މޭރީ ބްރައުންގެ ހުޅުމާލޭ އައުޓްލެޓް މާދަމާ ހުޅުވަން ނިންމައިފިއެވެ.

މޭރީ ބްރައުންއިން މިރޭ ފޭސްބުކްގައި ކުރި ޕޯސްޓްގެއްގައި ބުނީ ހުޅުމާލެ އައުޓްލެޓް ހުޅުވުމަށް ހަމަޖެހިފައިވަނީ ހާއްސަ ރަސްމިއްޔާތަކާއެކު މާދަމާ ހަވީރު 4:00 ގައި ކަމަށެވެ.

މޭރީ ބްރައުންގެ ހުޅުމާލެ އައުޓްލެޓް ހުންނާނީ ފެރީ ޓާމިނަލާ އިންވެގެން ހުންނަ ފްލެޓްތައް ކުރިމައްޗަށް ވާގޮތަށް ޖަވާހިރުމާ ހިނގުމުގެ "ވޯޓާސް އެޖް"ގަ އެވެ.

ހުޅުމާލެ އައުޓްލެޓުން އެންމެ ފުރަތަމަ ޑައިން އިން ކުރާ ކަސްޓަމަރުންނަށް ހާއްސަ ސަޕްރައިޒްތަކެއް ލިބިގެންދާނެ ކަމަށް ވެސް މޭރީ ބްރައުންއިން ބުންޏެވެ.

މޭރީ ބްރައުންގެ ހުޅުމާލެ އައުޓްލެޓް އެންމެ ފުރަތަމަ ހުޅުވަން ނިންމީ ޖެނުއަރީ މަހުގެ 15 ވަނަ ދުވަހުއެވެ. ނަމަވެސް އޭރު ކޮވިޑުގެ ހާލަތު ގޯސްވުމުން އައުޓްލެޓު ހުޅުވުން ފަސްކުރީކަމަށް މޭރީ ބްރައުންގެ ހިންގާ ލިލީ އިންޓަނޭޝަން ކޮމްޕެނީގެ މެނޭޖިން ޑިރެކްޓަރު އާމިރު މަންސޫރު މީގެ ކުރިން "ވަން" އަށް ވަނީ ވިދާޅުވެފައެވެ.

ކުރީގެ މަޝްހޫރު ޓެނިސް ކުޅުންތެރިޔާ އާމިރު މަންސޫރު ވިދާޅުވެފައިވަނީ މޭރީ ބްރައުންގެ ހުޅުމާލެ އައުޓްލެޓު ޑިޒައިން ކޮށްފައިވަނީ މާލޭގެ ހުންނަ މޭރީ ބްރައުންއަށްވުރެ އެތައް ގުނަ ރީތިކޮށް ކަމަށެވެ.

ވޯޓާސް އެޖް އިމާރާތުގައި މޭރީ ބްރައުންގެ އައުޓްލެޓެއްގެ އިތުރުން ޕިއްޒާ މިއާ އާއި ސީކްރެޓް ރެސިޕީގެ އައުޓްލެޓެއްވެސް ހުޅުވާނެ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

މޭރީ ބްރައުންއަކީ ހުރިހާ އުމުރުފުރައިގެ މީހުންގެ މެދުގައި މަގުބޫލުކަން ލިބިފައިވާ ރެސްޓޯރެންޓެކެވެ.