށް ބޮޑަށް ރިއްސާތީ އުޅުނީމަ 1:00 ޖެހި އިރު ނަރުހުންގެ ސަމާލުކަމަށް އެކަން ގެނައިން. ނަރުހުން އައިސް އިންޖެކްޝަނެއް ޖެހީ. ރިހުމަށް ބަދަލު ނައިސް އަނެއްކާ ތިނެއްޖެހި އިރު ނަރުހުން އައިސް ދެވަނަ އިންޖެކްޝަނެއް ޖެހީ. އެއާއެކު އޭނަ އެއްކޮށް ހުއްޓުނީ." ހާދިސާ ހިނގައި ދިޔަގޮތް ހިއްސާކުރަމުން އޭނާ ބުންޏެވެ.

އޭނާ ބުނީ އުމުރުން 35 އަހަރުގެ އެ އަންހެން މީހާ، މިދިޔަ ބުރާސްފަތި ދުވަހު ހެދީ އޭނާގެ ތިން ވަނަ ސިޒޭރިއަން ކަމަށެވެ. ހާލަތު ގޯސްވާން ފެށީ ތަދުކެނޑުވުމަށް ޖެހި ދެވަނަ އިންޖެކްޝަނާއެކު ކަމަށެވެ. އަދި މިނިޓެއް ވަންދެން އަންހެންމީހާގެ ހިތް ހުއްޓިފައިވާ ކަމަށް ޑޮކްޓަރުންނާ ހަވާލާދީ އޭނާ ވަނީ ބުނެފަ އެވެ.

"ހިތް މިހުއްޓުނީ އަދި މުޅި މީހާގެ ހާލު ސީރިއަސް މިވީ ހަގީގަތަށް ބުނާ ނަމަ ނަރުހުންގެ އިހުމާލުން. އެއީ ބްލަޑް ޕްރެޝާ ގަވާއިދުން ޗެކް ނުކުރެވުނީމަ. ސިޒޭރިއަން ހެއްދުމަށްފަހު ނެރުނީއްސުރެން އެ މީހުން ނެތް އެއްވެސް ވަރަކަށް ބީޕީ ބަލާފައެއް. އަދި ޕޭޝަންޓު ރަނގަޅަށް މޮނިޓާ ކޮށްފައެއް. ނާރެއް ހަގީގަތުގަ ބުރިއެއް ނުވޭ. ސިޒޭރިއަން ހަދާއިރު ކަފާލާ ދިމާލުން ހުންނާނެ ނާރުތައް. އެ ނާރުތައް އަސްލު ބައްދާނެ ކަފާލިތަން ފެހުމުގެ ކުރިން. ދެން އޭގެން ނާރެއް ނުބެދި ހުރީ ނޫނީ ބެއްދި ނާރެއް ފަޅައިގެން ގޮސްގެން ލޭ އައިސް އެއްކޮށް ލޭ ދަށަށްގޮސް ގުނަވަންތަކަށް ބޭނުންވާ ވަރަށް ލޭ ފޯރުކޮށްނުދެވުމުން ހުއްޓުނީ. ދެން އެކޮޅު އައިސީޔޫގަ ފަރުވާ ދީފަ މާލެ ފޮނުވާލީ." ތިން ކުދިންގެ މަންމައެއް ކަމަށްވާ، އެ އަންހެން މީހާގެ ހާލު ސީރިއަސްވި ގޮތް ހިއްސާ ކުރަމުން އާއިލާގެ މެންބަރު ބުންޏެވެ.

އައިޖީއެމްއެޗުގެ ޑޮކްޓަރުންނާ ހަވާލާދީ އާއިލާއިން ބުނި ގޮތުގައި، ހޮސްޕިޓަލަށް ގެންދިޔައިރު ވެސް އަންހެން މީހާގެ ހާލު ވަރަށް ގޯހެވެ. އެކަމަކު ހުއްޓުމެއްނެތި ފަރުވާ ދެމުން އަންނައިރު، ވަރަށް ބޮޑު ކުރިއެރުމެއް ލިބިފައިވާ ކަމަށާއި މިހާރު އެންމެ ބޮޑު މައްސަލައަކަށް ދިމާވެފައިވަނީ ކިޑްނީ މަސައްކަތް ކުރުން ލަސްވުން ކަމަށް އާއިލާއިން ބުންޏެވެ. ލޭގައި އުފައްދާ ވިހަ މާއްދާތައް، ކިޑްނީ މެދުވެރިކޮށް ސާފު ނުކުރެވޭ ކަމަށާއި ދުވަހުން ދުވަހަށް އެ މައްސަލަ ގޯސްވަމުންދާ ކަމަށް އާއިލާއިން ބުންޏެވެ. އަދި މިކަމުގެ ސަބަބުން ކިޑުނީގެ ހާލަތު ދުވަހެއް ދުވަހަކަށް ދަށަށްގޮސް ޑަޔަލިސިސް ހަދަން ޖެހިދާނެ ކަމަށް ޑޮކްޓަރުން ބުނެފައިވާ ކަމަށްވެސް ބުންޏެވެ.

