ކޮވިޑު ޖެހިގެން އިތުރު މީހަކު މަރުވެ، މި ބަލީގައި ރާއްޖެއިން މަރުވި މީހުންގެ ޖުމުލަ އަދަދު 289 އަށް އަރައިފިއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީން މިއަދު ބުނީ އޭޑީކޭ ހޮސްޕިޓަލްގައި އެޑްމިޓްކޮށް ފަރުވާދެމުންދިޔަ 81 އަހަރުގެ ދިވެހި އަންހެނަކު މިއަދު ހަވީރު 4:20 ގައި މަރުވެފައިވާ ކަމަށެވެ.

މިއީ ކޮވިޑް ޖެހިގެން މިމަހު މަރުވި 13 ވަނަ މީހާއެވެ. އިއްޔެވެސް ވަނީ ކޮވިޑް ޖެހިގެން މީހަކު މަރުވެފައެވެ.

މިއަދުގެ މަރާއެކު ރާއްޖެއިން ކޮވިޑު ބަލީގައި މަރުވި މީހުންގެ އަދަދު ވަނީ 289 އަށް އަރައިފައެވެ. އެއީ 270 ދިވެހީންނާއި 19 ބިދޭސީންނެވެ.

ކޮވިޑު ބަލީގައި ރާއްޖެއިން އެންމެ ގިނަ މީހުން މަރުވެފައި ވަނީ 2020 ވަނަ އަހަރުގެ މެއި މަހުގެ 25 ވަނަ ދުވަހުއެވެ. އެ ދުވަހު 13 މީހަކު މަރުވެފައިވެއެވެ.