އާއިލާއިން އިތުރަށް ބުނީ މިއީ ލިބުނު ފޫނުބެއްދޭ ވަރުގެ ގެއްލުމެއް ކަމަށާއި މިކަން މިހެން ދިމާވީ ޑޮކްޓަރެއްގެ އިހުމާލަކުން ނޫން ކަމަށާއި މިއީ ނަރުހުންގެ ޒިންމާ އެމީހުންނަށް ރަނގަޅަށް އަދާ ނުކުރެވުމުން ދިމާވި ކަމެއް ކަމަށް ގަބޫލުކުރެވޭ ކަމަށެވެ. ސަބަބެއް ކަމަށް އާއިލާއިން ބުނީ އެޑްމިޓުކޮށްފައި އޮންނަ ބަލި މީހެއްގެ ލޭގެ ޕްރެޝަރާއި އެހެން ހުރިހާ ކަމަކީ ބަރާބަރަށް މޮނިޓާ ކުރެވެން ޖެހޭނެ އެއްޗެއް ކަމަށާއި ހާއްސަކޮށް ބޮޑު އޮޕަރޭޝަނެއް ކޮށްފައިވާ މީހެއް ނަމަ އެކަމަށް ސަމާލުކަން ދީގެން އެކަން ގާތުން ބަލަން ޖެހޭނެ ކަމަށެވެ.

"އޮޕަރޭޝަން ކުރުމުގެ ތެރޭގައި ހާދިސާއެއް ހިނގުމަކީ އެކަށީގެންވާ ކަމެއް. އެކަމަކު ފަހުން، ބަލިމީހާގެ ހާލަތު ވަޒަން ނުކުރުމަކީ އިހުމާލެއް ނޫންތޯ؟ ސިޒޭރިއަނަށް ފަހު ގަޑިއަކު އެއް ފަހަރު ނަމަވެސް އަންހެން މީހާގެ ލޭގެ ޕްރެޝަރު މޮނީޓާ ކުރި ނަމަ ގޯހެއް އުޅޭކަން އެނގުނީސް. އެގޮތަށް ބެލެވުނު ނަމަ މިއަދު އެ އަންހެންމީހާއަށް މިހެން ވުމުގެ ފުރުސަތު ކުޑަވީސް. ލޭ މަދުވެގެންގޮސް ހަތަރު ޕައިންޓަށް ވީމަ މީހާ ޝޮކަކަށް ދިޔައިމަ ކިރިޔާ މިރޭކާލީ ވެސް. މިއީ ހަމަ ބޮޑު އިހުމާލެއް." އޭނާ ބުންޏެވެ.

އާއިލާއިން ވާހަކަ ދެއްކި މީހާ އިތުރަށް ވިދާޅުވީ މި މައްސަލަ ކަމާގުޅޭ އިދާރާތަކަށް ހުށަހަޅާން މިހާރު މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި އަންހެން މީހާ އިތުރު ފަރުވާއަށް ރާއްޖެއިން ބޭރަށް ގެންދިޔުމަށް އާއިލާއިން ބޭނުންވި ނަމަވެސް އޭނާގެ ހާލު މިވަގުތު ސީރިއަސްވުމުގެ ސަބަބުން އެކަމަށް ޑޮކްޓަރުން އަދި ހުއްދަ ނުދޭ ކަމަށް އާއިލާއިން ބުންޏެވެ.

މިކަމާ ގުޅިގެން ގަމު ހޮސްޕިޓަލްގެ ޑެޕިއުޓީ ސީއީއޯ މުހައްމަދު ޝިޔާމް "ވަން" އަށް މިއަދު ވިދާޅުވީ މިކަން ހިނގައި ދިޔަ ގޮތް އެ ހޮސްޕިޓަލުންނާއި ހެލްތު މިނިސްޓްރީން ބަލަމުން އަންނަ ކަމަށެވެ. އަދި އިހުމާލެއް އޮތް ކަމަށް ބުނަން އެނގޭނީ ތަހުގީގަށް ފަހު ކަމަށް އޭނާ ވިދާޅުވި އެވެ.